މަސްވެރިކަމާއި ގުޅޭ

ފުރަތަމަ "މަސްވެރިންގެ ދުވަހު"ގެ ޖަލްސާގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم
              
ކަނޑުގެ ނިޢުމަތްތައް އިންސާނުންނަށް ހަދިޔާކުރެއްވި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މަސައްކަތްތެރިކަމުގެ އަގު ވަޒަންކުރެއްވި އަދި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަކީ ޝަރަފެއް ކަމުގައި އަޅުގަނޑުމެންނަށް އަންގަވައިދެއްވި مُحَمَّد صلّى اللّـه عليـه وسـلّم މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން.
މިނިސްޓަރ އޮފް ފިޝަރީޒް އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ބޭރު ޤައުމުތަކުގެ ސަފީރުން، ރާއްޖޭގެ މަސްވެރިންގެ މަންދޫބުން، އަދި މިއުފާވެރި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
    السّلام عليكم ورحمـة اللّـه وبركاته.
އާދެ، އަޅުގަނޑުގެ ވާހަކަ ފެށުމުގެކުރިން، މިނިސްޓަރ އޮފް ފިޝަރީޒްގެ އަރިހުން މަޢާފު އެދުމާއެކު އެ މިނިސްޓްރީއިން ނެރުއްވައިފައިވާ، "މަސްވެރިންގެ ދުވަސް" މިދުވަހުގެ ޕުރޮގުރާމަށް ކުޑަކުޑަ އިޞްލާޙެއް އަޅުގަނޑު ހުށަހަޅަން ގަސްދުކުރަން. މިފޮތުގައި ލިޔުއްވައިފައިވާ ގޮތުގައި މިޖަލްސާގެ ޝަރަފުވެރި މެހުމާނަކީ، ރައީސުލްޖުމްހޫރިއްޔާ. އާދެ، އަޅުގަނޑު ދަންނަވާނީ، މިޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫނޭ. މިއަދުގެ ޝަރަފުވެރި މެހުމާނުންނަކީ، ރާއްޖޭގެ ކަންކޮޅުތަކުގައި އަދި މާލޭގައި ދިރިއުޅޭ އަޅުގަނޑުމެންގެ ހިންމަތްތެރި، ހިތްވަރުގަދަ، ހީވާގި މަސްވެރިންނޭ. ހަމައެފަދައިން، މިޖަލްސާގައި ޝަރަފުވެރި މެހުމާނުންނަކީ، އަޅުގަނޑު މިދެންނެވި މާލެއާއި ރާއްޖެތެރޭގެ މަސްވެރިން ތަމްސީލު ކުރެއްވުމަށް މިޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މަސްވެރިންގެ މަންދޫބުންނޭ.
އާދެ، ކޮންމެއަކަސް، ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ޝަރަފުވެރި މެހުމާނުންނަށް، ދިވެހި ސަރުކާރުގެ ނަމުގަޔާއި ދިވެހިރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚުލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަން. މިއަދަކީ، ވަރަށް ކުރިއްސުރެ އަޅުގަނޑުމެން އެދުވަހެއްގެ އިންތިޒާރުގައި ތިބި ދުވަހެއް. މިއަދަކީ، ދިވެހި ތާރީޚުގައި ފާހަގަކުރެވޭނެ ދުވަހެއް. މީގެކުރިން މަސްވެރިންގެ ނަމުގައި އެއްވެސް ދުވަހެއް ފާހަގަކުރެވިފައި އޮތްކަމެއް އެނގޭކަށްނެތް. މަސްވެރިންގެ ދުވަހެއް ފާހަގަކުރެވިފައި ނެތްތާނގައި، އެހެންވެސް އެއްވެސް މަސައްކަތެއް ކުރާ ބައެއްގެ ނަމުގައި ދުވަހެއް މީގެކުރިން ފާހަގަކުރެވިފައި އޮތްކަމެއްވެސް އެނގޭކަށް ނެތް. މިއަދުގެ މަޤްޞަދަކީ، މިއަދުގެ ބޭނުމަކީ، މިކުރާ ހުރިހާ އިޙުތިފާލުތަކެއްގެ ސިއްރަކީ، އަޅުގަނޑުމެންގެ މަސްވެރިންނަށް، އެމީހުން އެކުރާ ބުރަ މަސައްކަތްތަކަށްޓަކައި ދިވެހި އުންމަތުގެ ޝުކުރާއި ތަޢުރީފު އެމީހުންނަށް ރައްދުކުރުން.
އާދެ، މިއަދަކީ "މަސްވެރިންގެ ދުވަސް" މިނަމުގައި ފާހަގަކުރެވޭ ދުވަހެއް ކަމުގައި ވިޔަސް، ޙަޤީޤަތަށް ވިސްނާއިރު، މިއަދު އެފާހަގަކުރެވެނީ ހަމައެކަނި މަސްވެރިންގެ ދުވަހެއްނޫން. މިއަދު މިފާހަގަކުރެވެނީ، ދިވެހިރާއްޖޭގެ އިޤުތިޞާދުގައި އެއްވެސް މިންވަރެއް ޙިއްޞާކުރާ ހުރިހާ އެންމެންގެ ދުވަހެއްގެ ގޮތުގައި. އާދެ، މަސްވެރިންނަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އެއް މަސައްކަތެއްކުރާ ބަޔަކަށްވުމާއެކު، އަދި އެމީހުން އެކުރާ މަސައްކަތުގެ ފައިދާ ދިވެހިރާއްޖޭގެ އިޤުތިޞާދިއްޔަތަށާއި ދިވެހިރާއްޖޭގެ ކުރިއެރުމަށް ލިބެމުންދާ މިންވަރުގެ ބޮޑުކަމަށް ވިސްނައި، މަސްވެރިންގެ ދުވަހެއްގެ ގޮތުގައި އެނަމުގައި ފާހަގަކުރެވޭ ދުވަހެއް ކަމުގައިވިޔަސް، މިއަދު އަޅުގަނޑުމެން މަރުޙަބާ މިކިޔަނީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް، ރާއްޖޭގެ ހުރިހާ އުފެއްދުންތެރިންނަށް. އެގޮތަކީ، އެއްވެސް ޤައުމެއް ތަރައްޤީގެ މަގުގައި ކުރިޔަށްދާނީ، އެޤައުމެއްގައި ހިމެނޭ ހުރިހާ މަސައްކަތްތެރިން، ހުރިހާ އުފެއްދުންތެރިން، އެއްބާރުލައިގެން ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔަ މިންވަރަކުން ކަމަށްވާތީ. އާދެ، އެހެންކަމާއެކު މަސްވެރިންނަށް މިއަދު ދައުލަތުން މަރުޙަބާކިޔާ ކިޔުމުގައި ރާއްޖޭގައި ހިމެނޭ އެހެންހުރިހާ ބާވަތެއްގެ މަސައްކަތްކުރާ މީހުންވެސް އޭގައި ހިމަނަން. ހަމަ އެފަދައިން، ރާއްޖޭގައި ހިމެނޭ ހުރިހާ އުފެއްދުންތެރިންވެސް އޭގައި ހިމަނަން.
އާދެ، މަސްވެރިކަމުގެ ދުވަސް ނުވަތަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދައުލަތުން ކަނޑައަޅައި އެކަން އިޢުލާނު ކުރެވުނީއްސުރެ ދައުލަތުގެ ކަމާބެހޭ މިނިސްޓްރީގެ ފަރާތުން ދުވަހާ ބެހޭ ޕުރޮގުރާމު ތައްޔާރު ކުރެއްވުމުގައި ވަރަށް މަތިވެރި މަސައްކަތްތަކެއް ކުރައްވައިފައިވޭ. ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެދެއްކެވި ވާހަކަފުޅުގެތެރެއިންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިއަދުގެ މިޕުރޮގުރާމުތައް ރާއްވަވައި އަދި މަސްވެރިންގެ ދުވަސް މިހާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތައް. އެފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފި. އެހެންނަމަވެސް އަޅުގަނޑުގެ ހިތުން ވަރަށް މުހިންމު ފަރާތެއް އެމަނިކުފާނުގެ ވާހަކަފުޅުގައި ހިމެނިފައެއްނުވޭ. އާދެ، އެފަރާތަކީ ޚުދު މިނިސްޓަރ އޮފް ފިޝަރީޒް އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ. މިދުވަސް ޙަޤީޤަތަކަށް ހެއްދެވުމުގައި އަދި މިދުވަހާ ބެހޭގޮތުން ސަރުކާރުގެ ފަރާތުންނާއި އަދި އަމިއްލަ ފަރާތްތަކުންވެސް ރާވަމުން ގެންދިޔަ ޕުރޮގުރާމުތައް މިހާ ފުރިހަމަ ގޮތެއްގައި އަޅުގަނޑުމެންގެ ކުރިމަތީގައި ތަމްސީލުވެގެންދާ ދިޔުމުގެ ސިއްރަކީ އަޅުގަނޑު ދަންނަވާނީ ޚުދު މިނިސްޓަރ އޮފް ފިޝަރީޒް އެކަމަށްޓަކައި ކުރެއްވި ބުރަ މަސައްކަތްޕުޅުތަކޭ. އެހެންކަމުން ސަރުކާރުގެ ނަމުގައި އަދި ދިވެހިރާއްޖޭގެ ލޮބުވެތި މަސްވެރިންގެ ނަމުގައި މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ އަށް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑު ދެންމެ ދަންނަވާލީން، މިއަދަކީ މަސްވެރިންގެ ދުވަސް މިނަމުގައި ފާހަގަކުރެވޭ ދުވަހެއް ކަމުގައިވިޔަސް، މިއަދަކީ މަސައްކަތްތެރިންގެ ދުވަހެއް. މަސައްކަތްތެރިކަމުގެ އަގު ވަޒަންކުރުމުގެ ދުވަހޭ. އާދެ، މަސައްކަތްތެރިކަމަކީ ކޮންމެ ޤައުމެއްގައިވެސް ތަރައްޤީވުމުގެ އެންމެ ބޮޑު ސިއްރު. މަސައްކަތްތެރިކަމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މީހުން ދެކޭގޮތުގައި އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ މީހުންވެސް ދެކޭގޮތުގައި ކޮންމެ އިންސާނަކަށްވެސް އޮންނަ ޙައްޤެއް. މަސައްކަތްކުރުމުގެ ޙައްޤު ކޮންމެ އިންސާނަކަށްވެސް ލިބެންވާނެ. ހަމައެފަދައިން، މަސައްކަތް ކުރުމަކީ ޝަރަފެއް، މާތްކަމެއް. އެކަމުގެ ސަބަބުން އެމީހާއަށް ލިބެންޖެހޭނީ ރީތި ނަމެއް. އެހެންވުމުން މަސައްކަތްކުރުމުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ރާއްޖޭގައި މިދުވަސް މިފާހަގަ ކުރެވެނީ، ރާއްޖޭގެ މަސައްކަތްތެރީންގެ ތެރެއިން އެންމެ ބުރަ އެންމެ މުހިންމު މަސައްކަތެއްކުރަމުން ގެންދާ ބަޔަކީ މަސްވެރިން ކަމަށްވާތީ އެމީހުންނަށް މިދުވަސް ނިސްބަތްވެފައިވަނީ.
