މަސްވެރިކަމުގައި ޅ. ނައިފަރަކީ މުޅި ރާއްޖެއިންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގެ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކު މިސިނާއަތުގައި ހަރަކާތްތެރިވާއިރު ގިނަ އަދަދެއްގެ މަސް ދޯނި ފަހަރުވެސް މިރަށުގައި އޮވެއެވެ.
އެރަށުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މަލާހާ ދޯނީގެ އޮޑިވެރިޔާ އަދި ކެޔޮޅު އަބްދުﷲ މުޙައްމަދަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ. އަބްދުﷲ މަސްވެރިކަމުގައި އުޅޭތާ މިހާރު 50 ހަކަށް އަހަރުވަނީ ވެފައެވެ.

ކެޔޮޅު އަބްދުﷲ އަށް މިހާރު އުމުރުން 63 އަހަރުވެފައިވާއިރު، އޭނާ މި މަސައްކަތަށް ނިކުތް އިރު ދޯނީގައި ފުރަތަމަ ކުރީ އެން ހޯދުމަށް ފީނުމުގެ މަސައްކަތެވެ. އެއަށްފަހު ދޯނީގެ ހުންގާނުގައި ހިފައި، އޭގެ ތިން އަހަރުފަހުން އަބްދުﷲ ވަނީ ކެޔޮޅެއްގެ ގޮތުގައި މަސައްކަތްކުރަން ފަށާފައެވެ.
އޭނާ މިހާރު ކެޔޮޅުކަން ކުރަމުންދަނީ އޭނާގެ އަމިއްލަ ދޯންޏެއްގައެވެ. ފުރަތަމަ ލަކުޑި ދޯންޏެއް ދުއްވުމަށްފަހު އެ ދޯނިން ލިބުނު ފައިދާއިން އަބްދުﷲ ވަނީ އެންމެ ޒަމާނީ ފެންވަރުގެ މަސްދޯންޏެއް ބަނދެފައެވެ. 99 ފޫޓުގެ ފައިބަރު މި މަސް ދޯނީގައި 26 މީހުން މަސައްކަތްކުރާ ކަމަށް އޭނާ ބުންޏެވެ. މި ދޯންޏަކީ މުޅި ރާއްޖެއަށްވެސް މަޝްހޫރު "މަލާހާ-2" ދޯންޏެވެ.

އަބްދުﷲ އަކީ ނައިފަރުގައި އެންމެ މަޝްހޫރު، އަދި އެންމެ ތަޖުރިބާ ހުރި އެެއް ކެޔޮޅެވެ.

އަބްދުﷲ ބުނީ އޭނާ އެންމެ ފުރަތަމަ މަސްވެރިކަމަށް ނުކުތްއިރު މަސް ބޭނުމަށް ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ޒަމާނީ ވަސީލަތްތަކާއި އެކު މަސްވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަން އަބްދުﷲ ފާހަގަކުރިއެވެ.
"އޭރުގެ މަސްވެރިކަމާއި މިހާރުގެ މަސްވެރިކަމާއި ހާސް ތަފާތު، އަޅުގަނޑުމެން އޭރު ބާނާ ކޮންމެ މަހަކަށް މިހާރު އެބަ ބާނަން ވިހި މަސް، ޒަމާނީ ގިނަ ބަދަލުތަކެއް އައިއްސި މަސްވެރިކަން ކުރާ ގޮތަށް،" އަބްދުﷲ ބުންޏެވެ.
އަބްދުﷲ ފާހަގަކުރިގޮތުގައި މަސްވެރިކަމުގައި މިހާރު ގިނައިން އުޅެނީ ޒުވާނުން ކަމަށެވެ. އެގޮތުން އޭނާގެ ދޯނީގައިވެސް ގިނައީ ޒުވާނުންކަމަށް އަބްދުﷲ ބުންޏެވެ.

ޒަމާނީ ގިނަ ބަދަލުތަކެއް މަސްވެރިކަން ކުރާ ގޮތަށް އައިސް މަސްބާނާ މިންވަރު އިތުރުވެ، މަސްވެރިންނާއި އޮޑިވެރިން ތަރައްޤީވިއިރު މިދާއިރާގައި ގިނަ ގޮންޖެހުންތައް ހުރިކަން ކެޔޮޅު ފާހަގަކުރިއެވެ. މަސްވެރިންނާ އެއްވަރަށް މަސްގަންނަ ކުންފުނިތައް ތަރައްޤީއެއް ނުވެއެވެ. މަސްކިރުމުގައި ދަތިތައް ދިމާވުމާއި، އައިސް ލިބުމުގެ ދަތިކަމަކީ ކެޔޮޅު މައިގަނޑުގޮތެއްގައި ފާހަގަ ކުރި މައްސަލަތަކެވެ. މަސްވެރިކަން ރަނގަޅު އިރު، މަސް ކިރުވުމުގައި ގިނަ ދަތިތަކެއް ހުރުމުން ގިނަ ވަގުތުތަކެއް ބޭކާރުވެ، އައިސް ގަތުމަށްވެސް ގިނަ ޙަރަދުތަކެއް ހިންގާކަމަށް އަބްދުﷲ ބުންޏެވެ.

އަބްދުﷲ ބުނީ މަހަށް ލިބޭ އަގާއި މެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. ނަމަވެސް މަސް އަވަހަށް ކިރުވޭނެގޮތެއް ނެތި އައިސްއަޅައަޅާ ތިބެން ޖެހުމުން 16 ރުފިޔާއާށް ވިއްކޭ މަސްކިލޯ މަސްކިރާއިރު ކިލޯއަކަށް ޖެހެނީ ގާތްގަނޑަކަށް 8 ރުފިޔާކަމަށް ކެޔޮޅު ފާހަގަކުރިއެވެ. ސަބަބަކީ މަސްނުކިރި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އައިސް ގަންނަން ކުރާ ޚަރަދު ބޮޑުވުމެވެ. މިމައްސަލަ ހައްލުކުރުމަށް އުތުރުގައި ތަރައްޤީކޮށްފައިވާ ށ. ކީކިމިނީގައި ހުރި މަސް ކާރުޙާނާ އޮޕަރޭޝަނަށް ގެންނަން ޖެހޭ ކަމަށް އަބްދުﷲ ބުންޏެވެ.
"17 އަހަރުވެއްޖެ ބުރުމާ ޤާސިމްއަށް ދީފައޮތް ކީކިމިނި ނަމަކަށް ކިޔާ ރަށެއް، އެރަށް އޮތީ ހަދާފައި، އާއްމުންނަށް އެކަން އެތަނުން ޙިދުމަތެއް ނުލިބޭ، މަސް ކިރުމުގައި ހުރި ދަތިތައް ހައްލުކުރަން ސަރުކާރުން ބޭނުންވަންޏާ، ކީކިމިންޏަށް މަސް ގަންނަ ގޮތަކަށް ހަމަޖައްސައިދޭންވީ، އޭރުން މިކަން ހައްލުވާނެ އެއްފަހަރުން،" އަބްދުﷲ ބުންޏެވެ.
އަބްދުﷲ ބުނީ މިހާރު މިފްކޯއިން މަސް ރައްކާކުރުމަށް ކީކިމިނި ބޭނުން ކުރަމުން ދިޔަނަމަވެސް، ދާއިމީ ހައްލަކަށްވާނީ ކީކިމިނީގައި މަސްގަތުމުގެ އޮޕަރޭޝަން ފަށައި އެރަށުން ގަންނަން ފެށުމުން ކަމަށެވެ.



