މަސްވެރިކަމާއި ގުޅޭ

މަސްވެރިންގެ ދުވަހުގެ ފޯރަމްގައި ޝަފީގް ވަހާކަދައްކަނީ
މަސްވެރިންގެ ދުވަހުގެ ފޯރަމްގައި ޝަފީގް ވަހާކަދައްކަނީ

މަސްވެރިކަމަކީ އާމްދަނީ ހޯދަން ކުރަން ހަމަ އެންމެ ރަނގަޅު މަސައްކަތް: ކެޔޮޅު ޝަފީޤް

ގދ.މަޑަވެލީ ކެޔޮޅު ޝަފީޤް ނުވަތަ އެންމެން ދަންނަ ކަމަނަ ދޯނީގެ ކެޔޮޅު ޝަފީޤަކީ، މަސްވެރިކަމުގައި ދެގޮތެއް ނެތި މަސައްކަތް ކުރަމުންދާ ހީވާގި ކެޔޮޅެކެވެ. އުމުރުން 15 އަހަރުގައި ބައްޕައާއިއެކު މަސްވެރިކަމަށް ނިކުތް ޝަފީޤު ބުނީ، މިހާރު މިމަސައްކަތް ކުރާތާ ގާތްގަނޑަކަށް 41 އަހަރުވެދާނެ ކަމަށެވެ.

"މަސައްކަތް ފެށުނީ، އަސްލު ބައްޕައަކީ، ކެޔޮޅެއް. ކުރީ ޒަމާނުއްސުރެ ފެށިގެން. އެހެންވީމާ ވީގޮތަކީ މާލޭގައި ދިރިއުޅުން އުޅެލާފައި ރަށަށް ބަދަލުވީ ގޮތަށް ބައްްޕައާއި އެކީގައި މަހަށް ދާން ފެށީ. ދެން މަހަށް ދާން ފެށި ގޮތަށް މިއީ މާ ގަޔާވާ ކަމަކަށް މިކަން ވީ. އެހެންވީމާ ވަރަށް ފޯރިއާއި ޖޯޝުން ކުރި މަސައްކަތެއް މިއީ." މަސައްކަތް ފެށި ގޮތް ކިޔާދެމުން ޝަފީޤް ބުންޏެވެ.

ފުރަތަމަ މި މަސައްކަތަށް ނިކުތްއިރާއި، މިހާރު މިކަމަށް އައިސްފައިވާ ކުރިއެރުންތަކާއި ކުރި ތަޖުރިބާތައް ޙިއްސާކުރަމުން ޝަފީޤް ބުނީ، މިހާރު މިމަސައްކަތްކުރެވޭނީ ތަޢުލީމް ލިބިގެންތިބި ޒުވާން ކުދިންނަށް ކަމަށެވެ. މަސްވެރި އޮޑިތަކަށާއި، ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކަށް ބެލި ނަމަވެސް ކުރިއާއި އަޅާބަލާއިރު މިހާރު މިމަސައްކަތް ކުރާ ގޮތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޝަފީޤް ފާހަގަކުރިއެވެ.

ޝަފީގް، ދޯނީގެ މަސްވެރިންނާއިއެކު ލައިޓް މަރާމާތް ކުރުމުގެ މަސައްކަތުގައި

"ކުރިން ރިޔާ ދޯނި ފަހަރާއި، އިންޖީނު ދޯނިފަހަރު ވަރަށް ތަފާތުކޮށް މަސައްކަތްކުރީ. އިންޖީނު ދޯނި ފަހަރުވެސް މީގެކުރިއާއި އަޅާބަލާއިރު ވަރަށް ތަފާތު. އެންމެފަހުގެ ވަސީލަތްތައްވެސް ހުންނާނެ އަހަރެމެން ދޯނި ފަހަރުގައި ބަހައްޓާފައި. އަޅުގަނޑު ދަންނަވާނީ މިއީ ރާއްޖޭގެ ޒުވާނުން ކުރަން ހަމަ ވަރަށް ރަގަޅު މަސައްކަތެކޭ. ހަގީގަތުގައި މިކަންވެސް މިހާރު ކުރެވޭނީ ތަޢުލީމީ ކުދިންނަށް. މިހެން މި ދަންނަވަނީ އެންމެފަހުގެ ޓެކްނޮލޮޖީ ސާމާނުތައް މިހާރު މި ބޭނުންކުރަނީ. އަހަރެމެންނަކަށް ނޭނގޭނެ އިނގިރޭސިން ލިޔެފަ ހުންނަ އެއްޗެއް. މިހާރު މިތިބަ ކުދިންނަށް އެނގޭނެ ހުރިހާ ސާމާނަކާ ކުޅެން." ޝަފީޤް ބުންޏެވެ.

މަސްވެރިކަމުން ލިބުނު އާމްދަނީން 10 ކުދިން ބޮޑުކޮށްފައިވާ ޝަފީޤް ބުނީ، މިކަމަކީ އާމްދަނީ ހޯދަން ކުރަން އެންމެ ރަގަޅު މަސައްކަތްކަމަށް ޝަފީޤު ބުންޏެވެ. ދެގޮތެއްނެތި މިމަަސައްކަތުގައި ކުރިޔަށް ދިޔުމުގައި އެންމެ ބޮޑު ހިތްވަރެއް ކަމަށް ޝަފީޤް ދެކެނީ އާއިލާގެ މެމްބަރުންގެ ފަރާތުން ލިބޭ އެހީތެރިކަމެވެ. ޝަފީޤުގެ ހުރިހާ ދަރިންނާއި، އާއިލާގެ އެންމެންވެސް ދަނީ ޝަފީޤުގެ އިރުޝާދުގެ ދަށުން މިމަސައްކަތުގައި އަމަލީގޮތުން ހަރަކާތެރިވަމުންނެވެ.

