ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތާހުކުރުމަށް މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ޚަރަކާތަކީ މިއަހަރުގެ މަސްވެރިންގެ ދުވަހު ފެނިގެންދިޔަ އެންމެ އާދަޔާ ހިލާފު ހަރަކާތެވެ. މިއީ ރާއްޖޭގެ އެންމެ ގިނަ ދޯނިފަހަރުން އެއްތަނަކަށް އެއްވެ މިހާތަނަށް ބޭއްވި އެންމެ ބޮޑު އިވެންޓެވެ. ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ 70 އަށްވުރެ ގިނަ ދޯނި އެެއްތަންވެ ކަނޑުމަތީގައި މިފަދަ ޖަލްސާއެއް ބޭއްވުން ވެގެންދިޔައީ ގިނަބަޔަކަށް ހައިރާންކަން ގެނުވައިދިން ކަމަކަށެވެ. މި ޖަލްސާގެ އިންތިޒާމްތައް އެހާމެ ފުރިހަމައެވެ.

ދޯނިފަހަރުގައި ހުރި ބެނާތަކުން މަަސްވެރިންގެ ކަންބޮޑުވުން ތައް ފެންނަން ހުރިއިރު، ދޯނިފަހަރު ވަނީ ދިދަފަތިދަމާ މި އިވެންޓަށް ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާއަށްފަހު ކަންނެލި އޮޑިފަހަރުގައި މާލެ ވަށައިން ޖަހާލި ބުރަކީވެސް އެހާމެ ފުރިހަމަ ދޯނި ބުރެކެވެ.

ކޮންމެއަކަސް މިހަރަކާތުން އެކަނިވެސް ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިންގެ ހައިބަތު ފެނިގެން ހިނގައްޖެއެވެ. މިއީ ރާއްޖޭގެ ކަނޑުމަތީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާއެވެ. އެތައް ބަޔަކު ދަނީ މި އިވެންޓަށް ތަޢުރީފް ކުރަމުންނެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދުވެސް ވަނީ މި އިވެންޓަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އެ ޖަމްއިއްޔާގެ އެކި މަޤާމްތަކަށް ވަނީ މެމްބަރުން އިންތިހާބުކޮށްފައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސަކަށް ހޮވާފައިވަނީ މި ހުސެއިން ނަޝީދެވެ. ނައިބް ރައީސަކަށް ހިންތިޚާބުކޮށްފައިވަނީ ކުރީގެ މަޝްހޫރު ގޯލްކީޕަރު އިމްރާން މުޙައްމަދެވެ. ޖެނެރަލް ސެކެޓްރީއަކީ މުޙައްމަދު ނާޒިމެވެ. ހަޒާންދާރަކީ ކިނޮޅަހު އިއްތިފާގު ދޯނީގެ ކެޔޮޅު ފާރިޝް އެވެ. މި މަޤާމުތަކުގެ އިތުރުން ހިންގާ ކޮމެޓީގެ 10 މެމްބަރުން ވެސް ވަނީ ހޮވާފައެވެ. ހިންގާ ކޮމެޓީއަށް ހޮވާފައިވަނީ 10 ކެޔޮޅުންނެވެ. މި ހުރިހާ މަޤާމުތަކަށް މެމްބަރުން އިންތިހާބުކޮށްފައިވަނީ މި ޖަލްސާއަށް ހާޒިރުވި ކަންނެލި މަސްވެރިންގެ ވޯޓުން ނެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު ބުނީ، ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ ގޮންޖެހުންތައް ހައްލުކުރުމަށް އެ ޖަމްއިއްޔާއިން މަސައްކަތް ކުރާނެކަމަށެވެ. މިގޮތުން މިހާރުވެސް ރައްޔިތުންގެ މަޖިލީހާއި، ފިޝަރީޒް މިނިސްޓްރީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި އެކި ފަރާތްތަކާ ބައްދަލުކޮށް ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހިއްސާކޮށްފައިވާކަމަށް ނަޝީދު ބުންޏެވެ.

"ބޮޑުކަންނެލި މަސްވެރިކަން ކުރިއަރާނީ ވާދަވެރި މާކެޓުތަކެއް އުފެދިގެން. ބޮޑުކަންނެލި ގަންނަ އިތުރު ކުރުންފުނިތަކެއް ރާއްޖެ ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިހާރު މަދު ބަޔަކު މި ވިޔަފާރީގައި މި އުޅެނީ. މީގެއިތުރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވާ ހުރިހާ ގޮންޖެހުންތައް ހައްލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ކަންނެލި މަސްވެރިންގެ ހައްޤުގައި އަޑު އުފުލާނަން. މި ޖަލްސާއަކީ ފެށުމެއް." ނަޝީދު ބުންޏެވެ.
ދިވެހިރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 380 އަށްވުރެ ދޯނި އޮވެއެވެ.



