fares boi

ފުވައްމުލަކު ހުޅަނގުން އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފި

ފުވައްމުލައް ސިޓީގެ ހުޅަނގުން އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ގޮސްފިއެވެ.

މިކަނދުފަތި އަޅާފައިވަނީ ފުވައްމުލައް ސިޓީގެ ހުޅަނގުން 15 ނޯޓިކަލް މޭލު ބޭރުންނެވެ. ކަނޑައިގެންދިޔަ ކަނދުފަތީގެ ބޮއި ނަމްބަރަކީ 477 އެވެ. މި ކަނދުފައްޗަކީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ހަރުކޮށްފައިވާ ކަނދުފައްޗެކެވެ. ފުވައްމުލައް ސިޓީ ވަށައިގެން ޖުމްލަ 3 ކަނދުފަތި ހަރުކޮށްފައިވެއެވެ. މީގެތެރެއިން 2 ކަނދުފަތި ހަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފުވައްމުލައް ސިޓީގެ ހުޅަނގުން ކަނޑައިގެން ދިޔަ ކަނދުފައްޗާއެކު ރާއްޖޭގެ ކަނދުފަތީގެ ވިއުގައިން ޖުމްލަ 4 ކަނދުފައްޗެއް މިހާރު ވަނީ ކަނޑައިގެން ގޮސްފައެވެ. އެއީ އައްޑޫސިޓީ ހިތަދޫ ބޭރުގައި އަޅާފައިވާ ކަނދުފައްޗާއި ރ.ކަނދޮޅުދޫ ބޭރުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތީގެ އިތުރުން އދ. މާމިގިލީ ބޭރުން ކަނޑައިގެން ގޮސްފައިވާ ކަނދުފައްޗެވެ. މިކަނދުފަތިތައް ހަރުކުރުމުގެ މަަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.

ކަނދުފައްޗަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!