އާދެ، ކޮންމެއަކަސް މަސްވެރިކަމުގެ މުހިންމުކަމާ ދޭތެރޭ އަޅުގަނޑު މިމަޤާމުގައި މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭނެ. އޭގެ މުހިންމުކަން އެއީ ކޮންމެ ދިވެއްސަކަށް ރަނގަޅަށް އެނގޭނެކަމެއް. ދިވެހިރާއްޖެއާއި މަސްވެރިކަމާ ހުރިގުޅުން ދެންމެ މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި ބަޔާންކުރައްވައިފި. ދިވެހިންނަށް މަސްވެރިކަމާދޭތެރޭގައި ހުރިގުޅުންވެސް އެމަނިކުފާނު ބަޔާންކޮށްދެއްވައިފި. އެއީ އެއްވެސް މީހެއްގެ ބަޔާނަކަށް ބޭނުންވާ ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. އެއީ އަޅުގަނޑުމެންގެ ލޭގައި ހިނގާ ކަމެކޭ، އަޅުގަނޑުމެންގެ އުފެދުމުގައި ހިމެނިފައިވާ ކަމެކޭ، އަޅުގަނޑުމެންގެ ޤައުމުގެ ފަސްގަނޑުގައި، އަޅުގަނޑުމެންގެ ޤައުމުގެ ވަށައިގެން މިވާ ކަނޑުގައި ހިމެނިފައިވާ ކަމެކޭ. އެހެންވީމާ، މަސްވެރިކަމާއި ދިވެހިންނާ، މަސްވެރިކަމާއި ދިވެހިރާއްޖެއާ އެއީ ދުވަހަކުވެސް ވަކިކުރެވޭނެ ދެ އެއްޗެއް ނޫން.
އާދެ، ޙަޤީޤަތަށް ވިސްނައިލާއިރު މަސްވެރިކަމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިވާ އެންމެބޮޑު ޤުދުރަތީ މުއްސަނދިކަން. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުގައިވަނީ، ވަރަށް މަތިވެރި ވަރަށް އަގުހުރި ޚަޒާނާތަކެއް، އަޅުގަނޑުމެން ހެއްދެވި ފަރާތުން ލައްވަވައިފައި. އެޚަޒާނާތަކުގެ ބޭނުންކުރުން އެއީ އަޅުގަނޑުމެންގެ ކަމެއް. اللّـه سبحـانـه وتعـالى އަންގަވައިފައި ވަނީ، "وَهُوَ الَّذِي سَخَّرَ الْبَحْرَ لِتَأْكُلُوا مِنْهُ لَحْمًا طَرِيًّا." اللّـه سبحـانـه وتعـالىއޭ ތިޔަބައިމީހުންނަށް ކަނޑުލެއްވީ، އަދި ކަނޑު އެއީ ތިޔަބައިމީހުންގެ ބާރުފޯރާތަނެއް ކަމުގައި ހެއްދެވީ. އޭގެ މުރާދަކީ، ކަނޑުގައިވާ ފައިދާތައް ހޯދައިގަތުމަކީ އިންސާނުންނަށް اللّـه سبحـانـه وتعـالى ހުއްދަކުރައްވައި، އަދި އެކަމުގެ މަގުތައް ފަހިކޮށް ދެއްވައިފައިވާ ކަމެކޭ. އެހެންވީމާ، އަޅުގަނޑުމެންގެ ވަށައިގެންމިވާ ކަނޑު މިއޮތީ އޭގެހުރިހާ ފައިދާތައް އަޅުގަނޑުމެން ލިބިގަތުމަށްޓަކައި اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ވަށައިގެން ލައްވައިފައި. އެކަނޑުގެ ފުންމިނާއި އެކަނޑުގެ ބޮޑުމިން އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާ ވެގެންވާ އެއްޗެއްނޫން.
ޤާނޫނީގޮތުން އަޅުގަނޑުމެންނަށް އެކަނޑުން ވަރަށް ބޮޑު ބަޔެއް ލިބޭ. މިހާރުވަނީ ލިބިފައި. އާދެ، އަޅުގަނޑު މިދަންނަވަނީ ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގެ ތެރޭގައި އެބަ ހިމެނޭ އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުން 200 މޭލު. އެއީ ކިހާބޮޑު ސަރަޙައްދެއް ކަމެއް ތިޔަބޭފުޅުން ވިސްނައިވަޑައިގެން ބައްލަވާ! އެ ބޮޑު ސަރަޙައްދުގެ ތެރޭގައިވާ މަހުގެ ޚަޒާނާ ނުވަތަ މަސް ފިޔަވައި އެހެނިހެންވެސް އިޤުތިޞާދީ މުއްސަނދިކަމުގެ ވަސީލަތްތަކުގެ ޚަޒާނާ އެއީ، އަޅުގަނޑުމެން ލިބިގަތުމަށްޓަކައި މިހާރު ހަމަޖެހިފައިވާ އެއްޗެއް، ޤާނޫނީގޮތުން. އެހެންވީމާ، އެގޮތަށް ވިސްނިކަމުގައި ވިޔަސް މަސްވެރިކަމަކީ، ނިމުނެއްނެތް ޚަޒާނާއެއް. އޭގެ ފައިދާތަކަކީ އަޅުގަނޑުމެން އެހޯދިވަރަކަށް ލިބެންހުރި އެއްޗެއް. އެހެންކަމުން މަސްވެރިކަމުގެ މުހިންމުކަން އެއީ އަޅުގަނޑުމެންނަށް އިތުރު ބަޔާނަކަށް ބޭނުންވާ އެއްޗެއްނޫން. ހަމައެފަދައިން، އިޤުތިޞާދީ ގޮތުން އަޅުގަނޑުމެން ކުރިއަށްދާ ދިޔުމުގައި އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމުގެ މައްޗަށް.
