މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި އެ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި ފެލިވަރު ބަނދަރުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިފާނު ފެލިވަރަށް ވަޑައިގެންނެވީ، ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލައްވާފައިވެއެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެލިވަރުގައި މިހާރު މަސްގަނެ ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު ބައްލަވާލައްވައި، މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ފެލިވަރަށް ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެ ވަގުތު ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުން ފިލުއްވާފައެވެ. މި ގޮތުން، މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

އެ މަނިކުފާނު ފެލިވަރަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ޅ. މާފިލާފުށްޓަށް ޒިޔާރަތްކުރައްވާ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާފިލާފުށީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވާފައެވެ.
One Response
masverinnah vefaivaa vaudhu fuddaafaivaairu dhen ithurah dhen kon dhachchehtho filuvaidhenee