123599659_718824859059554_862556065527191245_n

ކީކިމިނި އޮޕަރޭޝަނަށް ގެމައުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު ޒަހާ

މަސްގަނެ އެކްސްޕޯޓްކުރުމަށް ތަރައްޤީކޮށްފައިވާ ށ. ކީކިމިނި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެތަން އޮޕަރޭޝަނަށް އައިސް އެތަނުގެ ހިދުމަތް މަސްވެރިންނަށް ލިބިގެންދާނެކަމުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ކީކިމިންޏަކީ ސަރުކާރުން ވަކި ގޮތަކަށް ކަނޑައަޅައިގެން ވަކިގޮތެއްގެ މަތިން އައިލެންޑް އެންޓަޕްރައިސަސްއާ ހަވާލުކުރެވިފައިވާ ރަށެއް ކަމަށެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން އެތަން އޮޕަރޭޝަނަށް ނުގެނެވި މަޑުޖެހިފައި ވީނަމަވެސް، މިސަރުކާރުން އެތަނުގެ ހިދުމަތް މަސްވެރިންނަށް ލިބޭނެގޮތް ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، މުސްތަޤުބަލުގައި މަސްވެރިންނަށް މަސްވިއްކުމުގެ ވަސީލަތްތަށް އިތުރުވެގެން ދާނެކަމަށާއި، މިސިނާއަތަށް ވަންނަން ބޭނުނަވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި މިތަންތަން ތަރައްޤީކޮށް ނިމުމުން މަސްވެރިން މަސްވިއްކުމަށް ހަމައެކަނި މިފްކޯއަށް ބަރޯސާވާން ނުޖެހޭނެ ކަމަށާއި، މަސްވެރިންނަށް އެބަޔަކާ އެންމެ ކައިރި ހިސާބަކުން މަސް ވިއްކޭނެގޮތް ތަނަވަސް ވެގެންދާނެ ކަމަށް ޒަހާ ވިދާޅުވިއެވެ. މަސްވެރިންނަށް މަހުގެ އެކަށީގެންވާ އަގެއް ނުލިބޭކަމަށް ބުނެ އަޑު އުފުލަމުންދާއިރު، މިފަދަ ގިނަ ތަންތަން ހުޅުވުމުގެ ސަބަބުން އެކަމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ޒަހާ ވަހީދު ވިދާޅުވިއެވެ.

އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ށ. ކީކިމިނީގައި ތަރައްޤީކޮށްފައިވާ "ކީކިމިނީ ފިޝަރީޒް ކޮމްޕްލެކްސް" އަށް މަސް ގަންނަމުންދާކަމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އެކުންފުނިން ވަނީ އާންމުކޮށް އިއުލާން ކޮށްފައެވެ. ނަމަވެސް މިއީ ދޮގެއް ކަމަށް މަސްވެރިން ބުނެއެވެ. އެރަށުގައި މަސް ގަތުމުގެ އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށް މަސްވެރިން ބުނެއެވެ. އަދި މަސްދޯނިފަހަރުން މަސް ކިރަން އެރަށަށް ގުޅުމުން "މަސް ލިބޭވަރު އިތުރުވުމުން" އެރަށުގައި ޖާގަ ނެތްކަމަށް ބުނެ އޮޅުވާލަމުން ދާކަމަށް މަސްވެރިން ބުނެއެވެ. ކީކިމިނިން މަސް ގަންނަމުންދާކަމަށް ބުނެ އޮޅުވާލަމުންދާތީ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެކަން ބެލުމަށް އެރަށަށް މިނިސްޓްރީގެ ޓީމެއް ޒިޔާޔަތް ކުރިކަން މަސްވެރިން އެމްވީއަށް ވަނީ އެނގިފައެވެ. މި ޓީމުން ބެލި ބެލުމުން މަސް ގަންނަ ކަމަށްބުނެ އެރަށުން ދޮގު ހަމަދަމުންދާކަން ފިޝަރީޒް މިނިސްޓްރީއަށް ޔަޤީންވެފައިވާކަން މަސްވެރިން އެމްވީއަށް ވަނީ އެނގިފައެވެ. ނަމަވެސް މިކަމަށް މިނިސްޓްރީގެ ފަރާތުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ށ. ކީމިނިންޏަށް މަސް ގަންނަން ފެށުމުން އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ މަސް ކިރުމުގެ މައްސަލައަށް ހައްލެއް އަންނާނެކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!