މަސްކިރަން ނަމްބަރު ދޫކުރާ އުސޫލު ފެލިވަރުން ހަރުކަށިކޮށްފިއެވެ.
މިގޮތުން މިއަދުން ފެށިގެން ކިއު ނަމްބަރު ދޫކުރާނީ ކޮންމެ ދުވަހަކު ހެނދުނު 7:30 އިން ރޭގަނޑު 00:00 އަށް ކަމަށާއި، ކިއު ނަމްބަރު ދޫކުރާނީ މަހަށްގޮސްފައި އަންނަ ދޯނިފަހަރުގެ ތެރެއިން މަސް ހުންނަ ދޯނިފަހަރަށް ކަމަށް ފެލިވަރުން ބުނެއެވެ. އަދި ކިއު ނަމްބަރު ދޫކުރާއިރު ދޯނީގައި މަސް ހުރި އަދަދު ނޯޓްކުރާނީ ފެލިވަރުގެ މުވައްޒަފަކު ދޯންޏަށް އަރާ ބެލުމަށްފަހު އެދޯނީފައި އެއަދަދަށް މަސް ހުރިކަމަށް ޤަބޫލުކުރެވޭ ނަމަ ކަމަށް ފެލިވަރުން ބުނެއެވެ.
އަދި ކިއު ނަމްބަރު ތަރުތީބުކޮށް ޖެހިގެން އަންނަ ދުވަހު މަސް ކިރޭނެ ދޯނިފަހަރުގެ ލިސްޓް ތަރުތީބުކޮށް ރޭގަނޑު ދޯނިފަހަރަށް އަންގާނެކަމަށާއި، އަދި ފޯނުން ނުގުޅޭ ދޯނިފަހަރަށް އެސްއެމްއެސް ކުރާނެކަމަށް ފެލިވަރުން ބުނެއެވެ. އަދި އެދުވަހުގެ ކިއު ނަމްބަރު ޖެހޭއިރު އެ ދޯންޏަށް ފެލިވަރަށް ނުދެވިއްޖެ ނަމަ ނަމްބަރު ކެންސަލް ވާނެކަމަށާއި ނަމްބަރު ކެންސަލް ވުމަށްފަހު އެ ދޯންޏަކަށް މަސް ކިރޭނީ އަލުން ނަމްބަރު ނަގައިގެން ކަމަށް ފެލިވަރުން ބުނެއެވެ.
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، މިދުވަސްވަރަކީ "އާދަޔާ ހިލާފަށް" މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވާތީ، ދޯނިފަހަރުން މަސް ކިރަން ޖެހެނީ ކިޔު ނަމްބަރު ދޫކޮށްގެން ކަމަށެވެ. މަސްގަތުމުގެ އޮޕަރޭޝަން ރޭވުމުގައި މަސްވެރިންނަށް ދެވޭނެ އެންމެ ބޮޑު އެހީތެރިކަމަކީ ކިޔުނަމްބަރު ނަގާ ދޯނީގައި މަސް ހުންނަ އަންދާޒާ އަދަދު ވީހާވެސް ގާތަކަށް ދިނުން ކަމަށް މި ބަޔާނުގައި ވެއެވެ. ބައެއް ދޯނިފަހަރުން ހުރިކަމަށް ބުނާ މަހުގެ އަދަދާއި މަސް ކިރަން އަންނަ އިރު ހުރި އަދަދާ ބޮޑު ތަނުން ތަފާތުކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. މިގޮތަށް މިކަން ދިމާވަމުން އަންނާތީ ދުވަހުގެ ކިޔުނަމްބަރު ތަރުތީބުކޮށް އެދުވަހަކު މަސް ކިރޭ ދޯނިފަހަރަށް ފުރުޞަތު ދިނުމުގައި ނުހަނު ބޮޑަށް ދަތިތައް ކުރިމަތިވާކަމަށް ފެލިވަރުން ނެރެފައިވާ ބަޔާނުގައިވެއެވެ.
މިކަމާ ބެހޭގޮތުން ފެލިވަރަށް މަސްކިރަން ނަމްބަރު ނައިގެން އޮތް ދޯންޏަކުން ބުނީ ނަމްބަރު ނަގާއިރު މަސް ހުންނަ އަދަދާއި މަސް ކިރަން ދާއިރު ހުންނަ އަދަދާ ބައެއް ދޯނިފަހަރުން ތަފާތު ވެދާނެކަމަށެވެ. އަދި މިފްކޯއިން މިހާރު މަސް ނުކިރަން އެތައް ބަހަނާއެއް ދައްކަމުންދާކަމަށް އޭނާ ބުންޏެވެ.
"މަސް ކިރެނީ ނަމްބަރު ނަގާތާ ހަފްތާއެއް ފަހުން. ބައެއް ފަހަރު 10 ދުވަސް ފަހުން. ނަމްބަރު ނަގާގޮތަށް އަހަރެމެން މިޖެހެނީ އައިސްއަޅާ ވަތުގެ ފެން ބަދަލުކޮށްކޮށް ތިބެން. މިހާ ގިނަ ދުވަހު މަސްތައް އައިހުގަ ގެންގުޅެންވީމަ ބައެއް މަސްތައް އެބަ ހަލާކުވޭ. އެ މަސްތައް އަހަރެމެން މި ކިރާލަނީ ކޮންމެސް ރަށަކަށް. ކިޔުނަމްބަރު ޖެހެންދެން އެ މަސްތައް ބަހައްޓައިފި ނަމަ އެޖެހޭނީ އުކާލަން. ފެލިވަރަށްވެސް އިނގޭނެ މިއީކަން މި ވާގޮތަކީ. އަހަރެމެންވެސް ބޭނުން ހުރިހާ ބަހެއް ފެލިވަރަށް ކިރަން. އެކަމަކު ހަލާކުވުމުގެ ކުރިން 5 ރުފިޔާއަށްވިޔަސް ކިރާލެވޭތޯ މި ބަލަނީ" ކެޔޮޅަކު ބުންޏެވެ.