މަސްވެރިކަމާއި ގުޅޭ

ރާބުޅާ - ފޮޓޯ: ފްލިކްއާރް

ރާބުޅާ

ރާބުޅާއަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަ ހިސާބުތަކުގައި ވަރަށްގިނައިން އުޅޭ ބާވަތެކެވެ. ފަރުފަޅުގައި ދާއަޅައިގެންނާއި ފަޅުގެ އުރަފަށްކައިރިން މޫދުފެހިއަޅައިގެން ރާބުޅާބާނައެވެ. މިއީ ދިވެހުން ކެއުމަށް ބޭނުންކޮށްއުޅޭ މަހެކެވެ. ރާބުޅާއަކީ މިޢާއިލާގައި އެންމެ ގިނައިން އުޅޭ ވައްތަރެވެ. މިބާވަތް ޢާއްމުގޮތެއްގައި އުޅެނީ އެއް ސައިޒަކުން އައިން ހަދައިގެންނެވެ. ރާބުޅާ އެންމެ ބޮޑުވަނީ 27 ސެންޓިމީޓަރަށެވެ. ރާބުޅާއަކީ ވަރަށް ފަތިކޮށް ހުންނަމަހެކެވެ. މަހުގައި ވަރަށް ކުދިކުދި ހުޅުނބު ހުރެއެވެ. މަހުގެ ކަންފަތްގަޑު
ބޮލަށްވުރެ ކުރެވެ. މަހުގެ ހުރަހަށް ކަޅުކުލައިގެ 4 ރޮނގުހުރެއެވެ.

މަހުގެ ނިގޫކޮޅުގެ މަތީގައާއި ތިރީގައި ކަޅުކުލައިގެ ކުރު 2 ރޮނގު ނުގުޅިހުރެއެވެ. މަހުގެ ކުލައަކީ ފެހިކުލައަކަށްދާ ރީނދޫކުލައެކެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ހުދުކުލައެކެވެ. މަހުގެ ކޮތަރިތަކުގެ ކުލައަކީ އަޅިކުލައެކެވެ. މަހުގެ ނިގޫފަތާއި މަހުގެ ދެފަރާތުގައި އެހެނިހެން "ކާޅު" އާއިލާގެ މަސްތަކެކޭ އެއްގޮތަށް ތޫނު ކުރަގަޑެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 23 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 20 މަޑުކަށިހުރެއެވެ. މަހުގެ ކާނާއަކީ މޫދުފެއްސެވެ. ކުދި ރާބުޅާ ތިލަފަޅުމަތީގައި ހެދިފައިހުންނަ ފުންކޮޅުތަކުގައި ގިނަ ޢަދަދަކަށް އުޅެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Convict surgeonfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!