މަތީ ތައުލީމު ޚާސިލްކޮށްފައިވާ އެތައް ޒުވާނުންނެއް މަސްދޯނިފަހަރުގައި މަހަށް!!!

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

އެވޭލާ ޒަމާނުންސުރެ މަސްވެރިކަމާމެދު ދިވެހިން ދެކެމުން އައި ގޮތް މިހާރު މިވަނީ މުޅިން ބަދަލުވެފައެވެ. މީގެކުރިން މަސްވެރިކަން ސިފަކުރެވިފައި އޮތީ ނުކިޔަވާ ނުވަތަ ކިޔެވުމުގެ ފުރުޞަތު ނުލިބުނު މީހުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ވަޒީފާއެއް ނުލިބުމުން ކުރަން އޮންނަ މަސައްކަތެއްގެ ގޮތުގައެވެ. ދަށް މަސައްކަތެއްގެ ގޮތުގައެވެ. ނަމަވެސް އޭރުވެސް މަސްވެރިކަމަކީ ޤައުމުގެ އިޤްތިސާދުގެ އެންމެ މައި ތަނބެވެ. ދިވެހިންގެ ލޭނާރެވެ. ނަމަވެސް އޭރު ތަޢުލީމީ ޒުވާނުން މި މަސައްކަތުގައި ހަރަކާތްތެރި ނުވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ.

2000 ވަނަ އަހަރުގެ ކުރީކޮޅޫ އަތޮޅުތަކަށް ތަޢުލީމް ފުޅާވެ އޯލަވަލް ހެދުމުގެ ފުރުޞަތު އެތައް ކުދިންނަކަށް ލިބެންފެށިއެވެ. މީގެތެރެއިން ބައެއް ކުދިން މަސްދޯނިފަހަރަށް އެރުމުން ބައެއް މީހުންގެ މަލާމާތް ރައްދުވިއެވެ. "ޖީސީ ހަދައިގެން މަހަށް؟ ތި ދެން ކޮންކަމެއް؟ ތިނޫން ކަމެއް ނުފެނުނީތަ؟" މިފަދަ މޭރުމުން އެކުދިންނާ މުހާތަބު ކުރަމުން ދިޔައެވެ.

މަސްވެރިކަމާ މެދު މީހުންދެކޭގޮތް މުޅިން ބަދަލުވެއްޖެއެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކީ މަސްވެރިކަން ކުރުމުގެ ވައްޓަފާޅި ބަދަލުވެ، މިކަމަކީ ޒަމާނީ ފެންވަރުގައި ކުރެވޭ ކަމަކަށް ވުމާއި މިކަމުން ލިބޭ ޢާމްދަނީ އިތުރުވުމާއި އަދި މަސްވެރިކަމާއި މަސްވެރިންނާމެދު މީހުން ދެކޭގޮތް ބަދަލުވުމެވެ. ތަޢުލީމީ އެތަކެއް ޒުވާނުންނެއް މިހާރު މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ދެއެވެ. އަދި މަތީ ތަޢުލީމް ޙާޞިލްކޮށްފައިވާ އެތައް ޒުވާނުންނެއް މަސްވެރިކަމަށް ނިކުމެ، މިކަމުން ލިބޭ ރަނގަޅު ޢާމްދަނީގައި ދިރިއުޅެން ފަށައިފިއެވެ.

މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ގއ. ގެމަނަފުށީ ޒުވާނެއް ކަމަށްވާ އަޙްމަދު ޝާފިޢުއެވެ.

