މަސްވެރިކަމާއި ގުޅޭ

LT

އަމިއްލަ އުފެއްދުންތަކަށް ޚާއްޞަ ފިހާރައެއް ހުޅުވާނަން: އެލްޓީ އަބްދުﷲ

ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި އެއް މަސައްކަތަކީ މަސް ކައްކައިގެން މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދުމެވެ.

މަސް ކައްކައިގެން މައިގަނޑު ގޮތެއްގައި ތައްޔާރުކުރާ ބާވަތްތަކުގެތެރޭގައި ވަޅޯ މަހާއި، ހިކި މަހާއި ރިހާކުރު ފާހަގަކޮށްލެވެއެވެ. މި ބާވަތްތަކަށް ދިވެހިންގެ މެދުގައި އޮންނަ މަޤްބޫލުކަމަށް ބަދަލެއް ނާދެއެވެ. ރަނގަޅު ޑިމާންޑެއްވެސް އޮންނަ މަސައްކަތްކަތަކަށްވުމުން ރާއްޖޭގެ އެކި ހިސާބުތަކުގައި މި ވިޔަފާރި ކުރާ ފަރާތްތައް ގިނައެވެ.

މި ވިޔަފާރިކުރާ ރަށްރަށުގެ ތެރެއިން ތ. ހިރިލަންދޫއަކީ ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސް ކައްކާ އެއް ފަރާތަކީ އެރަށު ޖަވާހިރުވިލާ، އަބްދުﷲ އަބްދުލް ޤަނީ ނުވަތަ އެލްޓީ އެވެ. އެނާ މި މަސައްކަތްކުރާތާ މިހާރު 30 ވަރަކަށް އަހަރު ވެފައިވާއިރު، މި ފާއިތުވީ އަހަރުތަކުގައި އޭނާ ވަނީ މި ދާއިރާގައި ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.

އަބްދުﷲ އޭނާގެ ސައިޓުގައި ވެކިއުމް މަސް އުފައްދަނީ

ފުރަތަމަ ކުޑަ ގޮތަކަށް މިމަސައްކަތް ގޭގައި ފެށި ނަމަވެސް އަބްދުﷲ މިހާރުވަނީ މަސް ކެއްކުމަށް ޙާއްސަ ސައިޓެއް ހަދާފައެވެ. އެންމެ ޒަމާނީ ވަސީލަތްތައް އެތަނުގައި ޤާއިމްކޮށްފައިވާއިރު، މަސް ކެއްކުމުގެ މަސައްކަތް ކުރިއާ އަޅާ ބަލާއިރު މިހާރު ވަރަށް ފަސޭހަވެފައިވާކަން އަބްދުﷲ ފާހަގަކުރެއެވެ. މިގޮތުން ފަހަރަކު މަސް ޓަނަކަށްވުރެ ގިނައިން މަސް ކެއްކޭ ޓޭންކުތަކާއި އިލެކްޓްރޯނިކް ވިންޗް މި ސައިޓުގައި ދަނީ ބޭނުންކުރަމުންނެވެ.

އެލްޓީ އުފައްދާ މަހުގެ އުފެއްދުންތައް

އަބްދުﷲ ބުނާގޮތުން މި މަސައްކަތް މިއީ ފައިދާހުރި މަސައްކަތެއްކަން އެނގި ގިނަ ބަޔަކު މިހާރު މި މަސައްކަތްކުރަމުންދާ ކަމަށެވެ.

"ވަރަށް ވާދަވެރިވެއްޖެ މި ވިޔަފާރި، ވަރަށް ގިނަ މީހުން މިހާރު މި މަސައްކަތް ކުރޭ، ވާދަވެރިކަން އުފެދުނީމަވެސް މިމަސައްކަތް ކުރާ ގޮތްތަކަށްވެސް ކުރިއެރުންތަކެއް ލިބިއްޖެ، ޒަމާނީ ފަސޭހަ ގޮތްތައް ވަނީ ތައާރަފްވެފައި." އަބްދުﷲ ބުންޏެވެ.

އެލްޓީ އުފައްދާ މަހުގެ އުފެއްދުންތައް

އަބްދުﷲ ބުނީ މިދުވަސްކޮޅު ރާއްޖޭގެ މަސްވެރިކަން ރަނގަޅު ކަމަށާއި، މިއާ އެކު ފާއިތުވީ ދެމަސްދުވަސްތެރޭ ކޮންމެ މަހަކުވެސް 30 ޓަނުގެ މަސް ގަނެފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް ދުވާލަކަށް ޓަނެއްގެ ރޭޓުންކަން އަބްދުﷲ ފާހަގަކުރިއެވެ.

އެލްޓީ އުފައްދާ މަހުގެ އުފެއްދުންތައް

މަސް ކައްކައިގެން މަހުގެ އެކި އުފެއްދުންތައް ވިއްކައިގެން އަބްދުﷲއަށް ރަނގަޅު އާމްދަނީއެއް ލިބެއެވެ. އެގޮތުން ހުރިހާ ޙަރަދެއް ކެނޑުމަށްފަހު އެވްރެޖްކޮށް ކޮންމެ މަހަކު 25،000 – 30،000 ދެމެދުގެ އަދަދަކަށް ފައިދާވާ ކަމަށް އަބްދުﷲ ބުންޏެވެ.

މި މަސައްކަތުގައި އޭނާ ގެ ދެ ދަރިންވެސް މިހާރުދަނީ ހަރަކާތްތެރިވަމުންނެވެ. މިއީވެސް މިމަސައްކަތް އިތުރަށް ފުޅާ ކުރުމަށް އޭނާއަށް ލިބޭ ހިތްވަރެކެވެ. ދަރިންގެ ހިޔާލްތަކާއި އާ އުފެއްދުންތައްވެސް ދަނީ ބާޒާރަށް ނެރެމުންނެވެ.