އެއްވެސް ޤައުމަކީ ހުރިހާ ކަމެއްގައި އަމިއްލަ ފުދުންތެރިކަން އެ ޤައުމަކަށް ލިބިގެންވާ ޤައުމެއް ނޫން. އެހެންނަމަވެސް، ކޮންމެ ޤައުމެއްގައިވެސް އަމިއްލަ ފުދުންތެރިކަން ހުރި މިންވަރަކުން އެޤައުމެއްގެ އިޤުތިޞާދު އެއްދުވަހުން އަނެއް ދުވަހަށް ކުރިޔަށްދަނީ. އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ ރާއްޖޭގައި އަމިއްލަ ފުދުންތެރިކަން އަޅުގަނޑުމެންނަށް ލިބިގެންވާ ހަމައެކަނި އެއްޗަކީ މަސް. އަޅުގަނޑުމެންނަކަށް ނުޖެހޭ ރާއްޖެއިން ބޭރުން ރާއްޖެއަށް މަސް އެތެރެކުރާކަށް. މަހުގެ އެއްވެސް ބާވަތެއް އެތެރެކުރާކަށް. އަޅުގަނޑުމެން ކާން ބޭނުންވާ ވަރަށް އަޅުގަނޑުމެންނަށް މަސް އެބަ ލިބޭ. އަދި އޭގެ އިތުރުން އިތުރުވެގެން އޭގެ އެންމެބޮޑުބައި އަޅުގަނޑުމެންނަށް ބޭރުކުރަންވެސް އެބަ ލިބޭ. އެއާ ޚިލާފަށް އެހެންހުރިހާ އެއްޗިއްސަކީ އަޅުގަނޑުމެން އެތެރެކުރާ އެއްޗެއް. އޭގައި އަޅުގަނޑުމެންގެ އެއްވެސްކަހަލަ އަމިއްލަ ފުދުންތެރިކަމެއްނެތް އެއްޗެއް. އެހެންވީމާވެސް މަސްވެރިކަމަށް އަޅުގަނޑުމެން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭންޖެހޭ. އަޅުގަނޑުމެން ބަލަންޖެހޭނީ ކުރިއަށް އޮތްތާގައިވެސް މަސްވެރިކަން ފިޔަވައި އަދި އެހެން ރޮނގުރޮނގުންވެސް ރާއްޖޭގައި އުފެދޭ އެކިއެކި ބާވަތްތަކުންވެސް އަޅުގަނޑުމެންގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމުގެ މައްޗަށް. އެހެން ހަދަންޖެހޭ ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގައި އުފެދޭ ތަކެތިން އަޅުގަނޑުމެންނަށް ނުފުދޭ ކަމަށްވަންޏާ އެތަކެތި ޖެހޭނީ އެތެރެކުރަން. އަޅުގަނޑުމެން ޖެހޭނީ އެތަކެތި ބޭރުދުނިޔޭގައި ހުންނަ ބާޒާރުތަކުން އެތަކެތި ގަނެގެން ރާއްޖެއަށް ގެންނަން. އެކަމަށް ވަރަށް ބޮޑެތި ހަރަދު ހިނގާނެ. އެއާޚިލާފަށް އަޅުގަނޑުމެން ބޭނުންކުރާ ތަކެއްޗަކީ އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑުގައި އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގައި އުފެދޭ އެއްޗެތި ކަމަށްވަންޏާ، މިދެންނެވި ހަރަދު އަޅުގަނޑުމެން ކުރާކަށް ނުޖެހޭނެ. އަނެއްކާ އަޅުގަނޑުމެން ބޭނުންކުރާވަރަށްވުރެ އިތުރަށް އެއިން އެއްވެސް އެއްޗެއް އުފެއްދިއްޖެ ކަމަށްވަންޏާ، އެ އެއްޗެތި ބޭރަށް ވިއްކައިގެން، އެއިން އަޅުގަނޑުމެންނަށް އިތުރު އާމްދަނީވެސް ލިބޭނެ.
ކޮންމެއަކަސް، މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ހަމައެކަނި އަމިއްލަ ފުދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ މަސައްކަތަކީ މަސްވެރިކަން. އެހެންވީމާ، އެރޮނގުންވެސް މަސްވެރިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭންޖެހޭނެ. އަދި އޭގެ އިތުރުންވެސް މަސް އެއީ އަޅުގަނޑުމެންގެ ކާނާގެ ވަރަށް މުހިންމު ބައެއްކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ. ކާނާގައި ހިމެނޭ އެކިއެކި މުހިންމު ބައިތަކުގެ ތެރެއިން ވަރަށް މުހިންމު ބައެއް ޕްރޮޓީން، އެ އަޅުގަނޑުމެންނަށް މިލިބެނީ މަހުން. އެހެންވީމާ، އަޅުގަނޑުމެންގެ ވަށައިގެންވާ އެކިއެކި އަވަށްޓެރި ޤައުމުތަކުގައި އެތަންތާނގެ މީހުންނަށް ކާނާގެ މިދެންނެވި މުހިންމުބައި، ޕްރޮޓީން ލިބޭވަރަށްވުރެ އަޅުގަނޑުމެންގެ ރާއްޖޭގެ އަހުލުވެރިންނަށް މަހުން އެބައި އެބަ ލިބޭ. އެކަމުގެ ހެއްކެއް، އަޅުގަނޑުމެންގެ ޞިއްޙަތު. ތިޔަބޭފުޅުން ދެކިވަޑައިގަންނަވާނެ، ތަރައްޤީވަމުން އަންނަ ބައެއް އެހެން ޤައުމުތަކުގައި ދިރިއުޅޭ މީހުންގެ ބައެއް ފޮޓޯ އެއްޗެތި. ބައެއް ނޫސް މަޖައްލާފަދަ އެއްޗެތިން ކުޑަކުދިންގެ ފޮޓޯތައް. ބަލިވެފައިވާ ކުދިން. ބަނޑުހައި ހޫނުކަންމަތީގައި ދެމިތިބޭ ކުދިން. މިފަދަ ކަންތައްތައް ދިމާވުމުގެ ސަބަބުން، ކާނާގެ މުހިންމު ބައިތައް އެމީހުންނަށް ނުލިބިވާތީ، އެމީހުންގެ ހަށިތައް ހުންނަގޮތް. ދިވެހިރާއްޖޭގައި އެދަރަޖައަށް ގޮސްފައިވާ އެއްވެސް މީހަކު ނުވަތަ އެއްވެސް ކުއްޖަކުނެތޭ ދެންނެވުމަކީ އެއްގޮތަކަށްވެސް ދޮގަކަށްނުވާނެ. އެއީ ކީއްވެތޯ؟ އެއީ އަޅުގަނޑުމެންނަށް މިލިބޭ ކާނާގެ ފައިދާ ބޮޑުކަމުން. އެހެންވީމާ އެއީވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައިލަންޖެހޭ ނުކުތާއެއް. އަޅުގަނޑުމެންގެ އަމިއްލަ ކެއުމަށް ބޭނުންވާ މުހިންމު ތަކެތީގެ ތެރެއިން ވަރަށް މުހިންމު އެއްޗެއް، އަޅުގަނޑުމެންނަށް މަހުން ލިބޭކަން. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ޞިއްޙީ ފައިދާތަކެއް ލިބޭކަން. އަދި ބައެއް ޢިލްމުވެރިން ބައެއް ސައެންޓިސްޓުން ދެކެވަޑައިގަންނަވާ ގޮތުގައި މަހަކީ ވިސްނުމުގެ ބާރުވެސް އިތުރުކޮށްދޭ އެއްޗެއް. އާދެ، މިހެން ދެންނެވީމާ ބައެއް ބޭފުޅުންނަށް އެއީ ތެދެއްބާވައޭ ހިތްޕުޅަށް އަރާފާނެ. އެކަމަކު އަޅުގަނޑު ދަންނަވާނީ އެއީ ތެދަކަށްވުން ވަރަށް ކައިރި. އެހެން މިދެންނެވީ އަޅުގަނޑުމެން ދިވެހިން އަޅުގަނޑުމެންގެ އަމިއްލަ މޮޅުކަމުގެ މައްޗަށް ފަޚުރުވެރިވުމުގެ ގޮތަކުންނެއް ނޫން މިދަންނަވަނީކީ. އަޅުގަނޑުމެންގެ ރާއްޖޭގެ ކިޔަވާ ކުދިން، އެކުދިން ކިޔަވަނީ ދިވެހިރާއްޖޭގައި ކަމުގައިވިޔަސް އަދި ބޭރު ޤައުމުތަކުގައި ކަމުގައިވިޔަސް ސާބިތުކޮށްދެނީ އެކުދިންގެ ތޫނުކަމާއި އެކުދިންގެ ކުޅަދާނަކަން.
ރާއްޖޭން ބޭރުގެ ވަރަށް ގިނަ ޤައުމުތަކެއްގައި ދިވެހިރާއްޖޭގެ ކިޔަވާކުދިން ކިޔަވަމުންގެންދޭ. ގިނަ ތަންތަނުން ލިބޭ ރިޕޯޓުތަކުން ދައްކާގޮތުގައި ގިނަކުދިން ވަރަށް މަތީ ކަމިޔާބުތަކެއް ހޯދަމުންގެންދޭ. އާދެ، މިސާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާނަން. ދާދިފަހުން ރާއްޖެއަށް ވަޑައިގެންނެވި އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތު، އެތާގެ ބައެއް ބޭފުޅުން. ބޭރޫތުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ. އެބޭފުޅުން ވިދާޅުވިގޮތުގައި ބޭރޫތު ޔުނިވަރސިޓީގައި ކިޔަވާ ބޭރު ޤައުމުތަކުގެ ކުދިންގެތެރެއިން ދިވެހިރާއްޖޭގެ ކުދިންނަކީ ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ބައެއް. އެކުދިންގެ ހިތްއަލިކަން އަދި އެކުދިން ކިޔެވުމުގައި ކުރިޔަށްދާ މިންވަރު އެއީ އެ ޔުނިވަރސިޓީގެ އިދާރާއަށްވެސް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމެއް. މީގެ އިތުރުން އެހެން ތަންތާނގައިވެސް ދިވެހިކުދިން ސާބިތު ކުރަމުން ގެންދަނީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ވަރަށް އެދެވޭ ސިފަތަކެއް. ވަރަށް އެދެވޭ ކުރިއެރުމެއް. އޭގެ ސިއްރަކަށް، މަސް ވުން އެއީ ދުރުކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.
