މަސްވެރިކަމާއި ގުޅޭ

ނޫކާޅު

ނޫކާޅަކީ ރާއްޖޭގެ ފަރުފަރުގެ މުރަކައާއި ގާތަކުގެ ތެރޭގައި ވަރަށް ގިނައިން އުޅޭ މަހެކެވެ.

މޫދުމަސް ދިރުވައިގެން ގެންގުޅޭ މީހުންގެ މެދުގައި ވަރަށް މަޝްހޫރުމަހެކެވެ. ނޫކާޅު ފަރުފަރުމަތީގައި ބައިބަޔަށް އައިން ހަދައިގެން އުޅެއެވެ. އަދި ވަކިވަކިން އުޅޭމަސް ފެތުންތެރިން ނުވަތަ ފީނާމީހުން ފެނުމުން އަވަސްއަވަހަށް ފަރުގެ ގާތަކުގެ ތެރެއިން ނިވާކަން ހޯދައެވެ. މިއީ ހަމައެކަނި އިންޑިއާ ކަނޑުގައި އުޅޭކަމަށް ބެލެވިފައިވާ މަހެކެވެ. ނޫކާޅު ޢާއްމުކޮށް ޙަރަކާތްތެރިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ކާނާގެ ގޮތުގައި ބޭނުންކޮށްއުޅެނީ މޫދުފެއްސެވެ. މަހުގެ ނިގޫކޮޅުގައި ވަރަށް ތޫނު ކުރަގަޑެއްހުރެއެވެ. މިތޫނު ކުރަގަޑަކީ، މިމަސް އޭގެ ދުޝް ކިބައިން ސަލާމަތްވެގަތުމަށް ބޭނުންކުރާ ހަތިޔާރެވެ. މިމަސް އެންމެ ބޮޑުވަނީ 23 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 30 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 28 މަޑުކަށިހުރެއެވެ. މަހުގެ ބޮލުގެ ކުލައަކީ ކަޅުކުލައެވެ. އަދި ކޯތާފަތުގެ ކުލައަކީ ހުދުކުލައެވެ. މީގެ އިތުރަށް ހަށިގަޑުގައި ހަންހުރިހުރިހާ ހިސާބެއްގެ ކުލައަކީ ނޫކުލައެވެ. ބަނޑުދަށްފަރާތު ކޮތާރިބައިގެ ކުލައަކީ އަޅިކުލައެވެ. މަހުގެ ނިގޫފަތުގެ ކޮޅުގައްޔާއި ބުޑުދަށުގައި ހުރަހަށް ކަޅުކުލައިގެ ފުޅާ ދެރޮނގު ހުރެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Blue surgeonfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!