މަސްވެރިންގެ ޝަކުވާތަކަށް ހައްލު ނުގެނިވިގެން އުޅޭ ސަބަބު ހޯދާ އަވަހަށް ނައްތާލަންޖޭކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ޞައުދު ހުޞެއިން ވިދާޅުވެއްޖެއެވެ.
ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް މިއިން ދުވަހަކު އެއްވެސް ސަރުކާރަކުން ނުކުރާ ވަރުގެ ބޮޑުހޭދައެއް އަންނަ އަހަރު ކުރުމަށް ރާވާފައި އޮތްކަން ބަޖެޓުން ފެންނަ ކަމަށެވެ. ބަޖެޓުގައި ހުރިކަން ތަންފީޒު ކުރެވިއްޖެ ނަމަ ޤައުމުގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް ސަޢުދު ވިދާޅުވިއެވެ.
"ކޫއްޑޫގައި 4000 ޓަނުގެ ކެޕޭސިޓީ އިތުރުކުރުން އެބައިން. ތިނަދޫގައި ކޯލްޑް ސްޓޯރޭޖެއް އެޅުމުގެ ޕްރޮޖެކްޓެއް އެބައިން. ފެލިވަރުގައި 6000 ޓަނުގެ ކެޕޭސިޓީ އިތުރުކޮށްފަ 100 ޓަނުގެ ބްރައިން ކެޕޭސިޓީ އިތުރުކޮށްފަ 100 ޓަނުގެ ޕްރޯސެސް ޕްލާންޓް ޤާއިމް ކުމުގެ ޕްރޮޖެކްޓް އެބައިން. ކޫއްޑޫ ބަނދަރު ހެދުމުގެ މަޝްރޫޢު އެބައިން. އަދިވެސް އެހެނިހެން ގޭދޮށު މަސް ފެކްޓްރީތަކާއި މި ސިނާއަތުގެ އިތުރު މަސައްކަތްތައް އެބައޮތް. އެހެންވީމަ މިއީ އާމްދަނީ ލިބޭނެ ވަސީލަތްތަކެއް. މިކަންކަން ތަރައްޤީ ކުރެވިއްޖެއްޔާ އިތުރު ހަރުފަތަކަށް ފުޅާވެގެންދާނެ." ސައުދު ވިދާޅުވިއެވެ.
މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދޭ ވާހަކައަކީ ޒަމާނުންސުރެ ދައްކަމުން އަންނަ ވާހަކައެއްކަމަށާއި، މިކަންކަން ހައްލު ނުވާ ސަބަބު ހޯދަންޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ.
"މަސްވެރިންގެ ޝަކުވާތަކަށް ހައްލު ނުގެނިވިގެން އުޅޭ ސަބަބު ހޯދާ އަވަހަށް ނައްތާލަންޖެހޭ، މިއީ ޒަމާނުއްސުރެ ދައްކަމުންދާ ވާހަކައެއް. ހައްލު އައުން އެހާ އުނދަގޫވެގެން މިއުޅޭ ސަބަބު އަޅުގަނަކަށް ނުވިސްނޭ. މިއީ ވިސްނުމުގެ މައްސަލައެއް. މިއީ ސިޔާސަތުގެ މައްސަލައެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މަސްވެރިން މަސްކިރުމުން ވަގުތުން ފައިސާ ނުލިބޭ މައްސަލަ އެބަޖެހޭ ނައްތާލަން. މިނިޒާމު ހަރުދަނާ ކުރަން އެބަޖެހޭ." ސައުދު ވިދާޅުވިއެވެ.