ކޮންމެއަކަސް، ދިވެހިންނަކީ އެމީހުންގެ ނަފްސިއްޔާތުގައި ވަރަށް ގިނަ ކުޅަދާނަ ގޮތްތަކެއް އެކުލެވިފައިވާ ބައެއްކަން ކަށަވަރު. އަޅުގަނޑު އަނެއްކާވެސް ދަންނަވަން. އަމިއްލަ ޤައުމަށްޓަކައި ފަޚުރުވެރިވުމުގެ ގޮތަކުންނެއްނޫނޭ އަޅުގަނޑު މިހެން މިދަންނަވަނީ. އެއީ ހަމަ ޙަޤީޤަތެއް. އެންމެކުރީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ދޭތެރޭގައި ލިޔެފައިވާ ބޭރުގެ މުއައްރިޚުންވެސް ލިޔެފައިވަނީ ކީކޭތޯ؟ "ދިވެހިރާއްޖޭގައި އުޅޭނީ ވަރަށް މަތީ ދަރަޖައަކަށް ތަހުޒީބުވެފައިވާ ބައެކޭ. ދިވެހިރާއްޖޭގައި ކަންތައްތައް ހުންނަނީ ވަރަށް ފުރިހަމަ، ހަމަޖެހޭ، ހަރުދަނާ އުސޫލެއްގެ މަތިންނޭ" މީގެ އެތައްސަތޭކަ އަހަރު ކުރިން އެވާހަކަތައް އެހުރީ ބޭރުގެ މުއައްރިޚުން އެމީހުންގެ ފޮތްފޮތުގައި ލިޔެފައި. ހަމައެފަދައިން، ދުނިޔޭގެ އެކިއެކި މަޢުލޫމާތުތައް ވަރަށް ފުރިހަމަ ގޮތެއްގައި ލިޔެފައިވާ ފޮތެއް ކަމުގައި ދުނިޔޭގެ ގިނަމީހުން ދެކޭ "އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ" އެފޮތުގައިވެސް ދިވެހިންނާ ދޭތެރޭގައި ލިޔެފައިވަނީ ތަޢުރީފުން ފުރިފައިވާ ބަސްތަކެއް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ އޭގެ ސިއްރެއް ކަމަށްވުން އެކަށީގެންވެއޭ، ބައެއް ސައިންޓިސްޓުން ބުނާގޮތުގައި، އަޅުގަނޑުމެންގެ ކާނާގެ ތެރޭގައި، މަސް އެހާގިނަ އަދަދަކަށް ހިމެނިފައިވާކަން އެއީ.
ކޮންމެއަކަސް އެއީ ތެދަކަށްވިޔަސް، ނުވިޔަސް އަޅުގަނޑުމެންގެ އިޤުތިޞާދު ބިނާވެފައިވަނީ މަހުގެ މައްޗަށްކަމަށް ވާތީ، މަސްވެރިކަން ކުރިޔަށް ގެންދިއުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ. އާދެ، މަސްވެރިކަން ކުރިޔަށް ގެންދިއުމަށް ވިސްނާއިރު ތަފާތު ގިނަ ރޮނގުތަކަކުން އެބަ ވިސްނަންޖެހޭ. އޭގެތެރެއިން އެއްކަމެއް ނުވަތަ އެއް ރޮނގެއް، އަޅުގަނޑުމެން ބާނާ ނުވަތަ ހިފާ މަސް އިތުރުކުރުން. ފަހަކަށް އައިސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ބާނާ ނުވަތަ ހިފާ މަހުގެ އަދަދަކީ އޭގެ ބަރުދަނުގެގޮތުން ދަންނަވާ ކަމުގައިވަންޏާ، ގާތްގަނޑަކަށް ތިރީހަކަށް ހާސް މެޓްރިކްޓަން. މިއަދަދު އެދެވޭ ގޮތަކަށް އިތުރުވަމުންނެއް ނުދޭ. ގާތްގަނޑަކަށް އެއް ވަރެއްގައި އުޅެނީ. އެހެންވީމާ، އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންވެއްޖެކަމެއް. އެއީ އަޅުގަނޑުމެން ބޭރުކުރާ އެއްޗަކީ މަސް. އެއަށް އަޅުގަނޑުމެންނަށް އެންމެ ބޮޑު އާމްދަނީ ލިބޭ އެއްޗަކީ މަސް. އެހެންކަމަށްވާއިރު އަޅުގަނޑުމެން އަބަދުވެސް އެއް އަދަދަކަށް މަސް ބާނައިލަ ބާނައިލައި ތިބެގެން، ނުވަތަ އެއް އަދަދަކަށް މަސް ހިފަމުން ގެންދާކަމަށްވަންޏާ، ދުނިޔޭގެ ތަކެތީގެ އަގު ބޮޑުވަމުންދާ ދިއުމުގައި އަޅުގަނޑުމެންނަށް އެއާ އެއްވަރަކަށް ކުރިޔަކަށް ނުދެވޭނެ.
އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންނަށް މި ބޭނޭ މަސް އިތުރުކުރުމާ ދޭތެރޭގައި. ކިހިނެއް ހަދައިގެންތޯ އެ މަސް އިތުރުކުރެވޭނީ؟ އާދެ، އޭގެތެރެއިން އެއްގޮތެއް، ގިނަ ދޯނިފަހަރުގައި އިންޖީނު ބެހެއްޓުން. މިހާރު މިނިސްޓްރީ އޮފް ފިޝަރީޒުން ރާއްވަވައިގެން މިއަދު އެ އިޢުލާނު ކުރެއްވީ، އިތުރު އިންޖީނުތަކެއް، އިންޖީނު ބަހައްޓަން އެދޭ ފަރާތްތަކަށް ލިބޭ ގޮތެއްގެ އިންތިޒާމު ހަމަޖެހިފައިވާކަން. އެއީ އެއްގޮތެއް. އަނެއްގޮތަކީ އަޅުގަނޑުމެން މަސްވެރިކަންކުރާ ގޮތް ބަދަލުކުރުން. އެއަށް ތަރައްޤީއެއް ގެނައުން. އެންމެ ފައިދާހުރި ގޮތަކީ އަޅުގަނޑުމެން އަބަދުވެސް މިހާރު ހަމަ މި މަސްބާނައި އުޅޭ އުސޫލުން މަސް ބާނަމުން ގެންދިޔުންތޯ ނުވަތަ އެއަށްވުރެ ތަރައްޤީވެފައިވާ ގޮތެއް ހޯދައިގެން އެގޮތެއް ބޭނުން ކުރުންތޯ، އެއީ އަޅުގަނޑުމެން މިއަދު ވަރަށް ސާފުކޮށް އެއަށް ޖަވާބުދޭން ޖެހިފައިވާ ސުވާލެއް. އެސުވާލަށް ޖަވާބުދޭއިރު އަޅުގަނޑުމެންގެ ވަށައިގެން ކަންތައްތައް ހިނގަމުންދާގޮތާ ދޭތެރޭގައިވެސް ވިސްނަންޖެހޭނެ. އަޅުގަނޑުމެން ވަށައިގެން ވަނީ އިންޑިއާ ކަނޑު. އިންޑިއާ ކަނޑުގެ ކައިރީގައި އެހެން ޤައުމުތަކެއްވޭ. އަޅުގަނޑުމެންގެ އަވަށްޓެރި ބައެއް ޤައުމުތައް އެބަހުރި. އެތަންތާނގައި މަސްވެރިކަން ކުރަމުން ގެންދަނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލައިލަން އެބަ ޖެހޭ.  ހަމައެފަދައިން އެނޫން އެހެން ޤައުމުތަކުގެ ބޯޓުފަހަރުވެސް އަޅުގަނޑުމެންގެ ރާއްޖެއާ ކައިރިއަށް އައިސްގެން މަސްވެރިކަން ކުރާކަން އެނގޭ. އަދި ރާއްޖޭގެ ސަރަޙައްދުގެ ތެރެއަށް ވަދެގެން މަސްވެރިކަން ކުރާކަންވެސް އެނގޭ. އެހެންވީމާ، އެމީހުން އެ މަސްވެރިކަން ކުރާގޮތް އެއީ ކޮންކަހަލަ ގޮތެއްތޯވެސް އަޅުގަނޑުމެން ބަލަން އެބަ ޖެހޭ.
