މަސްވެރިކަމާއި ގުޅޭ

_DSC2633

މަސްދޯނިފަހަރަށް އަންނަމުންދާ ބަދަލުތައް: މަސްވެރިންގެ ހިއްވަރު

މަސްވެރިކަމަކީ ދިވެހިން އެމަސައްކަތްކަތަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް މަސައްކަތެވެ. އެވޭލާ ޒަމާނުއްސުރެ ދިވެހިންގެ ލޭނާރުގެ ގޮތުގައި މިމަސައްކަތް ފާހަގަކޮށްފައިވަނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ދިވެހިރާއްޖެއަށް ފަތުރުވެރިކަން ފުޅާވުމުގެ ކުރިން ދާދި ފަހަކާއި ޖެހެންދެން ދިވެހިންގެ މުޅި އިޤްތިސާދު ބިނާވެފައި އޮތީ މަސްވެރިކަމުން ލިބޭ އާމްދަނީގެ މައްޗަށެވެ.

1970 އަހަރުތަކުގެ ކުރީކޮޅުގައި ދޯނިފަހަރުގައި އިންޖީނު އެޅުމާއި ހަމައަށް ކާބައިފައިން މިމަސައްކަތްކުރީ ވަރަށް ބުރަކޮށެވެ. ދިޔަލު ދޯނިފަހަރުގައި އަތުން ދިޔަހިއްކާ، އަދި އުނދުޅިން ފެންއެއްލައިގެންނެވެ. ވެހޭހާ ވާރޭއެއްގައި ދިއްލާހާއި އަތްވެއްގައި ކާބައިން މިމަސައްކަތްކުރީ އަނގަމަތި މަސްދޯނީފަހަރުގައެވެ. ދޯނިމަތީގައި ކާންޖެހެނީ ގެއިން ގެންދާ ބަތްދަޅުގައި ހުންނަ ކާއެތިކޮޅު އެކަންޏެވެ.

ދޯނިފަހަރުގައި އިންޖީނު އެޅި ހިސާބުން މަސްވެރިކަން ކުރާ އުޅަނދުފަހަރައްވެސް ބަދަލުތަކެއް އަންނަންފެށިއެވެ. ދޯނިފަހަރުގައި ތައްޓުއެޅުމާއި ދޯނިފަހަރުގައި ކެއްކޭނެ އިންތިޒާމް ހަމަޖެހިގެންދިޔައެވެ. އަދި ދޯނިފަހަރުގެ ޑިޒައިނަށް ބަދަލުއައިސް ދޯނީގެ ސައިޒް ބަދަލުވާންފެށިއެވެ.  މަސްވެރިންކަން ކުރިއެރުމުގެ ގޮތުން ސަރުކާރުން އޮޑިދޯނިފަހަރު ބަނދެ އިންސްޓޯލްމަންޓަށް ދޫކޮށް މަސްވެރިކަން ކުރެވޭނެ ފަހި ގޮތްތަކެއް ހަމަޖެއްސެވިއެވެ. މިގޮތުން ތައާރަފްކުރެއްވި އެންމެ މުހިންމު ވަސީލަތަކީ އޮއިވާލި ކަނދުފައްޗެވެ. އޮއިވާލި ކަނދުފައްޗާއިއެކު މަސްވެރިންގެ ވަތުތަށާއި މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. މަސްވެރިކަން ކުރާގޮތަކަށް އައި ބަދަލާއިއެކު ހަމައެކަނި ދުވާލުގަޑީގައި އެންހިފާ އުސޫލް ބަދަލުކޮށް ރޭގަނޑު ލައިޓް ދިއްލައިގެން އެންވެރިކަން ކުރާ ގޮތަށް މަސްވެރިން ބަދަލުކުރިއެވެ. ވަކަރުން ބަނދެފައިވާ އޮޑިފަހަރު ޒަމާނީ ބޮޑެތި ފައިބަރު ދޯނި ފަހަރަށް ބަދަލުވެގެންދިޔައެވެ.

މި ބަދަލުތަކާއެކު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މަސްދޯނިފަހަރުގެ ޑިޒައިނަށާއި އޭގެ ސައިޒަށް އައި ބަދަލުތަކެވެ. ދިވެހިރާއްޖޭގައި މިހާރު މަސްވެރިކަން ކުރާ ގިނަ އުޅަނދުފަހަރުތަކަކީ ފައިބަރު ބޮޑެތި އުޅަނދުފަހަރެވެ. ދޯނިފަހަރުގައި އޭސީއާއި ޓީވީފަދަ ވަސީލަތްތައް ހުރެއެވެ. މަސްވެރިންނަށް ދޯނީގައި އަރާމްކޮށް ނިދޭގޮތަށް ކޮންމެ މީހަކަށް އެނދުހުންނަ ދޯނިފަހަރުވެސް މިހާރު ރާއްޖޭގައި މަދެއްނޫނެވެ. ދޯނިފަހަރުގައި  ވަކިންހާއްސަ ކައްކާއިން ތިބެއެވެ. ދޯނިފަހަރުގެ ދުވެހި އެތައްގުނައެއް ބާރުވެއްޖެއެވެ. އެއްއިންޖީނުން ނުފުދިގެން ބައެއް ދޯނިފަރުގައި ދެއިންޖީނުވެސް ވަނީ އަޅާފައެވެ.

މިހާރު ދިވެހިން މަސްވެރިކަން ކުރަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރަމުންއައި އޮނު ދޮށިތައް ޒަމާނީ ފައިބަރު ދޮއްޓަށް ބަދަލުކުރަންފެށިއެވެ.

ވެހޭހާ ވާރޭއެއްގައި ދިއްލާހާއަތްވެއްގައި ވަރަށްބުރަކޮށް އަޅުގަނޑުމެންގެ ކާބަފައިން ކުރި މި މަސައްކަތް މިހާރު މިވަނީ މުޅިން ބަދަލުވެ ހައްޓަށް ލުއި ސަޅި މަސައްކަތަކަށް ބަދަލުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!