ވެލާބިސްވަޅުން ނިކުމެ މޫދާ ހަމައަށް ނުފޯރާ ގަދަ ވަޔާއި އެކު ރަށުތެރެއަށް ދެވިފައިވާ 200 އަށް ވުރެ ގިނަ ވެލާ އެމެރިކާގެ ކޯސްޓު ގާޑުން މޫދަށް ދޫކޮށްލައިފިއެވެ.
އެމެރިކާގެ ފްލޮރިޑާގެ ފޯޓު ލައުޑާޑޭލް ސިޓީއިން ފެނުނު މި ވެލާތައް މޫދަށް ދޫކޮށްލުމުގައި ގަމްބޯ ލިމްބޯ ސީ ޓަރޓަލް ރިހެބިލިޓޭޝަން ސެންޓަރުންވެސް ބައިވެރިވެފައިވެއެވެ. މި ވެލާތައް އަނބުރާ މޫދަށް ދޫކޮށްފައިވަނީ ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާތައް ދިނުމަށް ފަހުގައެވެ.
މި ވެލާތަކުގައިތެރޭގައި އުފަންވިފަހުން ދެތިން ހަފްތާވީ ވެލާ ތަކާއި، ދެތިން މަސް ރިހެބިލިޓޭޝަން ސެންޓަރުގައި ހޭދަކޮށްފައިވާ ވެލާތައް ހިމެނެއެވެ.
އަދި މީގެތެރޭގައި އެކި ބާވަތްތަކުގެ ވެލާތައް ހިމެނެއެވެ. އެގޮތުން ގްރީން ޓާޓަލް ނުވަތަ ވެލާ އާއި ހޯކްސްބިލް ޓާޓަލް ނުވަތަ ދިވެހިން ކިޔާގޮތުންނަމަ ކަހަނބު އަދި ލޮގާރހެޑް ޓާޓަލް ނުވަތަ ބޯބޮޑު ވެލާ ހިމެނެއެވެ. މި ވެލާތައް މޫދަށް ދޫކޮށްލަމުންކޮށްފައިވާ ހިތްގައުމު ވީޑިއޯއެއްވެސް ވަނީ އާއްމުކޮށްފައެވެ.
https://www.youtube.com/watch?v=bFJLxKsgmmc&feature=emb_title
ވެލާ އަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުމެކެވެ. ވެލާ ނެތެމުންދާ އަދަދު ގިނަވަމުންދަނީ އިންސާނީ އަމަލުތަކުގެ ސަބަބުންނެވެ. އެއީ ވެލާ ބިސް ނެގުމާއި، އޭގެ މަސް ކެއުމާއި، އޭގެ ތޮށިގަނޑު ނެގުމާއި، މަސްވެރިކަމުގެ ތެރޭގައި ލިބޭ އަނިޔާ އަދި މޫދު ކުނިން ލިބޭ ގެއްލުމުގެ ސަބަބުންނެވެ.
ވެލާ ނެތިގެން ގޮސްފިނަމަ މޫދު ވިނަ ދަނޑުތަކުގެ ދުޅަހެޔޮކަން ގެއްލި، ކަނޑުގެ އެހެނިހެން ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.



