މަސްވެރިންގެ ދުވަހާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ދެމުންދާ އެވޯޑުތައް އިތުރު ކުރަން ނިންމައިިފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިކަމާބެހޭ މަޝްވަރާތައް މިހާރު ކުރަމުންދާކަމަށާއި، ވަރަށް އަވަހަށް އެކަން އިއުލާން ކުރައްވާނެކަމަށެވެ. މީގެތެރޭގައި މަސް ދޯނިފަހަރަށްދޭ އެވޯޑު އިތުރު ވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން އެންމެ ގިނައިން މަސްކިރުވި ދޯނިފަހަރަށާއި، ރާއްޖެއިން އެންމެ ފާހަގަކުރެވޭ ކެޔޮޅުންނާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާގައި އަންނަނީ އިނާމު ދެމުންނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން މިއަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވަން ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ދީފައިވަނީ 2 އެވޯޑެކެވެ. އެއީ ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ދޯނިފަހަރުގެ ތެރެއިން ކުންފުނި ތަކަށް އެންމެ ގިނައިން މަސްކިރުވި ދޯންޏާއި، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން ކުންފުނިތަކަށް އެންމެ ގިނައިން ކަންނެލި ކިރުވި ދޯންޏަށެވެ.
މަސްދޯނިފަހަރުން މި އެވޯޑު ހޯދީ ގދ. މަޑަވެލީ "ކަމަނަ" ދޯންޏެވެ. ކަންނެލި ދޯނިފަހަރުގެ ތެރެއިން މި އެވޯޑު ހޯދީ އއ.ރަސްދޫ "ރަންދުވެލި" ދޯންޏެވެ.

އެންމެ ގިނައިން މަސް ކިރުވި ދޯނީގެ އެވޯޑު ދިނުމުގައި ބަލަނީ ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން މިއަހަރުގެ ސެޕްޓެމްބަރު މަަހުގެ ނިޔަލަށް މަސް ކިރާ އަދަދަށެވެ.
"މި އެވޯޑު ދެނީ 2019 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަސް ކިރާ ދޯނިފަހަރަށް. އެއީ ޑިސެމްބަރު 10 ގައި މި އެވޯޑު ދޭތީ. މިއީ މިނިސްޓްރީން އަބަދުވެސް މިކަން ކުރަމުން އަންނަ އުސޫލަކީ." ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
މިދިޔައަހަރު މި އެވޯޑް ހޯދީ ގއ. ނިލަންދޫ "ހަނދުވަރީ" ދޯނިންނެވެ.