އާދެ، ދާދިފަހުން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ބޭރުކުންފުންޏެއްގެ މަންދޫބަކު ބަޔާންކޮށްދެއްވި ގޮތުގައި މިހާރު އުތުރުކަރައިގައިވެސް މަސްވެރިކަން ކުރަމުން ގެންދަނީ އެހެން ގޮތަކަށް. އެއީ ޒަމާނުގެ ބޮޑެތި ބޯޓުފަހަރު ބޭނުންކޮށްގެން ބޮޑެތި ދާ ބޭނުންކޮށްގެން ވަރަށް ގިނަ އަދަދަކަށް މަސް ހިފަމުންދާ ގޮތް. ހަމަ އެފަދައިން، އަޅުގަނޑުމެންގެ ހުޅަނގުގައިވާ، މާ ކައިރި ޤައުމެއްނޫން. އެހެންނަމަވެސް އިންޑިއާ ކަނޑުގައިވާ ޤައުމެއް. މިދޭތެރެއިން އެޤައުމަކަށް ދިމާވާންއުޅުނު ވަރަށް ނުރައްކާތެރި ބަޣާވަތެއްގެ ވާހަކަ، ހާދިސާއެއްގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އެއީ ސީޝެލްސް. އެތާނގައިވެސް މިހާރު ހަމަ މިދެންނެވި ކުންފުނީގެ ފަރާތުން މަސައްކަތް ފަށައިގެންފި ކަމަށްވަނީ، މިދެންނެވި ބާވަތުގެ މަސްވެރިކަމަށް ބޭނުންކުރާ ބޯޓުފަހަރާއި މަސްވެރިކަމުގެ ޒަމާނުގެ ހުނަރުތައް ބޭނުންކޮށްގެން މަސްހިފަމުން ގެންދާގޮތް. އެހެންވީމާ، އަޅުގަނޑުމެންގެ ވަށައިގެން މަސްވެރިކަން އެހެންމީހުން ކުރަމުން މިގެންދަނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލަންޖެހިއްޖެ. އެހެންވީމާ، އެމީހުން އެގޮތަށް މަސްވެރިކަން ކުރަމުންދާއިރު އަޅުގަނޑުމެންގެ ރާއްޖެއަށް މި އަންނަ މަސް މިއަންނަނީ، މިއުޅެނީވެސް ހަމަ އެއް ހިސާބުގަނޑެއްގައި. ހަމަ އޭގެތެރެއިން ބައެއް، އެ މީހުން އެ ހިފަނީ. އެ މީހުން އެ ބާނަނީ. އަނެއްބައި އަޅުގަނޑުމެން މި ބާނަނީ. އަޅުގަނޑުމެން ހިފަނީ. އެހެންވީމާ، އެމީހުން ނުލާހިކު ގިނަ އަދަދަކަށް ބޮޑެތި ބޯޓުފަހަރު ބޭނުންކޮށްގެން ބޮޑެތި ދާ ބޭނުންކޮށްގެން އެހާގިނަ އަދަދަކަށް މަސް ހިފަމުން، މަސް ބާނަމުންދާއިރު އަޅުގަނޑުމެން އަދިވެސް ތިބެންވީތޯއޭ. ހަމަ މިހާރުވެސް މިމަސްވެރިކަން މިކުރާ ގޮތަށް ދޮށިން މަސް ބާނައިލަ ބާނައިލައި. މީވެސް ހަގުރާމައެއް. ވަރަށްބޮޑު ހަގުރާމައެއް. އިޤުތިޞާދީ ހަގުރާމައެއް. އަޅުގަނޑުމެންގެ ވަށައިގެން އެ ހިނގަނީ. އެހަނގުރާމައަށް އަޅުގަނޑުމެން ނުކުންނަންވާނީ އެ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެގެން. އެ ހަނގުރާމައަށް އެކަށީގެންވާ ހަތިޔާރު އަޅުގަނޑުމެންގެ އަތުގައި ހުރެގެން. އެހެން ބަޔަކު އަޅުގަނޑުމެންނާ ހަނގުރާމަ ކުރާއިރު، ރޮކެޓާއި މަތިންދާ ބޯޓާ އެބާވަތުގެ ވަރުގަދަ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަމުންދާއިރު އަޅުގަނޑުމެން ހަމައެކަނި ސާޅަނގަ ހިފައިގެން ނުކުމެގެން ނުވަތަ ލޮންސިކަހަލަ އެއްޗެހި ހިފައިގެން ނުކުމެގެން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިދާނެތޯ؟ އެއީ އަޅުގަނޑު ކުރާންވީ ސުވާލަކީ. ކޮންމެއަކަސް މިއީ ވަރަށް މުހިންމު މައްސަލައެއް. މިކަމާ ދޭތެރޭގައި ވަރަށް ރަނގަޅަށް އަޅުގަނޑުމެން ވިސްނައިފައި ގޮތްތަކެއް ނިންމަންވެއްޖެ. އެހެން ނޫނިއްޔާ އަޅުގަނޑުމެން ތިބިތާނގައި ތިބޭނީ، އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކުން ނުވަތަ އެހެން މީސްމީހުން އަޅުގަނޑުމެންގެ ކަނޑުގައި އަޅުގަނޑުމެންގެ އިޤުތިޞާދީ ސަރަޙައްދުގައި އަޅުގަނޑުމެންގެ އިޤުތިޞާދީ ސަރަޙައްދަށް، އެ މަސް އަންނަ ސަރަޙައްދުތަކުގައި ހުރި މަސްކޮޅު ބާނައިގެން، އެމީހުން ބޭނުންކޮށްގެން ހިނގައިދާނެ.
އާދެ، ހަމައެފަދައިން އަޅުގަނޑުމެން ވިސްނަންޖެހޭ، އަޅުގަނޑުމެން ބާނާ ނުވަތަ ހިފާ މަސް ރައްކާތެރި ކުރެވޭނެ ގޮތަކާ ދޭތެރޭ. މަސްވެރިކަމަށް މިއައި ބަދަލުގެ ސަބަބުން، މިއައި ތަރައްޤީގެ ސަބަބުން ކުރިން އަޅުގަނޑުމެން ގިނަދުވަސް ވަންދެން މަސް ބަހައްޓާގޮތަކަށް މިހާރު ބެހެއްޓޭކަށްނެތް. ކުރިން އަޅުގަނޑުމެން ބާނަމުން އައި ނުވަތަ ހިފަމުން އައި މަސް އަޅުގަނޑުމެން ދިޔައީ ހިއްކަމުން. ހިކިމަހުގެ ގޮތުގައި ވަރަށް ގިނަ ދުވަސްވަންދެން އަޅުގަނޑުމެންގެ އަތުގައި އެ ހަލާކުނުވެ ނުބައިނުވެ ހުރޭ. އެހެންވީމާ، އެ ފަހުން ބޭރު ޤައުމުތަކަށް ފޮނުވައިލައިގެން، އެ ވިއްކައިލުމަކީ އެއްވެސް ދަތިކަމަކަށްނުވޭ. އެކަމަކު އެ ދޮރު ވަނީ މިހާރު ބަންދުވެފައި. މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ރޯމަސް ވިއްކުމުގެ ދޮރު، އެންމެ ބޮޑަށް. އެހެންވީމާ، ރޯމަސް އަޅުގަނޑުމެންގެ އަތުގައި ހަލާކުނުވެ، ނުބައިނުވެ ބެހެއްޓޭނެ ގޮތެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެހެން ޢިބަރާތަކުން ދަންނަވަންޏާ، މަސް ފިނިކުރެވޭނެ އިންތިޒާމުތަކެއް ރާއްޖޭގައި ހުންނަންވާނެ. އެހެންނޫނިއްޔާ ވާގޮތަކީ ދާދި މިދާކަށްދުވަހު އެވީހެން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މާލެއަށް ތަންކޮޅެއް ގިނައިން މަސްބޭނި ދުވަސްކޮޅެއްގެ ތެރޭގައި އެމަހުގެ ބޭނުން ނުކުރެވިގެން ވަރަށް ގިނަ އަދަދަކަށް މަސް ޖެހުނީ އުކައިލަން. އަނެއްބައި މަސް ކުނިވީ. މިކަހަލަ ވަރަށް ބޮޑެތި ގެއްލުންތަކެއް އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހުނު. އެއީ އަޅުގަނޑުމެންގެ އަތުގައި މަސް ރައްކާތެރިކޮށް ބެލެހެއްޓޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން. އެކަމާ ދޭތެރޭގައިވެސް ސަރުކާރުން ދަނީ ވިސްނަމުން. އަދި ފިޔަވަޅު އަޅަމުން. މިހާރު ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ޚިޔާލު ކުރެވޭ މަޝްރޫއެއްގައި އެބައި ހިމެނޭ، ފިނިކުރުމަށް ބޭނުންވާ ބޮޑެތި ބޯޓުތަކެއް ރާއްޖެއަށް ގެނެސްގެން ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަނެގެން، އެބޯޓުތަކުގައި އެ ފިނިކޮށްފައި ބެހެއްޓުމަށް. އޭގެފަހުން ވަކި އަދަދަކަށް މަސް އަޅުގަނޑުމެންގެ އަތުގައި ރައްކާ ކުރެވުނީމާ، އެ ބޭރުދުނިޔެއަށް ފޮނުވައިގެން ވިއްކައިލާގޮތަކަށް އެ މަސައްކަތްވެސް އެބަ ހިނގާ ކޮންމެވެސްވަރަކަށް. އަޅުގަނޑުމެން އެއާ ދޭތެރޭގައި އިތުރަށް ވިސްނައިފައި، އަޅުގަނޑުމެން އަމިއްލައަށްވެސް ފިޔަވަޅުތަކެއް އަޅަން ވެއްޖެކަމަށް އަޅުގަނޑަށް ފެނޭ. އެއީ ކުރިންވެސް ދެންނެވިހެން، ކުރިން އަޅުގަނޑުމެން އެ ބާނާ ނުވަތަ ހިފާ މަސް ހިއްކައިގެން ގިނަ ދުވަހު އަޅުގަނޑުމެންގެ އަތުގައި ބެހެއްޓި ކަމުގައިވިޔަސް، މިއަދު އެމަގު ވަނީ ބަންދުވެފައި. މިއަދު ރޯމަސް ވިއްކަންޖެހިފައިވަނީ. އެހެންވީމާ، ރޯމަސްވެސް ގިނަ ދުވަހު ހަލާކުނުވެ، ނުބައިނުވެ ހުންނާނެ އިންތިޒާމެއް އަޅުގަނޑުމެން ޖެހޭނެ ހޯދަން.