އެލްޓީ އުފައްދާ މަހުގެ އުފެއްދުންތައް

އެލް.ޓީ އިންވެސްޓްމަންޓުގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާއިރު، އަބްދުﷲގެ ވިސްނުން ހުރީ އޭނާ މަހުގެ އުފެއްދުންތަކަށް ޙާއްސަ ފިހާރައެއް ހުޅުވުމަށެވެ. އަދި މިހާރުވެސް އަވަށްޓެރި ލަންކާއަށްވެސް އެކުންފުނިން މަސް އެކްސްޕޯޓުކުރަމުންދާއިރު، އެ ވިޔަފާރިވެސް އިތުރަށް ފުޅާކުރުމުގެ ވިސްނުން އަބްދުﷲގެ އެބަހުއްޓެވެ.

"ވަކި ފިހާރައެއް ހަދަން ވިސްނަން، އެލްޓީ އިންވެސްޓްމަންޓުގެ ނަމުގައި ކުންފުންޏެއް ވަނީ އުފައްދާފައި، ލަންކާއަށް އެންމެ ގިނަ އަދަދަކަށް މަސް އެކްޕޯޓުކުރާ އެއް ކުންފުނި އެއީ، އެ ވިޔަފާރިވެސް ބޭނުން އިތުރަށް ފުޅާ ކުރަން،" އަބްދުﷲ ބުންޏެވެ.

އެލްޓީ ރިހާކުރު. މިއީ ރާއްޖޭގައި މަޝްހޫރު ބްރޭންޑެއް

އަބްދުﷲ ބުނާގޮތުން އޭނާއަށް އެންމެ މުޙިއްމީ ކޮލިޓީ ރަނގަޅު އުފެއްދުންތަކެއް ބާޒާރަށް ނެރުމެވެ. އެގޮތުން މިހާރު ރިހާކުރުވެސް އޭނާ ކައްކަނީ ގޭސް އުދުނުގައިކަން އޭނާ ފާހަގަކުރިއެވެ. އަދި އެގޮތަށް ރިހާކުރު ކައްކަން ފެށުމުން ރިހާކުރުގެ ރަހަ ކުރިއަށްވުރެ މީރު ކަމަށް ކަސްޓަމަރުން އޭނާ ގާތު ބުނާ ކަމަށް އަބްދުﷲ ބުންޏެވެ.

"އޯޑަރު ދިނުމުން ބޭނުންވާ ކޮލިޓީއަކަށް މަސްތައްޔާރުކޮށްފަ އެކްސްޕޯޓް ކުރެވޭ ގޮތަށް އެެއަރޕޯޓަށް ފޮނުވަދޭނަން. ހިކިމަސް، ވެކިއުމް މަސް، ކޮށިމަސް، ފަރުމަސް، ރިހާކުރު، ރިހާކުރު ގުޅަ، މިއިން ކޮންމެ ބާވަތެއްވެސް ލިބޭނެ. ފަރުމަސްވެސް އެކި ގޮތްގޮތަށް އެެބަ ފޮނުވަން. ކަނޑާފަ ބަންދުކޮށްފަވެސް، ހުޅުނބު ޖަހާ ސާފުކޮށްފަވެސް އަދި މަސް ހުރިގޮތަށް އައިސްއަޅާ ފިނިކޮށްފަވެސް ފޮނުވަދޭނަން." އަބްދުﷲ ބުންޏެވެ.

އެލްޓީ އުފައްދާ މަހުގެ އުފެއްދުންތައް

ނަމަވެސް މި މަސައްކަތް ކުރާއިރު ދިމާވާ ގޮންޖެހުންތައް އަބްދުﷲ ހިއްސާކުރިއެވެ.

"ހިކިމަހުގެ އަގު މިހާރު ވަރަށް ދަށް. ލަންކާއަށް މަސް އެތެރެކުރަން އެހާ އުނދަގޫ. ދެން ލައްކާއިން ލާރި ތާށިކުރުމަކީވެސް ދިމާވާ މައްސަލައެއް". އަބްދުﷲ ބުންޏެވެ.

އެލްޓީ އުފައްދާ މަހުގެ އުފެއްދުންތައް

މަސްވެރިކަމާއި އެކު އުފެދިގެން އައިސްފައިވާ މިފަދަ ވިޔަފާރިތަކަކީވެސް އާމްދަނީ ހޯދުމަށް ކުރަން ފައިދާ ހުރި މަސައްކަތްތަކެކެވެ. އަދި މި ވިޔަފާރިއަކީ ފުޅާ ކުރުމުގެ ފުރުސަތުވެސް އޮތް ދާއިރާއެއްކަން އަބްދުﷲގެ ވާހަކަތަކުންވެސް އެކިގެންގޮސްފިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މިފަދަ މަސައްކަތްތެރިންގެ މަސައްކަތް ފުޅާކުރުމަށް ސަރުކާރުގެ އެހީތެރިކަން އެކި ސިފަސިފައިގަ ދިނުމަކީ މިފަދަ ބޭފުޅުންގެ މަސައްކަތް މިހާލަތުގާ ފަހަތަށް ނުގޮސް ހިފެހެއްޓުމަށް މުހިންމު ކަމެކެވެ

  2. ޢޭނާ އަކީ ހިއްތިރި ބޭކަނބަލެކެވެ. އަދި ޢޭނާގެ ދަރި ޒުހުރިޔްޔަތަކީ ހީވާގި ބޭފުޅެކެވެ.

Comments are closed.