މަސްވެރިކަމާއި ގުޅޭ

ދިދަމަސްބިބީ - ފޮޓޯ: ޖަންގްލް ޑްރެގަން

ދިދަމަސްބިބީ

ދިދަމަސްބިބީއަކީ ރާއްޖޭގެ ފަރުޕަޅުތަކުގެ ބޭރުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަހުގެ ބައްޓަމުން ބިބީޢާއިލާގެ ގިނަމަސްމަހާ ތަފާތުކަމުގައިވިޔަސް މިއީ ބިބީޢާއިލާގެ މަހެކެވެ. މިމަހަށް ދިވެހިން ދިދަމަސްކިޔާ އުޅެއެވެ. މިނަން ކިޔާ އުޅެނީ ހަމައެކަނި މިމަހަކަށްނޫނެވެ. މިސިފައަށްތިބޭ ހުރިހާމަހަކަށްވެސް ދިދަމަސްކިޔާއުޅެއެވެ. މިނަން ކިއިފައި އެވަނީ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހުންނަ ނަރުވައެއްގަ ސަބަބުންކަމަށް ލަފާކުރެވެއެވެ. ވުމާއެކު މަހެއްކަން އަންގައިދޭގޮތަށް މިހާރުވެސް މިމަހަށް ކިޔާއުޅޭނަމާއި ގުޅުވައިގެން މިމަހަށް "ދިދަމަސްބިބީ" ކިޔާފައިވަނީއެވެ.

މިމަސް ގާތްގަޑަކަށް 23 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ. ފަރުފަރުގެ ބޭރުން އެކަހެރިކޮންނާއި ޖޯޑުޖޯޑަށް އަދި ކުދިއައިން ހަދައިގެންވެސް މިމަސް އުޅެއެވެ. މިއީ ޓޭންކުތަކުގައި ގެންގުޅެން ފަސޭހަ ހުރިހާބާވަތެއްގެ ތައްޔާރީކާނާ ކައިއުޅޭ މަހެކެވެ. ނަމަވެސް މަހުގެ ޢާއްމުކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި ފަނިފަކުސައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 24 އާއި 27 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ކޮޅަށްވަށްކޮށެވެ.

މަހުގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ހުރަހަށް ކަތިކޮށް ހުންނަ ވަރަށް ފުޅާ ކަޅުކުލައިގެ ދެ ރޮނގުހުރެއެވެ. މަހުގެ ކަންފަތްގަޑާއި ނިގޫފަތް އަދި މަތީ ކޮތަރިބައިގެ ކުލައަކީ ރީނދޫކުލައެވެ. ބަނޑުދަށްފަރާތުގައި ހުންނަ ހަރުކަށިތައް ހުންނަނީ ކަޅުކުލައިގައެވެ. މަހުގެ މަތީގައި ހުންނަ ނަރުވާގެ ކުލައަކީ ހުދުކުލައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Long-fin bannerfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!