މަސްވެރިކަމާއި ގުޅޭ

fulhangi (12)

ފުވައްމުލަކު ފުޅަނގި އީދު، މިފަހަރުވެސް އެހާ ފޯރިގަދަ!

ކޮންމެ އަހަރެއްގެ އިރުވައި މޫސުން ފެށޭ ދުވަސްވަރަކީ ފުވައްމުލަކަށް "ފުޅަނގި" އަރާ ދުވަސް ވަރެވެ. މިދުވަސްވަރު ފާހަގަ ކުރެވިފައިވަނީ އެރަށަށް އަންނަ އީދެއްގެ ގޮތުގައެވެ. މިހާރު މިއޮތީ ފުޅަނގި މޫސުން އައިސްފައެވެ.

ފުޅަނގި

މި މޫސުމުގައި ފުޅަނގިތައް ފުމެމުން އައިސް އެރަށު ގޮނޑުދޮށަށް އަރައެވެ. ބައެއް މަސްތައް އުދުހިފަ އެއްގަމަވެސް އަރައެވެ. ފުޅަނގި ހިފުމުގައި ވަރަށް ފޯރީގައި އެންމެން ހަރަކާތްތެރި ވެއެވެ. ވަކި އުމުރެއް ނެތެވެ. މިއީ އެންމެންނަށް އަންނަ އީދެއްފަދަ އެވެ. އެއްބަޔަކު ފުޅަނގި ހިފަން ގޮނޑުދޮށުގައި އުޅޭއިރު މިމަންޒަރު ބަލަން އެތައް ބަޔަކު އެސަރަަހައްދަށް ޖަމާވެ ފޯރި ނަގައެވެ.

ކުދިންތަކެއް ފުޅަނގި ހިފަން ގޮނޑުދޮށުގައި ހަރަކާތްތެރި ވަނީ

އާންމުކޮށް ފުޅަނގި އަރަނީ އިރު އަރާގަޑިއާއި އިރު އޮއްސޭ ގަޑީގައެވެ. ޚާއްޞަކޮށް އިރު އޮއްސޭ ގަޑީގައެވެ.

"ރަށުގެ އަންހެންވެރިން ނަލަ ހެދިގެން ދަނީ ހުޅަމަހާ ހޮވަން (ފުޅަނގި ހިފަން). ވަރަށް މަޖާ ކަމެއްމީ. ކުދިންނަށްވެސް ވަރަށް މަޖާ." ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެހެން އަހަރު ތަކާ ހިލާފަށް މިއަހަރު ފުޅަނގި އަރާ މިންވަރު ގިނަކަމަށް އެރަށު މީހުން ބުނެއެވެ. މިދުވަސްވަރު އެވްރެޖްކޮށް 700 ވަރަކަށް މީހުން ފުޅަނގި ހިފަން ގޮނޑުދޮށުގައި ހަރަކާތްތެރި ވެއެވެ.

"އަޅުގަނޑުމެން ފުރަތަމަ ދިޔައީ ފުޅަނގި ލައްގައޭ ބުނީމަ އެތަން ބަލާލަން. އަތިރިމައްޗަށް ދިޔަ ތަނުން އޭތި އުދުހިފަ އައިސް އަޅުގަނޑުމެ މޭމަތީގަ ޖެެއްސީ. އެ ހުޅަމަހާ ނެގިތަނުން އަނެއްކާ އަނެއް މަސް އުދުހިފަ އެރިތަން ފެނުނީމަ އޭތިވެސް ނެތީ. ދެން އަޅުގަނޑުވެސް އަމަލީގޮތުން ހުޅަންމަހާ ހިފަން އުޅުނީ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ހުޅަންމަހާ ހިފަން ދަން." ފުވައްމުލަކު އަންހެން ކުއްޖަކު ބުންޏެވެ.

ފުޅަންގަކީ މީރު މަހެކެވެ. ފުވައްމުލަކު މީހުން އާންމުކޮށް ފުޅަނގި ކަނީ ތެލުލައިގެންނެވެ. ބައެއް މީހުން ގަދުދިޔަ ނުވަތަ ރިހަވެސް ކައްކައެވެ.

މިމަހަކީ ހިމަ ކަށިތަކެއް ގިނައިން ހުންނަ މަހަކަށްވާތީ އެންމެ ފަސޭހައިން މި މަސް ކެވެނީ ތެލުލައިގެން މުރަނު ކޮށްގެންނެވެ.

ތެލުލާފައިވާ ފުޅަނގި

ފުޅަންގަކީ މަސް ބާނަން ރަނގަޅު އެމަކަށްވާތީ އެމުގެ ގޮތުގައިވެސް މި މަސް ބޭނުންކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ހުޅަންމަހާ ވެ ނުނޭ ކޭނީ
    ހުޅަންމަހަ ވެ ކޭނީ

Comments are closed.