މަސްވެރިކަމާއި ގުޅޭ

ތެޔޮމިޔަރު - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ތެޔޮމިޔަރު

ތެޔޮމިޔަރަކީ އަތޮޅުން ބޭރުގައި ގާތްގަޑަކަށް 13 މީޓަރާއި 420 މީޓަރާ ދެމެދުގެ ފުނުގައި އުޅޭ މިޔަރެކެވެ.

މިބާވަތުގެ މިޔަރު އަތޮޅުގެ ބޭރުފަރާތުން ފަރުތަކުގެ އަޑިއަށް ކެނޑިފައި ހުންނަ ހިސާބުގެ އަޑީގައި ދާއަޅައިގެން ކުރާ މަސްވެރިކަމުގައި ހިފިފައި ހުރެއެވެ. މިބާވަތުގެ މިޔަރަށް "މީދާ މިޔަރު " މިހެންވެސް ކިޔައެވެ. މިޔަރުގެ ސިފަ މީދަލާއި ވައްތަރު ކަމުންނެވެ. މިއީ ބިޔަ އަދި ބުރަހެލި ހަށިގަޑެއް ލިބިފައިވާ މިޔަރެކެވެ. ތުންކޮޅު އާދައިގެވަރަކަށް ދިގުވެފައި ކޮޅަށް އޫވާނެއެވެ. ލޯ އާދައިގެ ވަރަކަށް ބޮޑެވެ. އަނގައިގައި ހުންނަނީ ތޫނު ދިގު ދަތްތަކެކެވެ.

މިއީ ދުނިޔޭގެ ހޫނުކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މިމަހަށް ތެޔޮމިޔަރު ކިޔާއުޅެނީ މަހުގެ މޭގަޑު ބޮޑުވެފައި އެއިން ގިނައިން ތެޔޮނޭގޭތީއެވެ. ދިވެހި މަސްވެރިން މިބާވަތުގެ މިޔަރުގެ މޭގަޑުން ތެޔޮހާނައިގެން އޮޑިދޯނިފަހަރަށް ތެޔޮއަޅާކަމަށްވެއެވެ. ތެޔޮމިޔަރު އެންމެ ބޮޑުވަނީ 3.6 މީޓަރަށެވެ. މިމަޔަރުގެ ކުލައަކީ އަޅިކުލައެކެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ކުލައެއްގައެވެ. ބައެއްފަހަރު މިޔަރުގައި ލައްތަކެއް ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ޢާއްމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ މިޔަރެއްނޫނެވެ. މިމިޔަރުގެ
ޢާއްމު ކާނާއަކީ ކުދި މަހާއި، ބޯވަދިލަމަހާއި ޑިނގާއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Small tooth sand tiger shark

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!