ހަމަ އެފަދައިން، މަސް މާރކެޓްކުރުން، ނުވަތަ އެމަސް ވިއްކޭ ބާޒާރުތަކާ ހަމައަށް މަސް ގެންދިއުމުގެ އިންތިޒާމުވެސް ވާނީ އަޅުގަނޑުމެން ހަމަޖައްސަން. މިހާތަނަށް އެކަހަލަ އިންތިޒާމެއް އަޅުގަނޑުމެންނަށް ހަމަޖެއްސިފައެއް ނެތް. އަބަދުވެސް ވާގޮތަކީ އަޅުގަނޑުމެން މަސް ބާނަނީ، މަސް ހިފަނީ، މަސް ތައްޔާރު ކުރަނީ. އޭގެ ފަހުގައި އަޅުގަނޑުމެން އެންމެ ކައިރީގައި މިއޮތް އޮޅުދޫކަރަޔަށް އަޅުގަނޑުމެން މަސް ބޭރުކުރަމުން ގެންދިޔަ ޒަމާނުގައި އަޅުގަނޑުމެންގެ ބޯޓު ފަހަރުގައި މަސްގެންދެވޭ ގޮތަކަށް އޮތީ ހަމަޖެހިފައި. އެހެންނަމަވެސް އޭގެފަހުން މިހާރު މިއޮންނަ ގޮތަކީ ރޯމަސް ގަންނަ ކުންފުނިތަކުންވެސް އެމީހުންގެ ބޯޓުފަހަރު ރާއްޖޭގައި ގެންގުޅެނީ. އެއަށް އަޅުގަނޑުމެން މަސް ކިރުވަނީ. އެ ހިފައިގެން އެބާޒާރުތަކާ ހަމައަށް ގެންދަނީ އެބޯޓުފަހަރުގައި. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ބައެއް އުނިވޭ. އަޅުގަނޑުމެންގެ އަމިއްލަ ބޯޓުފަހަރު އެމަސް ގަންނަ ހިސާބުތަކަށް ގެންދެވޭ ކަމަށްވަންޏާ އޭގެ ވަރަށް ބޮޑު ބައެއް އަޅުގަނޑުމެންނަށް އިތުރަށް ލިބޭނެ. ވަރަށް ބޮޑު އާމްދަނީތަކެއް ލިބޭނެ. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް މިއަދު ޚިޔާލުކުރަން ވެއްޖެ ކަމެއް. އެހެން ޚިޔާލުކުރަންޖެހޭ ސަބަބަކީ އަޅުގަނޑުމެންގެ އަތްމަތީގައި މަސްވެރިކަން ބޭއްވުމުގެ މުހިންމުކަން ބޮޑުކަމުން. މިހާރުވާގޮތަކީ އޭގެ އެއްބައި އަޅުގަނޑުމެންގެ އަތްމަތީގައި މިއޮންނަނީ. މަސް ބޭނުން ނުވަތަ މަސް ހިފުން. އޭގެ އަނެއްބައި މިއޮންނަނީ އަޅުގަނޑުމެންގެ އަތުން ވީއްލިފައި. ބޭރު ބައެއްގެ ނުފޫޒުގެ ދަށުގައި އެބައި އެ އޮންނަނީ. އެހެން އޮވެގެން އަޅުގަނޑުމެންގެ އިޤުތިޞާދު ކުރިޔަކަށް ނުދާނެ. އަޅުގަނޑުމެންނަށް އިޤުތިޞާދީ މިނިވަންކަމެއް ނުލިބޭނެ.
އާދެ، އަޅުގަނޑު ކުރިންވެސް އެހެން ތަޤުރީރެއްގައި ދެންނެވިން، އަޅުގަނޑުގެ ވާހަކަޔަކީ ފުރިހަމަ އިޤުތިޞާދީ މިނިވަންކަން ލިބުމެއްނޫނޭ. އެއީ އަދި މާ ދުރުގައިވާ ލަނޑުދަނޑިއެކޭ. އެއާ ހަމައަށް އަދި އެއްވެސް ޤައުމަކަށް ވާސިލެއް ނުވެވެޔޭ. ދުނިޔޭގެ އެއްވެސް ޤައުމެއް ނެތް، މުޅިން އިޤުތިޞާދީ މިނިވަންކަން ލިބިފައިވާ ޤައުމެކޭ ބުނެވޭ ކަހަލަ. އެއެއްނޫން އަޅުގަނޑުގެ މަޤްޞަދަކީ. އަޅުގަނޑުގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ މިހާ މުހިންމު، އަޅުގަނޑުމެންގެ މުޅި ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިވާ، އަޅުގަޑުމެންގެ މުޅި އިޤުތިޞާދު އޭގެ މައްޗަށް ބިނާވެފައިވާ މަސައްކަތް، އެ ވެގެން ނުވާނެއޭ އެއްވެސް ހާލެއްގައި ބޭރުބައެއްގެ ގަދަ ނުފޫޒެއް އޭގެ މައްޗަށް ހިނގާ ގޮތަކަށް އޮވެގެން. އެހެންވީމާ، އެ މިނިވަންކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންވެއްޖެ. އެ މަސައްކަތް ކުރާ ކުރުމުގެ ތެރޭގައި މިދެންނެވި ކަހަލަ އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭ. ހަމައެފަދައިން، މަސްވެރިކަމަށް މީހުން ތައްޔާރު ކުރުން. މީހުން ތައްޔާރުކުރުމޭ މިދެންނެވީ އަޅުގަނޑު ކުރިންވެސް އިޝާރާތް ކުރި ފަދައިން، މަސްވެރިކަމަކީ ތަރައްޤީވަމުން އަންނަ އެއްޗެއް. އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން އަންނަ އެއްޗެއް. އެހެންވީމާ، އެ ބަދަލުތަކާ އެއްގޮތްވާ ގޮތުގެމަތީން، އެ ހުނަރުތައް ދަސްކުރާނެ ބައެއް އަޅުގަނޑުމެންގެ ތެރޭގައި ތިބެން ޖެހޭނެ. އަދި ބަޔަކަށް އެ ދަސްކޮށްދެވެންވެސްވާނެ. އެގޮތަށް އިތުރު ބަޔަކަށް މަސްވެރިކަމުގެ ހުނަރުތައް ދަސްވެގެން އަދި މަސްވެރިކަމުގެ އާ ހުނަރުތައް ދަސްވެގެން، ކުރިއަށް އޮތްތާނގައި ފައިދާހުރި ގޮތެއްގައި އަޅުގަނޑުމެންނަށް މަސްވެރިކަން ކުރެވެން އޮންނާނީ. އެ މީހުން ތައްޔާރުކުރުން އެއީވެސް އަޅުގަނޑުމެން މަސްވެރިކަން ކުރިއަށް ގެންދިއުމުގައި ވިސްނަންވީ ނުކުތާއެއް. ވަރަށް ބޮޑު ސަމާލުކަމެއް ދޭންވީކަމެއް.
އަޅުގަނޑުމެންގެ ރާއްޖޭގައި ތެޔޮ ލިބެން ހުރުން، އެއީވެސް އޭގެ އެއް އިންތިޒާމު. މަސްވެރިންނަށް ބޭނުންވާ އަދަދަށް ދަތިކަމެއްނެތި،  ބޭނުންވާވަރަށް ތެޔޮ ލިބެން ހުރުން. އެކަމުގެ އިންތިޒާމުތައްވެސް ދަނީ ސަރުކާރުން ހަމަޖައްސަމުން. އެހެންނަމަވެސް ކަމުގެހުރި ދަތިކަން ބޮޑުކަމުން ސަރުކާރުން އެދޭހާ އަވަހަކަށް އެކަން ވަމަކުންނުދޭ. މިހާރުވެސް އެބަހުރި، ރާއްޖެތެރޭގައި ވަރަށް ގިނަ އަދަދަކަށް ތެޔޮތާނގީތައް ބެހެއްޓިފައި. އޭގެ ތެރެއިން ބައެއް އަތޮޅުތަކަށް މިހާރުވެސް ތެޔޮ ފޮނުވޭ. އަނެއްބައި އަތޮޅުތަކަކަށް އަދި ނުފޮނުވޭ. އެއީ ކަންތައްތައް ހުރިލެއް ދަތިކަމުން. އަޅުގަނޑުމެން މިކަމާ ދޭތެރޭގައިވެސް ވިސްނައިފައި އިތުރު، މިއަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދަންވެއްޖެ. ރާއްޖެތެރޭގައި ތެޔޮ ހުންނާނޭ އިންތިޒާމެއް، ރާއްޖެތެރޭގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި ތެޔޮ ލިބޭނެ ގޮތެއް އޮންނަންވާނެ. މިދެންނެވި ނުކުތާ ވާރލްޑް ބޭންކުގެ ދެން އޮންނަ ޕުރޮގުރާމުގައި ހިމެނުމަށް މިހާރުވަނީ ޚިޔާލުކުރެވިފައި، ވާރލްޑް ބޭންކުގެ ފުރަތަމަ ޕުރޮގުރާމުގައި މިހާރު އޮތީ ދޯނިފަހަރަށް އިންޖީނު ދޫކުރުން. 500 އިންޖިނު އަޅުގަނޑު ހިތުން ވަނީ ލިބިފައި. ދެން އޭގެ އިތުރަށް ނިޔަމިކަމަށް އެހީވެދޭ ބައްތިތަކެއް ރާއްޖެތެރޭގައި ހަރުކުރުން، އަދި ޓެކްނިކަލް އެސިސްޓެންޓެއްގެ ގޮތުން ބައެއް މީހުން ޓްރޭން ކޮށްދިނުމާއި އަދި ސަރވިސް ސެންޓަރުތައް އުފެއްދުމާ، މިކަހަލަ ކަންތައްތައް މިއޮތީ ވާރލްޑް ބޭންކުގެ ފުރަތަމަ ޕުރޮގުރާމުތަކުގެ ތެރޭގައި ހިމެނިފައި. ދެވަނަ ޕުރޮގުރާމުގައި އަޅުގަނޑު މިދެންނެވި ބާވަތުގެ ކަމެއް ހިމެނޭ ކަމަށް ލަފާކުރެވެނީ. ކޮންމެއަކަސް، އެ ޕުރޮގުރާމުގައި ހިމެނިގެން ކުރިއަށްދާ ކަމަށްވަންޏާ އެއީ ވަރަށް ރަނގަޅުކަމެއް. އެ ޕުރޮގުރާމު އެގޮތަށް ކުރިއަށް ނުދާ ކަމަށްވަންޏާ އަޅުގަނޑުމެން އަމިއްލައަށްވެސް ޖެހޭނެ އެކަންތައްކުރަން.
