ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ
ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ގެޒެޓްކޮށްފި! 60 ސެންޓިމީޓަރު ހަމަނުވާ ހިބަރު ބޭނުން މަނާ!

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ގެޒެޓްކޮށްފިއެވެ.

ހިބަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނެއް އެކުލަވާލާފައި ވަނީ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ކަނޑައެޅުމާއި، އެ ފިޔަވަޅުތަކަކީ ރާއްޖެއިން ބައިވެރިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފިޔަވަޅުތަކަކަށް ހެދުމެވެ.

އެ ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތްތަކަކީ، ތިރީގައިވާ ބާވަތްތައް ހިމެނޭގޮތުން ރާއްޖޭގައި ބާނާ އެންމެހާ ބާވަތެއްގެ ހިބަރާއި އެ ބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ބާނާ ބާވަތްތައް ފިޔަވައި، ހިފޭ، ބޭނޭ ނުވަތަ ނެގޭ ކަނޑުގެ އެހެނިހެން ދިރުންތަކެވެ.

(ހ) ފަންގަނޑު ހިބަރު (އިންޑޯ-ޕެސިފިކް ސެއިލް ފިޝް)؛
(ށ) ތުންގަނޑު ހިބަރު / ކަންނެލި ހިބަރު (ސްވޯޑް ފިޝް)؛
(ނ) ކަޅު މަސްހިބަރު (ބްލެކް މާލިން)؛
(ރ) ނޫ މަސްހިބަރު (އިންޑޯ-ޕެސިފިކް ބްލޫ މާލިން)؛
(ބ) ގަޅިޖެހި ހިބަރު (ސްޓްރައިޕްޑް މާލިން)

ރާއްޖޭގައި ހިންގާ، ހިބަރުގެ އާބާދީއަށް އަސަރުކޮށްފާނެ އެންމެހާ ހަރަކާތްތަކަށް އެ ޕްލޭން ހިނގާނެ ކަމަށް ބުނެފައިވެއެވެ.

ޕްލޭނުގައިވާ ގޮތުން ހިބަރުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި ބެލެހެއްޓުމާއި، ހިބަރުގެ އާބާދީ މެނޭޖްކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ހިބަރުގެ ދިރާސާތައް ކުރުމާއި، ހިބަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް ގާއިމުކުރާނެއެވެ.

ގެޒެޓުގައި ޕްލޭން ޝާއިއުކުރުމާއެކު، އެ ޕްލޭނަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

މި ޕްލޭންއަށް އަމަލުކުރަން ފެށުމާއެކު ހިބަރުގެ ތިރީ ތުންގަނޑު ފެށޭ ހިސާބުން ފެށިގެން ނިގޫ ފަތްގަނޑު ދެކަފިވާ ހިސާބަށް 60 ސެންޓިމީޓަރު ހަމަނުވާ ހިބަރު ބޭނުން މަނާވެގެންދާނެއެވެ.

އަދި އެ ސައިޒް ލިމިޓާ ޚިލާފަށް ހިބަރުގެ ބާވަތެއް އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުމާއި، ރައްކައުކުރުމާއި، ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިއު މާއި (ޓްރާންޝިޕްކުރުން)،  ލޭންޑިންގް ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުމާއި، ވިޔަފާރި ކުރުމާއި، ޕްރޮސެސްކުރާ ތަނެއްގައި ބެހެއްޓުމާއި ޕްރޮސެސްކުރުމަކީ މަނާ ކަމެކެވެ.

ހިބަރުގެ ބާވަތްތަކާއި އެބާވަތްތަކުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި އިންޑިއާ ކަނޑުގައި ކުރެވޭ ހިބަރުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމެއްކަން ޔަޤީންކުރުމަށްޓަކައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އިން ވަނީ ހިބަރުގެ މަސްވެރިކަން ކުރުމުގެ އުސޫލުތަކެއް ކަނޑައަޅައިފައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!