ޤަވައިދާއި ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުން ހިފެހެެއްޓި ބޭރުގެ މަސް ބޯޓު ހުޅުމާލެއަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު 5:15 އެހާކަންހާއިރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެބޯޓު ހުޅުމާލޭ ފަޅަށް ވައްދާފައިވާކަމަށެވެ.
މި ބޯޓު ހިފަހައްޓާފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ކޯސްޓްގާރޑު ކަމަށްވާ ޝިޕް ހުރަވީ އިންނެވެ.
އެމްއެންޑީއެފުން ބުނީ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓު ފެނިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން ކަމަށެވެ.
މި ރިޕޯރޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ހޯދާފައެވެ. އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު މި މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓު ކޯސްޓްގާރޑުގެ ބެލުމުގެ ދަށަށް ގެންދިޔައިރު ބޯޓުގައި 6 ފަޅުވެރިން ތިއްބެވެ.

ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެމްއެންޑީއެފުން ވަނީ ހުރިހާ މަސްވެރިންނަށް ޝުކުރު ދަންނަވާފައެވެ.