"އަޅުގަނޑުގެ ތިބޭނެ 10 ކުދިން. ހުރިހާ ކުދިންވެސް ތިބީ މަސްވެރިކަމުގެ މަަސައްކަތުގައި. އެއްވެސް މީހަކު އިތުރު އެެއްވެސް ތަނެއްގައި ވަޒީފާގައި ނޫޅޭނެ. ހުރިހާ އެންމެންވެސް އުޅެނީ އަހަރެންނާއި އެއްކޮށް މަންމަވެސް ބައްޕަވެސް ދުނިޔޭގައި އެބަތިބި. ރާއްޖޭގައި ނަމޫނާ އެކުވެރި އާއިލާއެއް މިއީ." ޝަފީޤް ބުންޏެވެ.

ޝަފީގް، އާއިލާގެ މެމްބަރުންނާއިއެކު

އާއިލާގެ މީހުންގެ އިތުރުން ޒުވާނުންނާއި މިމަސައްކަތް ދަސްކުރަން ބޭނުންވާ މީހުން މަސައްކަތަށް ނެރުމުގެ އަޒުމުގައި ހުރި ޝަފީޤް ބުނަނީ، މިމަސައްކަތް ކުރަން ބޭނުންވާ ކޮންމެ މީހަކަށް މަސައްކަތް ދަސްކޮށްދިނުމަށް އޭނާ މިހާރުވެސް ހުރީ ތައްޔާރަށް ކަމަށެވެ.

" އަހަރެމެން މިތިބީ ކުދިންނަށް މިކަން ދަސްކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން. ގދ.މަޑަވެލީގައި 99 އިންސައްތަ މަސްވެެރިން އުފެއްދީ، ޝަފީޤް ވަރަށް ފަޚުރުވެރިކަމާއިއެކު މިބުނަނީ. ރާސްތާ ދޯނި ގެނެސްގެން އެދޯނީގައި މަސައްކަތް ކުރި ކުދިން މިހާރު މިއަތޮޅުގައި ނަގާކިޔާ ކުދިންނަށްވެފަ އެބަތިބި. އެއީ އަޅުގަނޑުގެ ދަރިވަރުން." މިމަަސައްކަތް ދަސްކޮށްދިނުމަށް ކުރާ މަަސައްކަތްތައް ހިއްސާކުރަމުން ޝަފީޤު ބުންޏެވެ.

ޝަފީޤުގެ ދޯނިކަމަށްވާ "ކަމަނަ" ދޯންޏަކީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި މަޝްހޫރު ނަމަކެވެ. ޝަފީޤު ބުނީ އޭނާގެ އޮޑިން މަހަށް ދާން ބޭނުންވާ ހަމަ ކޮންމެ މީހަކަަށްވެސް އެފުރުސަތު ލިބޭނެ ކަމަށެވެ. އަދި މިހާރުވެސް ޝަފީޤު ނިސްބަތްވާ ގދ. އަތޮޅުގެ އެކި ރަށްރަށުން މަހަށް ދާން ބޭނުންވާ އެތަށް ބަޔަކު އޭނާގެ އޮޑީގައި މަހަށް ދާކަމަށްވެސް އޭނާ ބުންޏެވެ.

ކަމަނަ ދޯނި

"މަހަށްދާން އަހަރެމެންނާއި އެއްކޮށް އުޅޭނެ ގައްދޫ، ހޯޑެއްދޫ، ތިނަދޫ އަދި ދޭތެރެ ދޭތެރެއިން ރަތަފަންދޫ މީހުންވެސް އާދޭ ހަަމަ ކަމަނަ ދޯނިން މަހަށް ދާން އަންނާނެ ރާއްޖޭގެ އެތަން މިތަނުން މީހުން. މުޅި ރާއްޖޭގެ އެންމެންނަށްވެސް އޮންނާނެ ކަމަނަ ދޯނިން މަހަށް ދިޔުމުގެ ފުރުސަތު. އައްޑޫ ހިތަދޫއިންވެސް އާދޭ މިދޯނިން މަހަށްދާން." ޝަފީޤު ބުންޏެވެ.

ޝަފީޤު މިހާރުވެސް ދަނީ 113 ފޫޓުގެ ބޮޑު އޮޑިއެއް ބަނދެ އެއޮޑި ބޭލުމަށް މަސައްކަތް ކުރަމުންނެވެ. ކެޔޮޅު ޝަފީޤުގެ ކޮންމެ އޮޑިއަކީވެސް މުޅި ރާއްޖެއިން މަސްވެރިކަމަށް ނިކުންނަށް ބޭނުންވާ ހަމަކޮންމެ މީހަކަށްވެސް ހުޅުވާލާފައިވާ ދޮރެކެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ، ވީހާވެސް ގިނަ ބަޔަކަށް މިމަސައްކަތް ދަސްކޮށްދީ މިކަމުގެ ތެރޭގައި ގިނަ ބަޔަކު ޝާމިލްކުރުމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!