މަސްވެރިކަމާއި ގުޅޭ

އޮއިމަސް - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

އޮއިމަސް

މިއީ ކަނޑުތަކުގައި އުޅޭ މަހެކެވެ. މިމަސް ގިނައިން ފެނިފައި ހުންނަނީ އޮޔާދާ އޮއިވާލިއެތިގަނޑު ތަކުގެ ކައިރިންނެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްނޫނެވެ. މިއީ ސައިޒުން ކުޑަމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ. އަދި މިއީ ދިވެހި މަސްވެރިންނަށް އާދަވެގެން ފެންނަ މަހެއްވެސް ނޫނެވެ. މަހުގެ ހަށިގަޑު ހުންނަނީ ފަތިކޮށް ފުޅާކޮށެވެ. ތުނބާއި ބޯ ހުންނަނީ ކޮޅަށްވަށްކޮށެވެ. މަހުގެ ލޯ ކުޑައެވެ.

އަނގައިގައި ހުންނަނީ އެއްބައަށް ހުންނަ ކުދިދަތްތަކެކެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 9 އާއި 11 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ދެވަނަކޮތަރިބައިގައި 1 ހަރުކަށްޓާއެކު 23 އާއި 28 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 23 އާއި 28 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. ނިގޫފަތް ހުންނަނީ ކަފިކޮށެވެ. މަހުގެ ކުލައަކީ މުށިކުލައެކެވެ. މަހުގެ ކަންފަތާއި ނިގޫފަތް ހުންނަނީ ފަނޑު ރީނދޫކުލައެއްގައެވެ. މުޅި މަހުގައި ރިހި ވިދުންކުލައެއްކުރާއެވެ.

ދިވެހި މަސްވެރިން މިމަހަށް ކިޔާއުޅޭ ވަކިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް އިގިރޭސިބަހުން ކިޔާ ނަމާ ގުޅޭގޮތުން މަހުގެ އުޅުމަށް ވިސްނާ މިމަހަށް "އޮއިމަސް" ކިޔާ ނަންދީފައިވަނީއެވެ. މިމަހަށް މަލިކުގެ މަސްވެރިން ކިޔާއުޅެނީ "ފިޔަލަދަރި" އެވެ. އެބައިމީހުން މިނަމުން ކިޔާ އުޅެނީ މަހުގެ ސިފައަށް ވިސްނާ އެމަހުގެ ބޯ ފިޔަލައިގެ ބޮލާ ވައްތަރުކަމެއްހުންނާތީ ކަމަށްފެނެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Freckled driftfish

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!