ފުލުހުންނާ ކުރިމަތިލާން ބޭނުންނުވާކަމަށްބުނެ މަސްވެރިން ފެލިވަރު ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައިފިއެވެ.
އިއްޔަ ހެނދުނުން ފެށިގެން ފެލިވަރުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލުމަށްފަހު މަސްވެރިން ފެލިވަރުން ދިޔައީ ރޭ 9 ޖެހިފަހުންނެވެ.
"ފުލުހުން ބުނީ 15 މިނެޓް ތެރޭގައި ރަށުން ފައިބަން. ނުފޭބިއްޔާ ބާރުގެ ބޭނުން ކުރާނެކަމަށް. އަހަރެމެން މިއުޅެނީ ފުލުހުންނާ ކުރިމަތިލާކަށްނޫން. ހުސްއަތާ ތިބި ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރަންވީ ކީއްކުރަން. އަހަރެމެން ބޭނުންނުވީ ކުރިމަތިލާން. އެކަމަކު މުޒާހަރާ ހުއްޓާލީކީ ނޫން. މިއީ ފެށުމެއް. އަޅުގަނޑުމެންގެ ޑިމާންޑްތައް ހައްލުވަންދެން މި މުޒާރަހާތައް ކުރިއަށްދާނެ. ދެން ފެންނާނީ މާ ވަރުގަދަކޮށް". ފެލިވަރުގައި އިހުތިޖާޖު ކުރތި މަސްވެރިއެކު ބުންޏެވެ.
ފެލިވަރުގައި ބޭއްވި މުޒާހަރާގައި ގިނައިން ބައިވެރިވެފައިވަނީ ދޮށީގެ މަސްވެރިކަން ކުރާ ނައިފަރާއި ހިންނަވަރުގެ މަސްވެރިންނެވެ. މި މުޒާހަރާގެ ތެރެއިން އެމީހުންވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި، މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީއާ ފޯނުން ގުޅައި މަސްވެރިންގެ ޝުޢޫރުތައް ހިއްސާކޮށްފައެވެ.
"އަޅުގަނޑުމެން އެދުނިން ރައީސް ސޯލިހާ ބައްދަލުކުރަން. ރައީސުލްޖުމްހޫރިއްޔާއަށް އަޑު ނީވުނު. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް އަޑު އިވޭނެ ގޮތަކަށް އަޅުގަނޑުމެން ކަންކަން ރާވާނަން." މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ



