މިނިސްޓަރު ޒަހާ ދެން ރަނގަޅުވާނީ ރަށުތެރެއިން އެހެން ކަމަކާ އުޅުނިއްޔާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.
ތޯރިޤް މިހެން ވިދާޅުވީ، މަސްވެރިޔަކަށް މަހަކު 22 ހާސް ރުފިޔާ މިހާރު ލިބޭކަމަށް މިނިސްޓަރު ޒަހާ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވައި ސޯޝަލް މީޑިއާ އާންމުކުރެއްވި ޕޯސްޓެއްގައެވެ. ތޯރިޤް ވިދާޅުވީ، މަސްވެރިން ޝަކުވާ ކުރަނީ ސަބަބުތަކެއް އޮވެގެންކަމަށާއި، މައްސަލަތައް ހައްލުނުވާނަމަ ރައްޔިތުން އެހެން ގޮތެއް ނިންމާނެކަމަށެވެ.
"ކަމަނާ ދެން މަސްވެރިންނޭ ކިޔައިގެން އިތުރައް ވާހަކަ ނުދައްކަވާ. މަސްވެރިންނަށް ކުޑާމީސްކޮށް ވާހަކަދައްކަން މިނިސްޓަރު ނުކުންނަ ހިސާބުން ދެން މަސްވެރިންނަށް ތިވަރުން ފުދިއްޖެ. މަސްވެރިން ޝަކުވާ ކުރަނީ ސަބަބު ތަކެއް އޮވެގެން. ހައްލުކުރާނަމޭ ބުނެގެން ރައްޔިތުން ވޯޓު ދިނީ. މައްސަލަތައް ހައްލުނުވާނަމަ ދެން ރައްޔިތުން އެހެން ގޮތެއް ނިންމާނެ. މިނިސްޓަރު ދެން ރަނގަޅުވާނީ ރަށުތެރެއިން އެހެން ކަމަކާ އުޅުނިއްޔާ." މަހިބަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވެފައިވަނީ ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް އެވްރެޖްކޮށް -/11،500 ރުފިޔާ ކަމަށާއި، ނަމަވެސް މިވަގުތުގެ ފްލޯ ޕްރައިޒް އަށް ބަލާއި، މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް -/22،000 ރުފިޔާ ލިބޭނެ ކަމަށެވެ.
މިނިސްޓަރުގެ މި ވާހަކައާއި ގުޅިގެން މަސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަނާއަށް ފާޑުކިޔަމުންނެވެ.