ފެލިވަރަށް މަސްކިރަން ނަމްބަރު ނަގާފައިވާ ދޯނިފަހަރުގައި 300 ޓަނަށްވުރެ ގިނަ މަސް އެބަހުރިކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވީ، ފެލިވަރަށް ދިމާވެގެން އުޅޭ މައްސަޔަކީ ސްޓޯރޭޖެއް ނެތުމުގެ މައްސަލަކަމަށާއި، ފެލިވަރުން މަސްގަނެގެން އެ މަސް ކައްކާކުރަން ގެންދެންޖެހެނީ ކޫއްޑުއަށް ކަމަށެވެ. ފާއިތުވި ދެ ހަފްތާތެރޭގައި ފެލިވަރުން ކޫއްޑޫއަށް 1400 ޓަނު މަސް ގެންގޮސްފައިވާކަމަށް ފައުޒީ ވިދާޅުފިއެވެ. މިއިން ކޮންމެ ދަތުރެއްގެ ކޮޅަކަށް 36 ގަޑިއިރު ނަގާކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ، މަސްގަތުމަށްޓަކައި ފެލިވަރުގައި މިފްކޯގެ 6 ބޯޓު މިހާރު ހަރަކާތްތެރި ވަމުންދާކަމަށާއި، މީގެތެރޭގައި މިފްކޯގެ އެންމެ ބޮޑު2 ބޯޓުވެސް ހިމެނޭކަމަށެވެ. ފައުޒީ ވިދާޅުވީ، މިއަހަރު މިހާތަނަށް ފެލިވަރަށް 39000 ޓަނު މަސް ގަނެފައިވާކަމަށެވެ.
ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވެ ރާއްޖޭގެ ދެކުނުގެ ދޯނިފަހަރުވެސް އުތުރުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ބައެއް ދޯނިފަހަރުވެސް މިވަގުތު ދޮށީގެ މަސްވެރިކަން ކުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މަސްކިރަން ފެލިވަރުންް ނަމްބަރު ނަގައިގެން އެތައް ދޯންޏެއް ފެލިވަރާއި ނައިފަރު ބަނދަރުގައި އެބަތިއްބެވެ. މީގެތެރެއިން ގިނަ ދޯނިފަހަރުގައި 10 ޓަނަށްވުރެ ބަރުކޮށް މަސް އެބަހުއްޓެވެ. މަސްވެރިން ތިބީ މަސްކިރޭނެ ގޮތެއްނެތި މަހަށް ފުރޭނެ ގޮތެއް ނެތިފައެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވީ، މަސްވެރިން ކުރިއަރާ ދިޔަވަރަށް މިފްކޯ ތަރައްގީ ނުވުމަކީ އެއްމެ ބޮޑު ގޮންޖެހުންކަމަށެވެ.