ދެންވެސް އޮތީ، ހަމަ އެހާ މުހިންމު އަނެއް ކަންތައް. އެއީ އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުން. ކުރިންވެސް އަޅުގަނޑު އިޝާރާތް ކުރި ފަދައިން، ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގެ ތެރެއަށް ބޭރު ބޯޓުފަހަރު ގަވާއިދާ ޚިލާފަށް ވަދެގެން މަސްވެރިކަން ކުރާކަން، އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ. އެކަން ހުއްޓުވުން އެއީ ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން ދޭންޖެހޭނެ ކަމެއް. އެކަމާ ދޭތެރޭގައި ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތައް އަޅަމުންގެންދޭ. މިހާރުވެސް މަސްވެރިކަމުގެ ސަރަޙައްދު ރައްކާތެރިކުރުމަށްޓަކައި ވަރަށް އާ ބޯޓެއް ވަނީ ގެނެވިފައި. ތިޔަބޭފުޅުންނަށް ފެނިވަޑައި ގަންނަވާނެ، މާލޭ ފަޅުތެރޭގައި އޮތް ބޯޓެއް. ނަންބަރެއް ނެތް އަދި ނަމެއް ނެތް ބޯޓެއް. ކޮންމެވެސް ނޫހެއްގައިވެސް ޖަހައިފައިއޮތް. އާދެ، އެއީ މަސްވެރިކަމުގެ ސަރަޙައްދު ރައްކާތެރި ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއަށް ސަރުކާރުން ހޯދައިދިން ބޯޓެއް.  އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އެބޯޓުގެ މަސައްކަތްވެސް ފެށޭނެ. އޭރުންވެސް އަޅުގަނޑުމެންގެ ސަރަޙައްދަށް މިހާރަށްވުރެ ބޮޑު ރައްކާތެރިކަމެއް ލިބޭނެ. މިދެންނެވި ބޯޓަކީ މިކަހަލަ މަސައްކަތްތަކަށް ތައްޔާރު ކުރެވިފައިވާ ބޯޓެއް. ކުރިންވެސް ތަންކޮޅެއް ކުދި ލޯންޗުފަހަރު ގެނައި. އެހެން ނަމަވެސް އެލޯންޗުފަހަރު އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް މާ ކަމުދާކަހަލަ، މި ބޭނުމުގައި މަސްވެރިކަމުގެ ސަރަޙައްދު ބެލެހެއްޓުމަށް މާ ކަމުދާ ކަހަލަ އެއްޗަކަށް ތަޖުރިބާއަކުންނުވި. ތަޖުރިބާ ކުރީމާ އެނގުނީ އޭގައިހުރި އުނިކަން. އެހެންވީމާ، އިތުރު އެހެން ވައްތަރެއް މިހާރު ސަރުކާރުން ހޯދައިގެން އެއޮތީ ގެނެއްސަ. އެބޯޓުގެ މަސައްކަތް ފެށުނީމާވެސް އަޅުގަނޑުމެންގެ އިޤުތިޞާދީ ސަރަޙައްދުގެ ސަލާމަތްކަމަށް އިތުރު ސަލާމަތްކަމެއް ލިބޭނެ.
ހަމަ އެފަދައިން، ރާއްޖެތެރޭގައި މިހާރު ސަރުކާރުން އުފައްދަން ޤަސްދުކޮށްފައިވާ ވައިގެ ބަނދަރުތައް އުފެއްދުނީމާ އެކަމުންވެސް ސަރަޙައްދު ބެލެހެއްޓުމަށް ބާރެއް ލިބޭނެ. އެއީ ރާއްޖެތެރޭގައި މަތިންދާ ބޯޓުފަހަރު ދުއްވާކަމަށް ވަންޏާ، އަދި މަތިންދާ ބޯޓުފަހަރަށް މިހިސާބުގަނޑުގެ ކަނޑު ކޮންމެވެސް ވަރަކަށް ބެލެހެއްޓޭނެކަމަށް ވަންޏާ އެއިން ވަރަށްބޮޑު ފައިދާތަކެއް ނުކުންނާނެ. މިހާރުވެސް ބައެއް ފަހަރަށް އެކި ދިމަދިމާއިން ބޯޓުފަހަރު ފެންނަ ކަމުގެ މަޢުލޫމާތު ސަރުކާރަށް ލިބުނީމާ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ފަރާތުން ފޮނުއްވާ މަތިންދާބޯޓު ފޮނުއްވެން އޮތިއްޔާ، މަތިންދާބޯޓު ފޮނުއްވައިގެން ބައްލަވައި ހައްދަވާ. އެހެންވީމާ، މަތިންދާބޯޓުން އެއީ ވަރަށް ބޮޑު ސަރަޙައްދަކަށް އޭގެ ބެލުން ފޯރާ އެއްޗަކަށްވާތީ، ރާއްޖެތެރޭގައި އެކިއެކި ވައިގެ ބަނދަރު ހެދިގެން ރާއްޖެތެރޭގައިވެސް ވައިގެ ދަތުރުތައް ކުރެވޭ ގޮތަށް ހަމަޖެހުނީމާ މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓޭނެ. އާދެ، އަޅުގަނޑު މިދެންނެވީ މިބާވަތުގެ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން މިކަހަލަ ދުވަހެއްގައި ވާނެއޭ ވަރަށް ބޮޑަށް ވިސްނަން. އެ ވިސްނަންވީ ހަމައެކަނި ސަރުކާރަކުން ނޫނޭ. އަޅުގަނޑު ކުރިންވެސް ތަކުރާރުކޮށް ދަންނަވާ ވާހަކައެއް، ސަރުކާރުން ވިސްނަންވާނެ. ސަރުކާރުން އެންމެ ބޮޑަށް ވިސްނެން  އޮންނާނީވެސް. އަދި އެންމެ ގިނަ ފިޔަވަޅު އެޅެން އޮންނާނީވެސް. އެކަމަކު ސަރުކާރު ފިޔަވައި އެހެން، ކަމާބެހޭ ފަރާތްތަކުންވެސް މިކަންކަމާ ދޭތެރޭގައި ވިސްނަންވާނެއޭ. އަދި ސަރުކާރުން ރާވާ ކަންތައްތަކުގައި އެހެންމީހުންގެ އެހީތެރިކަންވެސް ލިބެންވާނެއޭ. މިއިން ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ ޢާންމު ރައްޔިތުންނާ އަދި މަސްވެރިންގެ އެހީތެރިކަން ފުރިހަމައަށް ސަރުކާރަށް ނުލިބޭ ކަމަށްވަންޏާ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެއޭ.
އާދެ، ކޮންމެއަކަސް މިއަދުގެ ޖަލްސާ އަޅުގަނޑު ހިތުން އަޅުގަނޑުމެން ހީކުރިވަރަށްވުރެ މާ ބޮޑުތަން ދިގުވެގެން ހިނގައްޖެ. 11 ޖަހާއިރު ކޮންމެވެސް އެހެން ތަނެއްގައި ޖަލްސާއެއްވެސް އެބައޮތްހެން އަޅުގަނޑަށް ހީވަނީ. އަދި އޭގެ ކުރިން މަޢުރަޟު ހުޅުވުންވެސް އޮތީ. އެހެންވުމާއެކުގައި، ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަން ގަސްދުކުރަނީ. ނިންމައިލުމުގެ ކުރިން މިއަދުގެ މުނާސަބަތުގައި ޝުކުރު ދަންނަވަންޖެހޭ ބައެއް ފަރާތްތައް އެބަހުރި. އާދެ، އެންމެ ފުރަތަމަ ފަރާތަކީ އަޅުގަނޑުމެން އެބަޔަކަށް މިއަދު މަރުޙަބާ ކިޔުމަށް އެއްވެމިތިބީ، އަދި އެބަޔަކަށް މަރުޙަބާ ކިޔުމަށްޓަކައި މިދުވަސް މިފާހަގަކުރާ ރާއްޖޭގެ މުރާލި ކެތްތެރި މަސްވެރިން. ދިވެހި އުންމަތުގެ ނަމުގައި ރާއްޖޭގެ ލޮބުވެތި މަސްވެރިންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު އަޅުގަނޑު ރައްދު ކުރަން. އާދެ، ދެން އަޅުގަނޑު ޝުކުރު ދަންނަވަންޖެހެނީ އަނެއްކާވެސް މިނިސްޓަރ އޮފް ފިޝަރީޒަށް. އެއީ އެމަނިކުފާނު އެ ހިންގަވާ މިނިސްޓްރީގެ މަސްއޫލިއްޔަތު ބޮޑުކަމާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތު އެމަނިކުފާނަށް އިޙުސާސް ކުރެއްވޭލެއް ބޮޑުކަމުން، މަސްވެރިކަން ރައްކާތެރި ކުރުމާއި އަދި މަސްވެރިކަން ކުރިއަށް ގެންދިއުމުގައި އެމަނިކުފާނު ބަހައްޓަވާ ފަރުވާތެރިކަމުގެ މައްޗަށް ސަރުކާރުގެ ފަރާތުން އަދި އަޅުގަނޑުގެ އަމިއްލަ ފަރާތުން މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއް ސައްތާރު މޫސާ ދީދީ އަށް ޝުކުރު ދަންނަވަން. ދެން އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވަނީ އަޅުގަނޑުމެންނަށް އެހީވެދިން ބައެއް ފަރާތްތަކަށް. ދެންމެ މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި އެ ފަރާތްތައް ވަރަށް ތަފުޞީލުކޮށް ވިދާޅުވެއްޖެ. އެހެން ނަމަވެސް ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުގެ ނަމުގައި، އަޅުގަނޑު އެފަރާތްތަކަށް ޝުކުރު ދެންނެވުމަކީ ބޭނުންކަމެއް ކަމަށް އަޅުގަނޑަށް ފެނޭ.