ޝާފިޢުއަކީ، މާސްޓަރ އޮފް އެޑިޔުކޭޝަން ފުރިހަމަކުރައްވައިފައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ތަޢުލީމީ ދާއިރާގައި އުނގަންނައިދިނުމުގައި އިސްފެންވަރެއްގައި މަސައްކަތްކުރައްވައި، ދަރިވަރުންނާއި ބެލެނިވެރިންގެ މަޤްބޫލްކަން ހޯދާފައެވެ. ކިޔަވައި ނިންމުމަށްފަހު 8 އަހަރު މުދައްރިސެއްގެ ގޮތުން ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވިއެވެ. މިހާރު އަޙްމަދު ޝާފިޢުއަކީ މަސްވެރިއެކެވެ. އެންހިފުމަށް ޑައިވްކުރެއެވެ. ދޮށިއަޅަން ކުޅަދާނަ އެވެ. މަސްވެރިކަމާގުޅޭ ހުރިހާ މަސައްކަތް ދަނެއެވެ. އަދި މަސްވެރިކަން އެހެން މީހުންނަށް ދަސްކޮށްދިނުމަށް ޝާފިޢުގެ ޢިލްމީ ޤާބިލްކަން ބޭނުންކުރެއެވެ. މިގޮތުން މަސްވެރިކަން ކިޔަވައިދޭނެ މޮޑިއުލެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް ޝާފިޢު ވަނީ ފަށާފައެވެ.

މުޙައްމަދު އަޤްލީމަކީ، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާޞިލް ކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ. އޭނާ ވަނީ ޝަރީޢާ އެންޑް ލޯއިން ޑިގްރީ ޙާޞިލްކުރައްވާފައެވެ. ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރެއްވުމުގެ ކުރިން އަޤްލީމް ވަނީ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގެ އިސް ވެރިއެއްގެ ގޮތުން އެތައް އަތޮޅެއްގައި މަސައްކަތް ކުރައްވާފައެވެ. އަދި ކުޑަކުދިންގެ ހިޔާގެ ޑިރެކްޓަރ ކަމާއި މި ނޫންވެސް ބައެއް އިސް މަޤާމްތައް ފުރުއްވާފައިވެއެވެ. އެހެންނަމަވެސް މިއަދު މުޙައްމަދު އަޤްލީމަކީ މަސްވެރިއެކެވެ. ދިވެހި މަސްވެރިންނަށް ހިއްވަރު އާލާކޮށްދެއްވާ މަސްވެރިއެކެވެ. މަސްވެރިކަމުން ލިބޭ ޢާމްދަނީން ފުދިގެން ދިރުއުޅޭ ޒުވާނެކެވެ.

މީގެއިތުރުން މިފަދަ އެތަކެއް ޒުވާނުންނެއް މަސްދޯނިފަހަރުގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ. ވަޒީފާތަކުގައި އުޅުމަށްފަހު އެ ވަޒީފާތަކަށްވުރެ މަސްވެރިކަމުގެ ނަފާ ބޮޑުކަން ފާހަގަކުރެވޭތީއާއި، މަސްވެރިކަމުގައި އޮންނަ މިނިވަންކަމާއި ހިތްހަމަޖެހުން ބޮޑުކަމުން މަސްވެރިކަމުގެ ތެރެއަށް އެތައް ޒުވާނުނެއްނެއް އަންނަނީ  އެނބުރެމުންނެވެ. މީގެތެރޭގައި ރިސޯޓްތަކުގައި އިސް މަޤާމްތަކުގައި ތިބި ފަރާތްތަކާއި، ސިފައިންނާއި ފުލުހުންގެ ވަޒީފާގައި އުޅުނު ބައެއް ބޭފުޅުން ހިމެނެއެވެ. މިކަމުން ދައްކައިދެނީ މަސްވެރިކަން ތަރައްޤީވެ ކުރިއަރާފައިވާ މިންވަރެވެ. އެހެންކަމުން މަސްވެރިކަމަކީ ނުކިޔަވާ ނުވަތަ އެހެން ވަޒީފާއެއް ނުލިބުނު މީހުން ކުރަން އޮތް މަސައްކަތެއް ނޫންކަން މަސްދޯނިފަހަރަށް ބަލާލުމުން އެނގިގެންދެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!