ފަސްކުރި ދޯނި ލ.ގަމު ބަނދަރުގައި
ފަސްކުރި ދޯނި ލ.ގަމު ބަނދަރުގައި

ކޯޓުއަމުރާ އެއްގޮތަށް "ފަސްކުރި" ދޯނީގެ ފަޅުވެރިން ދޯނިން ފައިބާ އޮޑިވެރިޔާއާ ދޯނި ހަވާލުކޮށްފި

ކޯޓުއަމުރާ އެއްގޮތަށް "ފަސްކުރި" ދޯނީގެ ފަޅުވެރިން ދޯނިން ފައިބާ އޮޑިވެރިޔާ އާއި ދޯނި ހަވާލުކޮށްފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން ފަސްކުރި ދޯނީގެ ވެރިޔާ އިދުރީސް ހުސައިން ވިދާޅުވީ، ދޯނީގައި ތިބި މަސްވެރިން ބޭނުންވި ގޮތަށް އެމީހުން ލ. ހިތަދުއަށް ގެންގޮސްދީފައިވާ ކަމަށެވެ.

"ދޯނި މިހާރު ވަނީ އަޅުގަނޑާ ހަވާލުކޮށްފަ. ދޯނީގައި ތިބި ފަޅުވެރިން އެދުނީ އެމީހުން ލ.ހިތަދުއަށް ގެންގޮސްދިނުމަށް. އަޅުގަނޑުގެ ޚަރަދުގައި އެމީހުން ހިތަދުއަށް ގެންގޮސްދީފިން. އެމީހުން ހިތަދުއަށް ގެންދިޔައީ ދޯނީގައި ހުރި އެމީހުން ބޭނުންވާ ހުރިހާ ތަކެއްޗާއެކު." އޮޑިވެރިޔާ ބުންޏެވެ.

ލ. ގަމު މެޖިސްޓްރޭޓުގައި ދޯނީގެ އޮޑިވެރިޔާ އިދުރީސް ހުސައިން އެދިފައިވަނީ ދޯނި ގަތް ކުންފުނިން އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ އޮޑިވެރިޔާ ދޯނި ހަވާލުކޮށްދިނުމުގެ އަމުރަކަށެވެ.

އިދުރީސް އެދުނު ގޮތަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް "ފަސްކުރި" ދޯންޏާއި ދޯނީގައިވާ އެންމެހައި ތަކެތި އިދުރީސް ހުސައިންއާ ވަގުތުން ހަވާލުކުރުމަށް ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ. އަދި  ދޯނީގައި ތިބި މީހުންނާއި އެ މީހުންގެ އަމިއްލަ ތަކެތި ވެރި ފަރާތުގެ ހުއްދަ އާއި އެކު ހަ ގަޑިއިރު ތެރޭގައި ދޯނިން ބޭލުމަށާއި، މި މައްސަލަ ވަކިގޮތަކަށް ނިމެންދެން "ފަސްކުރި" ދޯންޏަށް ދޯނީގެ ވެރިފަރާތުގެ އިޒުނައެއް ނެތި އެއްވެސް ފަރާތަކުން ދޯންޏަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އިދުރީސް ބުނީ އެއްބަސްވުމާ އެއްގޮތަށް ދޯންޏަށް ފައިސަ ނުދައްކާތީ މިމަސައްލަ ހައްލުކުރުމަށް އެތައް ދުވަހަކު، އެތައް ފަހަރަކު ދޯނި ގަތް ފަރާތާ ވާހަކަދެކެވިފައިވާކަމަށާއި، މިގޮތަށް ދޯނި ހިފަހައްޓަން ޖެހުނީ އެހެން ގޮތެއް ނެތިގެން ކަމަށެވެ.

"7 މިލިޔަން ރުފިޔާއަށް ދޯނި ވިއްކީ މީގެ 2 އަހަރު ކުރިން. މިވީ 2 އަހަރު ތެރޭގައި އެންމެ 7 ލައްކައެއްހާ ރުފިޔާ ދައްކާފަމިވަނީ. އިންޖީނަށްވެސް ލާރި ދައްކަނީކީ ނޫން. އެއްބަސްވުމުގައި އޮންނާނެ ދޯނި އަނބުރާ ވެރިފަރާތަށް ނެގޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފަ. އަޅުގަނޑުމެން އެއްގޮތަށްވެސް ތޫނުހަތިރާއެކު ދޯންޏަށް އަރާ ފަޅުވެރިންނަށް ބިރެއް ނުދައްކަން. އަޅުގަނޑާ އަޅުގަނޑުގެ ކުދިން އަދި ރައްޓެހިން ދޯންޏަށް ގޮސް ދޯންޏާ ހަވާލުވީ. އެކަން އެގޮތަށް ކުރަންޖެހުނީ އެހެން ގޮތެއް ނެތިގެން. އެއްވެސް ހަމަނުޖެހުމެއް ނުހިންގަން." އިދުރީސް ބުންޏެވެ.

ސ.ހިތަދޫގައި ދުއްވާ ފަސްކުރި ދޯނި ލ. ގަމަށް ގެންގޮސްފައިވަނީ ލ.އަތޮޅު ވަޑިނޮޅު ކައިރީގައި އެންދަމަން ދިއްލައިގެން އޮއްވާ ދޯނީގެ ވެރިފަރާތާއެކު 30 މީހުންގެ ގްރޫޕަކުން ދޯންޏަށް އަރައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!