މިފްކޯއިން ށ. ކީކިމިނީ ބަނދަރުން މަސްގަންނަން ފަށައިފި

breaking

މަސްގަނެ އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިވާ ށ. ކީކިމިނީ ބަނދަރުން މިފްކޯއިން މަސް ގަންނަން ފަށައިފިއެވެ.

މިފްކޯގެ އޮޕަރޭޝަން މެނޭޖަރު މުޙައްމަދު ދީދީ ވިދާޅުވީ، އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ މަސް ކިރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ކީކިމިނީގެ ކޯލްޑް ސްޓޯރޭޖް މިފްކޯއިން ކުއްޔަށް ހިފާފައިވާ ކަމަށެވެ. އަދި ކީމިނިނީ ބަނދަރުން މިފްކޯގެ އެންމެ ބޮޑު އެއް ބޯޓު ކަމަށްވާ މަހާ ކަލަމިންޖާއިން މަސް ގަންނަމުން ދާނެކަމަށެވެ. މިބޯޓުގައި މަސް ފިނިކުރުމަށްފަހު ކީކިމިނީގެ ސްޓޯރޭޖްގައި މަސް ރައްކާކުރުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް މުޙައްމަދު ދީދި ވިދާޅުވިއެވެ. 650 ޓަނުގެ މިބޯޓަށް ދުވާލަކު 90 ޓަނުގެ މަސް ގެނެވޭކަމަށް މިފްކޯއިން ބުނެއެވެ.

މީގެކުރިން "މަހާ ކަލަމިންޖާ" މަސް ގަންނަން ބަނދަރު ކޮށްފައިވަނީ ފެލިވަރު ބަނދަރުގައެވެ. ފެލިވަރު ބަނދަރުން މަސް ގަތުމަށްފަހު މަސް ހުސްކުރަން ދާންޖެހެނީ ކޫއްޑުއަށެވެ. މިކަމުގެ ސަބަބުން ފެލިވަރުގައި މަސް ކިރުމަށް ދަތިވެ ކިޔުގައި ޖެހޭ ދޯނިފަހަރު ގިނަވެގެން ދިޔައެވެ. ކީކިމިނީ ބަނދަރުން މަސް ގަނެ އެރަށުގައި މަސް ރައްކާކުރެވުމަކީ އުތުރުގައި މިހާރު ދިމާވެފައިވާ މަސް ކިރުމުގެ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއް އަންނާނެ ކަމެއް ކަމަށް ބެލެވެއެވެ.

އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ށ. ކީކިމިނީގައި ތަރައްޤީކޮށްފައިވާ "ކީކިމިނީ ފިޝަރީޒް ކޮމްޕްލެކްސް" އަށް މަސް ގަންނަމުންދާކަމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އެކުންފުނިން ވަނީ އާންމުކޮށް އިއުލާން ކޮށްފައެވެ. ނަމަވެސް މިއީ ދޮގެއް ކަމަށް މަސްވެރިން ބުނެއެވެ. އެރަށުގައި މަސް ގަތުމުގެ އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށް މަސްވެރިން ބުނެއެވެ. އަދި މަސްދޯނިފަހަރުން މަސް ކިރަން އެރަށަށް ގުޅުމުން "މަސް ލިބޭވަރު އިތުރުވުމުން" އެރަށުގައި ޖާގަ ނެތްކަމަށް ބުނެ އޮޅުވާލަމުން ދާކަމަށް މަސްވެރިން ބުނެއެވެ. ކީކިމިނިން މަސް ގަންނަމުންދާކަމަށް ބުނެ އޮޅުވާލަމުންދާތީ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެކަން ބެލުމަށް އެރަށަށް މިނިސްޓްރީގެ ޓީމެއް ޒިޔާޔަތް ކުރިކަން މަސްވެރިން އެމްވީއަށް ވަނީ އެނގިފައެވެ. މި ޓީމުން ބެލި ބެލުމުން މަސް ގަންނަ ކަމަށްބުނެ އެރަށުން ދޮގު ހަމަދަމުންދާކަން ފިޝަރީޒް މިނިސްޓްރީއަށް ޔަޤީންވެފައިވާކަން މަސްވެރިން އެމްވީއަށް ވަނީ އެނގިފައެވެ. ނަމަވެސް މިކަމަށް މިނިސްޓްރީގެ ފަރާތުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ށ. ކީމިނިންޏަށް މަސް ގަންނަން ފެށުމުން އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ މަސް ކިރުމުގެ މައްސަލައަށް ހައްލެއް އަންނާނެކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