zaha

މިދަނޑިވަޅުގައި 20 ރުފިޔާއަށް މަސް ކިލޯއެއް ނުގަނެވޭނެ: މިނިސްޓަރު ޒަހާ

މިދަނޑިވަޅުގައި 20 ރުފިޔާއަށް މަސް ކިލޯއެއް ނުގަނެވޭނެކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މި ދަނޑިވަޅުގައި މަހުގެ އަގު މަތި ނުކުރެވެނީ ބައިނަލްއަގްވާމީ ބާޒާރުގައި މަސް ގަންނަ އަގު ދަށްވުމުން ކަމަށެވެ. މިނިސްޓަރު ޒަހާ ވިދާޅުވީ، މަސްވެރިންނަށް މަންފާ ކުރާނެ ގޮތަށް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަރަށް ގިނަ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިސާރުކާރުން މަސްވެރިންގެ ކަންބޮޑުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

މިގޮތުން މިފްކޯ ތަރައްޤީކުރަން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ވާހަކަ މިނިސްޓަރު ތަކުރާރު ކުރެއްވިއެވެ.

މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުނުމުގެ ސަބަބުން މަސްވެރިން ވަނީ އިހުތިޖާޖަށް ނިކުންނަން ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން މަޖިލީހުގައި ވިދާޅުވެފައިވަނީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމުގެ ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުންދާ ވާހަކައެއްކަމަށާއި، މިކަން ހައްލުނުވެގެން އުޅެނީ ސަރުކާރުން މި ވިޔަފާރިތެރެއަށް ވަންނާތީ ކަމަށެވެ. މިގޮތުން މަސްވެރިންނަށް ފައިދާ ވާނީ އަމިއްލަ ކުންފުނިތައް މި ސިނާއަތަށް ނެރެ ސަރުކާރުން މި އިންޑަސްޓްރީއަށް ހަރަދުކުރުން ހުއްޓާލައިގެން ކަމަށް ވިދާޅުވިއެވެ. އަދި ފެލިވަރު ބަންދުކޮށް މިފްކޯވެސް އުވާލަންޖެހޭކަމަށް އެދުވަހު ރައީސް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!