މަސްވެރިކަމާއި ގުޅޭ

ވެކިއުމް މަސް ބަންދުކުރަން "ސްމޯކް ޗެމްބަރ"އަށްލުން

ވެކިއުމް މަސް ތައްޔާރުކުރުމަށް މަސް ކެއްކުމުގެ ވަގުތާއި ހޫނުމިން ވަރަށް މުހިއްމެވެ. އެގޮތުން މަސް ކައްކަންވާނީ 1.5 ކިލޯއިން ދަށުގެ މަސްނަމަ، 90 ޑިގްރީގައި 1 ގަޑިއިރެވެ. 1.5 ކިލޯއާއި 3 ކިލޯގެ މަސްކައްކާނީ 100 ޑިގްރީގައި 1.5 ގަޑިއިރަށެވެ. އަދި އެންމެ ފަލަމަސް 100 ޑިގްރީގައި 2.5 ގަޑިއިރަށް ކައްކާށެވެ.

މަސް ހިއްކުން

މަސް ކައްކާ ނިމުމަށްފަހު، ތެލިން ނަގާ މަސްކޮށި ވަކި ތަނެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ގިނަ އަދަދަކަށް މަސް ތައްޔާރުކުރާނަމަ، އެންމެ ރަނގަޅު ގޮތަކީ ކައްކާފައި ހުންނަ މަހުގެ ފެން ހިއްކުމަށް ވަކި ތަނެއް/ކޮޓަރިއެއް ޚާއްސަކުރުމެވެ. އަދި ފަންކާއެއް ބޭނުންކޮށް ވައިޖެހޭގޮތް ހަދައިފިނަމަ، ފެން ހިކުން އަވަސްވެ، "ދިލަޖެއްސުމުގެ" މަސައްކަތް އަވަހަށް ފަށައިގަނެވޭނެއެވެ. ކައްކާފައި ހުންނަ މަހުން ފެން ހިއްކުމުން މަސްތައް ކިބަކޮށް ކަށިފަތިތައް ނަގާ ސާފުކުރާއިރު މަސްތައް ހުންނާނީ ވަރަށް ހަރުކޮށެވެ. އެހެންކަމުން ސާފު ކުރުމަށް ފަސޭހަވެ އަވަސްވާނެއެވެ. އަދި މަހުގެ ހަންގަނޑު ހުންނާނީ ހަރުކޮށެވެ. އެހެންކަމުން މަސް ސާފުކުރާއިރު ވަކިވަކި އަރިތަކުގައި ވަރަށް ރީއްޗަށް ހަންގަނޑު ހުންނާނެއެވެ. މަސް ކިބަކޮށް ސާފްކުރުމުގައި ޕްލާސްޓިކް ވަޅިއެއް ބޭނުންކުރުމުން މަސް ހަލާކުވުން މަދުވާނެއެވެ.

މަސް ސާފްކޮށް ޓްރޭ ތަކުގައި ޖެހުން

ކައްކާފައި ހުންނަ މަސްކޮށި ފިނިވެ، އެ މަސްތައް ސާފުކޮށް "ދިލަޖައްސަން ދުމަށީ"ގައި ޖެހުމުގެ ވަގުތަކީ ވަރަށް މުހިންމު ވަގުތެކެވެ. ގިނައިރުވަމުންދާ ވަރަކަށް މަސް އަރިތަކުން ފެން ނުކުންނަން ފަށާނެއެވެ. އެހެންކަމުން، މަސް ސާފުކުރަން ފެށުމަށްފަހު، ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމާ "ސްމޯކް ޓްރޭ"ތައް "ސްމޯކް ޗެމްބަރ"އަށް ލާންވާނެއެވެ.

ދިލަޖެއްސުން

"ސްމޯކް ޓްރޭ" "ޗެމްބަރ"އަށް ލުމުގެ ކުރިން ދަރު އަންދާ ހޫނުމިން 70 ޑިގްރީގައި ބަހައްޓާށެވެ. ލަކުޑީގެ ގޮތުގައި ބޭނުން ކުރަންވާނީ "ހަރު ލަކުޑި"އެވެ. އާންމުކޮށް 80 ކިލޯ ދަރުން 7 ޓަނުމަސް ދިލަޖައްސާ ލެވޭނެއެވެ. ދަރު އަންދަންވާނީ ދުމުގެ އަސަރު ވީހާވެސް ކުޑަކުރެވޭތޯ ބަލަންވާނެއެވެ. 70 ޑިގްރީއަށް "ޗެމްބަރ"ގެ ހޫނުމިން އެރުމުން، "ސްމޯކް ޓްރޭ" ޗެމްބަރަށް ވެއްދުމަށްފަހު 2-3 ގަޑިއިރުފަހުން ބައިގަޑިއިރަށް ބޭރަށް ނެރެލާށެވެ. އަދި ދެވަނަ ފަހަރަށް "ޗެމްބަރަށް" ލުމަށްފަހު، 1 ގަޑިއިރުވުމުން މަސްތައް ހުންނާނީ ވެކިއުމް ކޮށްލެވޭ މިންގަނޑަށް "ސްމޯކް" ވެފައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!