މަސްވެރިކަމާއި ގުޅޭ

ފަންގަނޑު ހިބަރު - ފޮޓޯ: އައިނިއުޓްރަލިސްޓް

ފަންގަނޑު ހިބަރު

ދިވެހި ނަން: ފަންގަނޑު ހިބަރު

ސައިންޓިފިކް ނަން: platypterus Istiophorus
އިނގިރޭސި ނަން: އިންޑޯ-ޕެސިފިކް ސެއިލްފިޝް
އިންޑިއާ ކަނޑުގެ ސްޓޮކްގެ ހާލަތު: ދެނެގަނެވިފައެއް ނެތް

މާޙައުލު އަދި އާބާދީ ބެހިފައިވާ ގޮތް:

ފަންގަނޑު ހިބަރަކީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ، ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ) ސަރަޙައްދުގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކުންނާއި މެދުމިންވަރަކަށް ހޫނު (ސަބް ޓްރޮޕިކަލް) ސަރަޙައްދުތަކުން ފެންނަ މަހެކެވެ. މިބާވަތުގެ މަސް އާންމުކޮށް އުޅެނީ ބައްރުތަކުގެ އައްސޭރިފަށާއި، ރަށްރަށާއި ފަރުތަކާ މާ ދުރުނޫން ހިސާބުތަކުގައި، 200 މީޓަރު ފުނުގައެވެ.

އިންޑިއާ ކަނޑުގައި ފަންގަނޑު ހިބަރުގެ އާބާދީ ބެހިފައިވާ ގޮތުގެ ތަފުސީލު (ސްޓޮކް ސްޓްރަކްޗަރ) އެއްކޮށް ހޯދިފައި ނުވިނަމަވެސް ބައެއް ސަރަޙައްދުތަކުގައި މައިކަނޑުގެ އާބާދީއާ ގުޅުމެއްނެތި ދަރިމައިވާ އާބާދީތަކެއް (ރިޕްރޮޑަކްޓިވްލީ އައިސޮލޭޓެޑް ސްޓޮކްސް) އުޅޭ ކަމަށް ބެލެވެއެވެ. މިގޮތުން، އިންޑިއާ ކަނޑުގެ މައި އާބާދީއާ ގުޅުމެއް ނެތް، ނުވަތަ ވަރަށް ކުޑަ މިންވަރަކަށް ދެ އާބާދީގެ މެދުގައި މަސް ބަދަލުވާ އާބާދީއެއް، ޕަރޝިއަން ގަލްފްގެ ތެރެއިން ރިޕޯޓުކުރެވިފައިވެއެވެ. މި އާބާދީގެ އިތުރުން، މިގޮތަށް ވަކިވެފައިވާ އާބާދީއެއް އިންޑިއާ ކަނޑުގައި ވާކަމަށް ހޯދިފައެއް ނުވެއެވެ.

ކާނާ އާއި ކެއުމުގެ ވައްޓަފާޅި:

ފަންގަނޑު ހިބަރަކީ އޭގެ މަތީ ކޮތަރިބައި (ފަންގަނޑު) ބޭނުންކޮށްގެން މިޔަރެމުގެ ބާވަތްތައް އަދި ގުންބަޅަ ފަދަ އައިން ހަދައިގެން އުޅޭ ކުދިމަހުގެ އައިންތައް ލަވައި އެއްކުރުމަށްފަހު އައިނަށް ހަމަލާދޭ މަހެކެވެ. މިބާވަތުގެ ކުދި މަހުގެ އިތުރުން ބޯވަ އާއި ބޯވަދިލަމަހުގެ ބާވަތްތައްވެސް ފަންގަނޑު ހިބަރުގެ ކާނާގެ ތެރޭގައި ހިމެނެއެވެ.

ބޮޑުވާ މިންވަރާއި ފުރާވަރަށް އަރާ އުމުރު:

ފަންގަނޑު ހިބަރަކީ ހިބަރު އާއިލާގެ ބާވަތްތަކަށް ބަލާއިރު ނިސްބަތުން ކުޑަ، އެހެންނަމަވެސް އަވަހަށް ބޮޑުވާ މަހެކެވެ. މިބާވަތުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ކަމަށް ރިކޯޑުކުރެވިފައިވާ މަހުގެ ދިގުމިނުގައި (ލޯވަރ ޖޯ ފޯރކް ލެންތް - ތިރީ ތުންގަނޑުން ފެށިގެން ނިގޫ ދެކަފިވާ ހިސާބަށް) 348 ސެންޓިމީޓަރު (11 ފޫޓު) ހުރިކަމަށްވެއެވެ. އަދި މިހާތަނަށް ދުނިޔޭގައި މިބާވަތުގެ އެންމެ ބަރު މަހަކަށް ރިކޯޑުކުރެވިފައިވަނީ 2.100 ކިލޯގެ މަހެކެވެ. ފަންގަނޑު ހިބަރާގުޅޭ ގޮތުން ލިޔެފައިވާ އެކިއެކި ލިޔުންތަކުން ދައްކާގޮތުގައި ފަންގަނޑު ހިބަރުގެ އެންމެ ދިގު އުމުރަކީ ތޭރަ އަހަރެވެ. ފަންގަނޑު ހިބަރު ފުރާވަރަށް އަރާ ކަމަށް ރިޕޯޓުކޮށްފައިވަނީ 203 ސެންޓިމީޓަރާއި 210 ސެންޓިމީޓަރާ ދެމެދުގެ ދިގުމިނަކަށް (ގާތްގަނޑަކަށް 7 ފޫޓަށް) ބޮޑުވުމުންނެވެ.

މަސްދަރު: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ 

(ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން)

 

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!