އެއްގަމާއި ކަނޑުގެ ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ފުވައްމުލަކާއި އައްޑޫ އަކީ 'ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް' އެއް ކަމުގައި ކަނޑައަޅައިފިއެވެ.
މި ދެ އަތޮޅަކީ 'ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް' ގެ ގޮތުގައި ކަނޑައެޅީ، 'އިންޓަނޭޝަނަލް ކޯޑިނޭޓިންގ ކައުންސިލް އޮފް މޭން އެންޑް ބަޔޮސްފިއަރ ރިޒާވު' ގެ 32 ވަނަ ބައްދަލުވުމުގައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ޔުނެސްކޯގެ ނިންމުމާއި ގުޅިގެން އިއްޔެއިން ފެށިގެން އެ ދެ އަތޮޅަކީ 'ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް' އެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން މިދެ އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ހުރިހާ ސަރަހައްދުތަކަކީ، ޤުދްރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ޤަވާއިދުގެ ގިންތި 1- 'ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދުތައް' ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ފުވައްމުލަކާއި އައްޑޫއަކީ އެއްގަމާއި ކަނޑުގެ ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ޚާއްޞަ ދެ އަތޮޅެވެ. އަދި ޒަމާނުންސުރެ ފުޅާދާއިރާއެއްގައި، ދިރޭތަކެތީގެ ނަސްލުތަކާއި އިންސާނުންގެ ހަރަކާތްތަކާ ގުޅިލާމެހިފައިވާ ރައްޔިތަކު ދިރިއުޅެމުންދާ ދެ އަތޮޅެވެ.
'ކޮންމެ އަތޮޅެއްގައި ބައިނަލްއަޤްވާމި މިންގަނޑުތަކަށް ފެތޭގޮތަށް ޙިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ' ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދެކެވެ. މިއަމާޒަށް ވާސިލުވުމުގެ ގޮތުން ފުވައްމުލަކާއި އައްޑޫ އަކީ 'ޔުނެސްކޯ މޭން އެންޑް ބަޔޮސްފިއަރ ރިޒާވް ޕްރޮގްރާމް' ގެ ދަށުން 'ބަޔޮސްފިއަރ ރިޒާވްސް' ގެ ދަރަޖަ ލިބިފައިވާ ސަރަހައްދަތަކަކަށް ހެދުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ޔުނެސްކޯއަށް ހުށަހެޅީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މިދެ އަތޮޅުގެ އިތުރުން 2011 ވަނަ އަހަރު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅުނު ބ.އަތޮޅާއިއެކު މިހާރު ރާއްޖޭގެ 3 ސަރަހައްދެއް ވަނީ ބަޔޯސްފިއަރ ރިޒާވް ގޮތުގައި ކަނޑައަޅާފައެވެ.
ރައީސް އޮފީހުން މީގެކުރިން ބުނެފައިވަނީ، މި ދެ އަތޮޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވި އެންމެ ބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭ ތަކެތީގެ ބޭނުން ހިފުމުގައްޔާއި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީ ކަމަށެވެ. އެގޮތުން މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، މިދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުވުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ.
އަދި މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމުން ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް މައިގަނޑު ތިން ބަޔަކަށް ވަނީ ބެހިފައެވެ. އެއީ ކޯ އޭރިޔާ، ބަފަރ ޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.



