މިފްކޯގެ މަސްކިރާ ބޯޓެއް މާލޭ ބަނދަރަށް ފޮނުވާގޮތަށް ހަމަޖައްސައިފިއެވެ.
މިފްކޯއިން އާންމު ކޮށްފައިވާ މިއަދުގެ ޕޯޓް ޕްލާންގައި ވާ ގޮތުން އެކުންފުނީގެ މަސްގަންނަ ބޯޓެއް ކަމަށްވާ "ރަންދި-19" މިއަދު މާލޭ ބަނދަރުން މަސް ގަންނާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވީ، މާލޭ ބަނދަރަށް ބޯޓެއް ފޮނުވަން ނިންމީ މާލޭ ސަރަހައްދުގެ މަސްވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.
މިއަދު މިފްކޯގެ ބޯޓްތައް ހަރަކާތްތެރިވާ ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ބޯޓު މަސްގަންނާނީ ފެލިވަރު ބަނދަރުންނެވެ. މިގޮތުން 3 ބޯޓު ފެލިވަރު ބަނދަރުގައި މަސް ގަންނައިރު މި ބޯޓުތަކަކީ 60 ޓަނުގެ ބޯޓަކާއި 27 ޓަނުގެ ދެ ބޯޓެވެ. މީގެއިތުރުން ގދ. ތިނަދުއާއި ގައްދޫ ބަނދަރުގައި ވެސް މިފްކޯގެ ބޯޓްފަހަރު ހަރަކާތްތެރިވާކަމަށް މިފްކޯގެ ޕޯޓް ޕްލޭންއިން ދައްކައެވެ.
އުތުރުގައި މަސްވެރިކަން ރަނގަޅުވެ ފެލިވަރުން މަސްކިރަނީ ނަމްބަރު ދޫކޮށްގެންނެވެ. މިހާރުވެސް ނަމްބަރު ނަގައިގެން ކިޔުގަ ތިބި ދޯނިފަހަރުގައި 300 ޓަނުގެ މަސް ހުރިކަމަށް މަސްވެރިން ބުނެއެވެ.



