ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭރުގެ މަސްބޯޓުތަކަށް، ދިވެހި މަސްވެރިންގެ އަތުން ކަނޑުމަސް ގަތުމުގައި ކަސްޓަމްސްއިން ނަގަންޖެހޭ ލައިސެންސްއާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ކަސްޓަމްސްއާއި އެކު މަޝްވަރާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިބައްދަލުވުމުގައި ގަވާއިދު ތަންފީޒުކޮށް ހިންގުމާއި ގުޅޭގޮތުން ކަސްޓަމްސްގެ ފަރާތުން އަދާކުރާނެ ދައުރާއި މިނިސްޓްރީއަށް ފޯރުކޮށްދެވިދާނެ އެހީތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައިވަނީ ސްޓޭޓް މިނިސްޓަރ ހަސަން ރަސީދެވެ.
ބޭރުގެ ބޯޓުފަހަރުތަކަށް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ދަނީ ޤަވާއިދެއް އެކުލަވާލަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެކެވެ.



