މަސްވެރިކަމާއި ގުޅޭ

ރަންރޮނގު ލޮނދިމަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި އެތެރޭގެ ނިވާކަންބޮޑު ސަރަޙައްދުތަކުގައި އުޅޭމަހެކެވެ.

ބައެއް ފަހަރު ވަރަށް ތިލަކޮށް ހެދިފައިހުންނަ ތަންތަނުގައިވެސް މިމަސް އުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްނޫނެވެ. މިމަހުގެ ހަންގަޑުގެ ބޭރުގައި ހުންނަނީ ވިހަލޮންޖެކެވެ. މިއީ މިމަހުން ޝިކާރަކުރަން އުޅޭ މަސްމަހުން ދިފާޢުވުމަށް ޤުދްރަތީގޮތުން މިމަހަށް ލިބިފައިވާ ސިފައެކެވެ. މިއީ ދިވެހި މަސްވެރިކަމުގައި ބޭނޭމަހެއްނޫނެވެ. ނަމަވެސް ފަރުފަޅުގެ ބޭރަށް ފީނާއުޅޭ މީހުންނަށް މިމަސް ފެނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 7 ހަރުކަށްޓާއެކު 13 ނުވަތަ 14 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 9 ނުވަތަ 10 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ގަދަމުށިކުލައެވެ.

މަހުގެ ދެފަރާތުގައި މަހުގެ ދިގަށް ޢާއްމުގޮތެއްގައި ރަން ކުލައިގެ 5 ނުވަތަ 6 ރޮނގު ހުރެއެވެ. މިރޮނގުތައް މަހުގެ ޢުމުރުން ދުވަސްވާވަރަކަށް ގިނަވާކަމަށްވެއެވެ. އަދި ކުދިމަހުގައި ރޮނގުމަދުވާނެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ގަދަމުށިކުލައިގައެވެ. އެހެނިހެން ކޮތަރިތައް ހުންނަނީ ރީނދޫކުލައެއްގައެވެ. މިމަހަށް ކިޔާ ވަކިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގެ އެންމެ ޚާއްސަ ސިފައަކާއި ކުލައަށް ވިސްނާ "ރަންރޮނގުލޮނދިމަސް " ކިޔާ ނަންދީފައިވަނީއެވެ. މިމަހުގެ ޢާއްމުކާނާއަކީ ކުދިމަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Golden-striped soapfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!