904448_720

އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްގެން މިއަހަރު 80 މަސް ބޯޓެއް އަތުލައިގަނެފައިވޭ!

އިންޑޮނޭޝިއާގެ ޚާއްޞަ އިޤްތިސޯދީ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްގެން މިއަހަރުތެރޭ 80 މަސް ބޯޓެއް އަތުލައިގަނެފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

އިންޑޮނޭޝިއާގެ މެރިޓައިމް އެފެއާޒް އެންޑު ފިޝަރީޒް މިނިސްޓްރީއިން ހާމަކުރާގޮތުގައި މީގެތެރޭގައި ހިމެނެނީ 59 ބޭރުޤައުމުގެ ބޯޓުތައް ކަމަށާއި ބާކީ 19 މަސް ބޯޓަކީ އިންޑޮނޭޝިއާގެ ދިދަ ޖަހައިގެން ޤަވާއިދާ ޙިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓުތަކެއް ކަމަށެވެ.

އަދި އަތުލައިގަނެވުނު ބޯޓުތަކުގެތެރޭގައި ގިނައީ ވިއެޓްނާމްގެ މަސް ބޯޓުތައްކަން އެމިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން އޭގެތެރެއިން 27 މަސްބޯޓެއް ނިސްބަތްވަނީ ވިއެޓްނާމްއަށެވެ.

އަދި ދެން އެންމެ ގިނަ އަދަދަކަށް އަތުލައިގަނެވިފައިވަނީ ފިލިޕީންސް މެލޭޝިއާ އަދި ޓައިވާންގެ މަސްބޯޓުތައް ކަމަށްވެސް އިންޑޮނޭޝިއާގެ ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ޤަވާއިދާ ޙިލާފަށް މަސްވެރިކަން ކުރަމުންދިޔަ މިހާ ގިނަ އަދަދެއްގެ މަސްބޯޓުތައް އަތުލައިގަނެވިފައިވަނީ އެޤައުމުގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅިގެންނެވެ.

އެގޮތުން އެޤައުމުން ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް 24 ގަޑިއިރު ސަލާމަތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!