ކެއުމުގައި ކަނޑުމަސް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ ދުނިޔޭގެ ކަނޑުތަކުން މަސް ހުސްވުމުގެ ބިރު ބޮޑު ވެއްޖެއެވެ.
ގިނަ ބަޔަކުދަނީ އެއްގަމު މަސް ކެއުމުގައި ބޭނުންކުރާ މިންވަރު މަދުކުރަމުންނެވެ. މިއާ އެކު ކަނޑުމަހަށް އޮންނަ ޑިމާންޑު ބޮޑުވެ، މަހުގެ ސްޓޮކް މަދުވުމުގެ އިތުރަށް ތިމާވެއްޓަށް ލިބޭ އެހެން ގެއްލުންތަކެއްވެސް އެބަހުއްޓެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޗޭންޖިންގ ޓޭސްޓްސް އިން ހާމަކުރާގޮތުން މިދިޔަ އަހަރުތެރޭ އެޤައުމަށް 22 ބިލިއަން ޑޮލަރުގެ މަސް އަދި ސީފުޑް ވަނީ އިމްޕޯޓުކޮށްފައެވެ. މިއީ މީގެ 25 އަހަރު ކުރިއާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއްކަން އެކުންފުނިން ފާހަގަކުރެއެވެ.
ޗޭންޖިންގ ޓޭސްޓްސްގެ ފަރާތުން ކުރިއަށް ގެންދިޔަ ސަރވޭއަކުން ދައްކާގޮތުން އެމެރިކާގެ މީހުންގެ މެދުގައި ގެރިމަސް ކެއުންވަނީ މަދުވެފައެވެ. މިކަން ފާއިތުވި ދެއަހަރުދުވަސްތެރޭ ވަނީ އިތުރުވަމުން ގޮސްފައެވެ.
އަދި ގެރިމަހުގެ ބަދަލުގައި ގިނަ އަދަދެއްގެ ބަޔަކު ކާން ބޭނުންވަނީ ތަފާސް ވައްތަރުގެ ސީފުޑް ކަމަށާއި އޭގެ ތެރޭގައިވެސް ބޯވަ އަދި ކަނޑުމަހަށް އޮންނަ ޑިމާންޑު ބޮޑުކަން އެކުންފުނީގެ ސަރވޭއިން ފާހަގަވިއެވެ.
ދުނިޔޭގެ ގިނަ ހިސާބުތަކުގައި މަސްވެރިކަން ކުރަމުންދަނީ ބެލެހެއްޓުމެއް ނެތި އެވެ. އެގޮތުން ދާ ޖަހައިގެން ކުރާ މަސްވެރިކަމުން، މަހުގެ ދިރުމަށް އަސަރުކުރެވެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި 2050 އަހަރު އަންނަން ވާއިރަށް ކަނޑުތަކުން މަސްހުސްވުމުގު ބިރުވެސް އެބަ އޮތެވެ.