ތޫނު އެއްޗިއްސާއެކު "ފަސްކުރި" ދޯންޏަށް ބަޔަކު އެރި މައްސަލާގައި ހައްޔަރު ކުރި މީހުން ދޫކޮށްލުމުން އެމައްސަލަ އިސްތިއުނާފް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ހުށައަޅައިފިއެވެ.
ފުލުހުން ބުނީ، ދޯންޏަކަށް ތޫނު އެއްޗިއްސާއެކު ބަޔަކު އެރި މައްސަލައަކީ ފުލުހުން ތަޙްޤީގު ކުރަމުންދާ މައްސަލައެއް ކަމަށާއި، މައްސަލާގައި ވަށައިގެންވާ ހުރިހާކަމެއްވެސް ތަޙްޤީގުގެ ތެރެއިން ބަލާނެ ކަމަށެވެ.
އަދި މި މައްސަލާގައި މިހާތަނަށް ހައްޔަރުކުރި 16 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާތީ، އެމައްސަލަ އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން މި މައްސަލާގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ނުވަތަ މިފަދަ ކަންކަމުގައި ފުލުހުން އަމަލުކުރާ އުޞޫލްތަކާ ޚިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރސް ކޮމާންޑަށް ނުވަތަ ނޭޝަނަލް އިންޓަރގްރެޓީ ކޮމިޝަނަށް ހުށައެޅުމަށް އެދޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ލ.އަތޮޅު އެތެރެވަރިން ވަޑިނޮޅު ކައިރީގައި އެންދަމަން އޮއްވާ ތޫނު އެއްޗިއްސާއިއެކު ފަސްކުރި ދޯންޏަށް ބަޔަކު އެރީ، މިމަހުގެ 25 ވަނަ ދުވަހުގެ ރޭއެވެ.
އެ ދޯނީގައި ތިބި މަސްވެރިން ބުނީ، ތޫނު އެއްޗިއްސާއިއެކު ދޯންޏަށް އެރި މީހުން ކެޕްޓަނަށް ވަޅިން ބިރު ދައްކައި ރަހީނުކޮށްގެން ދޯނި ލ.ގަމަށް ގެންގޮސްފައިވާ ކަމަށެވެ.
ދޯނީގެ އޮޑިވެރިޔާ ބުނެފައިވަނީ، އެގޮތަށް ދޯނި ގެންދަން ޖެހުނީ ދޯނި ގަތުމަށް ވި އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަމުން ނުދާތީ ކަމަށެވެ. ނަމަވެސް ތޫނު ހަތިޔާރާއެކު ދޯންޏަށް އެރިކަމަށް ދެކެވޭ ވާހަކަ އޮޑިވެރިޔާ ދޮގުކުރެއެވެ.