މަސްވެރިކަމާއި ގުޅޭ

ދިވެހި މަސްދޯންޏެއް- ފޮޓޯ: މަސްވެރިން
ދިވެހި މަސްދޯންޏެއް- ފޮޓޯ: މަސްވެރިން

މަސްދޯނިފަހަރުގައި މޮނިޓަރިން ސިސްޓަމް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

މަސްދޯނި ފަހަރުގައި މޮނިޓަރ ކުރާ ސިސްޓަމްތައް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ މިއީ ވޯލްޑް ބޭންކްގެ އެހީގައި، އެ ބޭންކުން ކުރިއަަށްގެންދާ "ސަސްޓައިނަބަލް ފިޝަރީޒް ރިސޯސަސް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ މަސްވެރި އުޅަނދު ފަހަރުގެ ތެރެއިން މިކަމަށް އެދި ހުށައަޅާ އުޅަނދުތަކުގައި މި ސިސްޓަމް ހަރުކުރާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރަށް މި ޚިދުމަތް ހޯދުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު ފޯމު ހުށަހެޅުމުގެ ވަކި ސުންގަޑިއެއް ކަނޑައަލާފައެއް ނުވެއެވެ. މިކަމަށް އެދި ހުށަހަޅާ ފޯމް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިމަޝްރޫގެ ދަށުން އުޅަނދުފަހަރުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ހިމެނޭ ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ އުރީދޫ މޯލްޑިވްސްއިންނެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލްކުރަން ޖެހޭނީ އުރީދޫއަށްކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ވެސަލް ލޮކޭޓިންގް ޑިވައިސް އަކީ އުޅަނދު ހަރަކާތްތެރިވަމުންދާ ސަރަޙައްދު ވަގުތުން ބަލައިލެވޭ ސިސްޓަމެކެވެ. މި މަޝްރޫޢުއަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ދިވެހި މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދާ މަސްވެރިކަމަކަށް ހެދުމަށްޓަކައި، ކުރިއަށްގެންދާ މަޝްރޫޢެއްކަމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މި ސިސްޓަމްތައް ހަރު ކުރުމަށް ހަމަޖެހިފައިވަނީ ލައިސަންސް ލިބިގެން ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެއްޔާއި އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!