މަސްވެރިކަމާއި ގުޅޭ

ދަންބޮޑު - ފޮޓޯ: ރީފްލައިފްސާވޭ

ދަންބޮޑު

ދަންބޮޑު ނުވަތަ "ލޯބޮޑު" އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައްޔާއި ފަޅުތެރޭގެ ގާތަކުގެތެރޭގައި އުޅޭމަހެކެވެ.

"ދަންބޮޑު" މިނަމުން ނަންދެވިފައިވާ ގިނަ ޢަދަދެއްގެ މަސް ރާއްޖޭގައި އުޅެއެވެ. ވުމާއެކު މިދަރިކޮޅުގެ ކޮންމެވެސް އެއްވައްތަރަކަށް "ދަންބޮޑު" މިނަންކިޔާފައި ބޭއްވުމަކީ ރަގަޅުގޮތެއްކަމުގައި ދެކި މިމަހަށް "ދަންބޮޑު" ކިޔާފައިވަނީއެވެ. ދަންބޮޑަކީ ދިވެހިމަސްވެރިން ދަންނަ، ރޭގަނޑުކުރާ ކެޔޮޅުކަމުގައި ބޭނޭ މަހެކެވެ. މިއީ ޢާއްމުގޮތެއްގައި ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. އެއީ މަހުގެ ކުޑަކަމުންނާއި ކަށިތައް ގިނަވެފައި، ކަށިތަކުގެ ވަރުގަދަކަމުންނެވެ.

މިއީ ޢާއްމުގޮތެއްގައި 10 މީޓަރަށްވުރެ ފުން ހިސާބުތަކުގައި އުޅޭމަހެކެވެ. ނަމަވެސް ހަނދުވަރުގެ އައްޔާއި، ބޮކި އައްޔަށް ބައިބަޔަށް ތިލަވެއުޅެއެވެ. މިގޮތުން ތިލަވެއުޅޭއިރު ކުދިބުޅީގައި ފަސޭހައިން ބޭނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 11 ނުވަތަ 12 މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 18 ސެންޓިމީޓަރަށެވެ.

މަހުގެ ކުލައަކީ ވަރަށްވިދުންހުރި މަޑުރަތްކުލައެކެވެ. މަތީކޮތަރިބައިގެ ހަރުކަށި ހުންނަނީ ރަތްކޮށް، ކޮޅު ހުދުކުލައެއްގައެވެ. މަހުގެ އެހެނިހެން ކޮތަރިތަކާއި ނިގޫފަތް ހުންނަނީ ރަތްކުލައިގައެވެ. ނިގޫފަތުގެ މަތީކައިރިއާއި ތިރީކައިރި ހުންނަނީ ހުދުކުލައެއްގައެވެ. އެހެނިހެން ކޮތަރިތަކުގެ ކުރީބައި ހުންނަނީވެސް ހުދުކޮށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Immaculate soldierfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!