އެހެންވީމާ، އެފަރާތްތަކަށް ކިތަންމެ ކުރު ޢިބާރާތަކުން ނަމަވެސް ޝުކުރު ދަންނަވަނީ، އެންމެ ފުރަތަމަ ވާރލްޑް ބޭންކު. ކުރިންވެސް ދެންމެ ތިޔަ ބޭފުޅުންނަށް އިވި ވަޑައިގެންނެވި ފަދައިން، ވާރލްޑް ބޭންކުގެ އެހީގައި މިހާރުވެސް މަސްވެރިކަން ކުރިއަށް ގެންދިއުމުގެ މަޝްރޫޢެއް ހިނގަމުން އެބަދޭ. އަދި ދެވަނަ މަޝްރޫޢެއްވެސް ދަނީ މިހާރު ރޭވެމުން. އެހެން ވީމާ، ވޯލްޑް ބޭންކަށް އަޅުގަނޑު ދިވެހި ދައުލަތުގެ ނަމުގައި، ދިވެހި ސަރުކާރުގެ ނަމުގައި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާ ކުރަން. ދެން އޮތީ ކުވޭތު ފަންޑު. ކުވޭތު ފަންޑުގެ ވާހަކަ އައްސަވާނެ ތިޔަ ބޭފުޅުން. އެއީ ރާއްޖެއަށް ވަރަށް މަޝްހޫރު ތަނަކަށް މިހާރުވެއްޖެ. އަޅުގަނޑުމެންގެ އެއަރޕޯޓަށްވެސް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދޭ ފަރާތެއް އެއީ. އެނޫންވެސް ވަރަށް ގިނަ ކަންތައްތަކުގައި ކުވޭތު ފަންޑުގެ އެހީ ދަނީ ލިބެމުން. ރާއްޖޭގެ ޓޫރިޒަމް ތަރައްޤީ ކުރުމަށްވެސް ކުވޭތު ފަންޑުން ވަރަށްބޮޑު އެހީއެއްވަނީ ލިބިފައި. މަސްވެރިކަމަށްވެސް ކުވޭތު ފަންޑުން ވަރަށް ގިނަގުނަ އެހީތައް ލިބެމުންދޭ. އެއީ ކުވޭތަކީ އަޅުގަނޑުމެންނާ ވަރަށް ވަރުގަދަ ގުޅުމަކުން ގުޅިފައިވާ ޤައުމެއް. އިސްލާމީ ޤައުމެއް. ޢަރަބި ޤައުމެއް. ކުވޭތުގެ ސަރުކާރުންނާއި ރައްޔިތުން ދިވެހިރާއްޖެއަށް ބަހައްޓަނީ ވަރަށް މަތިވެރި ޢިނާޔަތެއް. އޭގެ ނަތީޖާއެއްގެ ގޮތުން އެކިއެކި ކަންކަމުގައި އަޅުގަނޑުމެންނަށް އެފަރާތުން ލިބޭ އެހީތައް ގިނަގުނަ.
ދެންއޮތީ ދުނިޔޭގެ ކާބޯތަކެއްޗާއި، ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ. އާދެ، އެފް.އޭ.އޯ. އެފް.އޭ.އޯ.ގެ ފަރާތުންވެސް ރާއްޖޭގެ މަސްވެރިކަމަށް އެހީތަކެއް މިހާރު ލިބެމުން އެބަދޭ. އެ އެހީތަކުގެ ވާހަކަ ދެންމެ މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި ބަޔާންކޮށްދެއްވައިފި. ހަމަ އެފަދައިން، ޔޫ.އެން.ޑީ.ޕީ. ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުންވެސް އަޅުގަނޑުމެންގެ ރާއްޖޭގެ އިޤުތިޞާދަށް ވަރަށް ގިނަ ގޮތްގޮތުން އެހީތައް ލިބެމުންދޭ. ވަރަށް ގިނަ ތަފާތު މަޝްރޫޢުތަކެއް ޔޫ.އެން.ޑީ.ޕީ.ގެ އެހީގެދަށުން ރާއްޖޭގައި ހިނގަމުންދޭ. ހަމައެކަނި ރާއްޖެއަކުނޫން. ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް. އެއީ އ.ދ މަޖްލިސްގެ ފަރާތުން އުފައްދައިފައިވާ ޖަމްޢިއްޔާއެއް. އެ ޖަމްޢިއްޔާގެ ޓެކްނިކަލް އެހީއާއި، އެނޫން އެހީތައް ތަރައްޤީވަމުންއަންނަ ވަރަށް ގިނަ ޤައުމުތަކަށް ދަނީ ލިބެމުން. އޭގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނޭ. އަދި ރާއްޖެއަށް  ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން ލިބޭ އެހީތަކުގެ ތެރޭގައި އަޅުގަނޑުމެންގެ މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމާއި، ދާއިރާ ބޮޑުކުރުމަށް، އެފަރާތުން ލިބޭ އެހީތައް މިމަޤާމުގައި އަޅުގަނޑު ފާހަގަކޮށްލަން.
ދެން އޮތީ ބައެއް އެކުވެރި ޤައުމުތަކުގެ ސަރުކާރުތައް. އެވާހަކަވެސް މިނިސްޓަރގެ ވާހަކަފުޅުގައި ބަޔާންކުރެއްވި. އާދެ، އެއްފަރާތަކީ ޖަޕާނު ސަރުކާރު. ޖަޕާނު ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް މަސްވެރިކަމާ ބެހޭގޮތުން އަޅުގަނޑުމެންނަށް އެހީތަކެއް ލިބެމުންދޭ. އަދި މިހާރުވެސް އެބަ ލިބޭ. އެހެންވީމާ ޖަޕާނު ސަރުކާރަށްވެސް އަދި އޭގެ އިތުރުން ޖުމްހޫރީ ކޮރެއާގެ ސަރުކާރަށްވެސް، އަޅުގަނޑު އެ ޤައުމުގެ ސަރުކާރަށްވެސް ޝުކުރު އަދާކުރަންޖެހޭ. ދެންމެ ޢަބްދުއްސައްތާރު މޫސާދީދީގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، އެ ސަރުކާރުގެ ފަރާތުން މިއަދަށްޓަކައި ދިވެހިރާއްޖޭގައި ފުރަތަމަ ފާހަގަކުރެވޭ މަސްވެރިންގެ ދުވަހަށްޓަކައި ވަރަށް ބޮޑު ހަދިޔާއެއްވަނީ ކުރައްވައިފައި. އެހަދިޔާގެ ވާހަކަ އެމަނިކުފާނު ވިދާޅުވެއްޖެ. އެ ހަދިޔާގެ އިތުރުންވެސް މީގެކުރިންވެސް ޖުމްހޫރީ ކޮރެޔާގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މަސްވެރިކަމާބެހޭ އެތަކެއް އެހީތަކެއްވަނީ ލިބިފައި. އެހެންވީމާ އެސަރުކާރަށްވެސް ދިވެހި ސަރުކާރުގެ ނަމުގައި އަޅުގަނޑު ޝުކުރު އަދާކުރަން.
 އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، ދިވެހިރާއްޖޭގެ މަސްވެރިންނަށް އަދި ދިވެހިރާއްޖޭގެ މަސައްކަތްތެރިންނަށް، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނަށް، އިތުރު ކުރިއެރުމަކާއި ތަރައްޤީއަކަށް އެދެމުން. މުޅި ދިވެހިރާއްޖެއަށް ބާއްޖަވެރިކަމާއި، އަމާންކަމާއި، ކުރިއަށް ދިއުމުގެ މަގު اللّـه سبحـانـه وتعـالى ތަނަވަސް ކޮށްދެއްވުން އެދި ދުޢާ ކުރަމުން.

            والسّلام عليكم ورحمـة اللّـه وبركاته.

 

މަސްދަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!