ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް، ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެކަމަށެވެ. އަދި މިސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރިނަމަވެސް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ރީތިވެ ކަނޑުވެސް މަޑުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
އިންޑިއާއާއި ސްރީލައްކާގެ ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ތޫފާނުގެ ސީދާ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެކަމަށާއި ނަމަވެސް މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.