ގއ. ދާންދޫ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދެމުން އެބަގެންދެއެވެ.
"މަސްވެރިން" އޮންލައިނަށް މައުލޫމާތު ދިން ދާންދޫ ރައްޔިތަކު ބުނީ، މިއަދުގެ ވަގުތެއްގައި މަސްވެރިޔާގެ ލޮލަށް ބުޅި ހެރިގެން ރަށަށް ގެނަސް އެރަށު ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދާކަމަށާއި، އޭނާއަށް އިތުރު ފަރުވާ ދިނުމަށް އެއަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް އެ މަސްވެރިޔާގެ ހާލު ސީރިއަސް ނޫންކަމަށް މަޢުލޫމާތު ލިބެއެވެ.
މިދިޔަ މަހުވެސް ވަނީ މިފަދަ 2 ހާދިސާއެއް ހިނގާ، ސިފައިންގެ އެހީގައި އެ ދެމީހުން އަވަސް ފަރުވާއަށް މާލެގެނެސް ފަރުވާ ދީފައެވެ. އޭގެތެރެއިން އެކަކު އިންޑިއާއަށް ގޮސްވެސް ފަރުވާ ހޯދިއެވެ.
މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މަދުން ނަމަވެސް ދިމާވަމުން އަންނަ ނުރައްކާތެރި ކަމެކެވެ. މީގެސަބަބުން ލޮލުގެ ފެނުން ގެއްލިފަވެސް އެބަހުއްޓެވެ. މިކަމުން ސަލާމަތް ވުމަށްޓަކައި ދޮށި އަޅާއިރު އަމިއްލަ ސަލާމަތަށް ކުރަންޖެހޭ ކަންކަން ކުރުން ވަރަށް މުހިންމެވެ. ދޮށި އަޅާއިރު ހެލްމެޓް އެޅުމާއި، މިކަމަށް ޚާއްޞަ އައިނު ނުވަތަ ލޮލުގައި އަޅާ މާސްކު ފަދަ ބާވަތްތައް ބައެއް ދޯނިފަހަރުގައި މިހާރު ބޭނުން ކުރަމުން ދެއެވެ.