މިއަހަރު ފެލިވަރު ބަނދަރުން 12 ހާސް ޓަނު މަސް ގެނެވިއްޖެކަމަށް މިފްކޯގެ ސީ.އީ.އޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ ފާއިތުވި އަހަރާއި މިއަހަރަކީ ޖުމްލަގޮތަކަށް ބަލާއިރު މަސްވެރިކަން ރަނގަޅު ދެއަހަރު ކަމަށާއި، މިއަހަރު މިހާތަނަށް ފެލިވަރުގެ ބަނދަރުން ބާރަހާސް ޓަނު މަސް ގަނެފައިވާއިރު، ހުރިވަސީލަތްތަކުން އެކަށީގެންވާ ވަރަކަށް މިހާރުވެސް މަސައްކަތް ކުރެވެމުންދާކަމަށެވެ. ފައުޒީ ވިދާޅުވީ، ދެކުނުގައި ހުރި ވަސީލަތްތަކާ ބަލާއިރު ފެލިވަރުގެ ވަސީލަތްތަށް މަދު ކަމަށާއި، ކުރިއަށް އޮތް ތާންގައި ފެލިވަރު ތަރައްޤީ ތަރައްޤީކޮށް ނިމޭއިރު މަސްވެރިންނަށް ހުރިހާގޮތަކުން ހިންހަމަޖެހުން ލިބިގެންދާނެކަމަށެވެ.
ފެލިވަރު ތަރައްޤީވެ ނިމޭއިރު ފެލިވަރުގައި 200 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ގާއިމްކޮށް އާރް.އެސް.ޑަބްލިއު ގެ 800 ޓަން ބެހެއްޓޭގޮތަށް ތަރައްގީކުރެވި، 4000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީވެސް ގާއިމް ކުރެވޭނެކަމަށް ފައުޒީ ވިދާޅުވިއެވެ. މީގެ އިތުރުން ފެލިވަރުގައި މިހާރު ހުރި ކޭނަރީ އިތުރަށް ތަރައްޤީ ކުރެވި، 100 ޓަނުގެ ކޭނަރީ ޕްރޮސެސިންއެއް ގާއިމް ކުރެވޭނެކަމަށާއި މިފްކޯ ކުރިއަށް އޮތްތާގައި އޮންނާނީ މަސްވެރިން އަތުން މަސްގަނެ ޕްރޮސެސް ކުރާ ކުންފުންޏެއް ގޮތުގައި ކަމަށް ފައުޒީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަމުން ފައުޒީ ވިދާޅުވީ މިފްކޯގެ ދެކުނުގެ ވަސީލަތްތަށްވެސް ތަރަށްޤީކުރަން ވިސްނާކަމަށާއި، ހާއްސަކޮށް ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް އިތުރަށް ތަރަށްޤީކޮށް ޖުމްލަ 6000 ޓަނުގެ ކެޕޭސިޓީއެއް ގާއިމްކޮށް ކޫއްޑޫގެ ބަނދަރުވެސް ތަރައްޤީ ކުރަން ނިންމާފައި ވާކަމަށެވެ. މީގެ އިތުރުން ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރެއް ގާއިމްކޮށް އެތަނުން ދުވާލެއް މައްޗަށް 100 ޓަނު ގަނެވޭނެ ބްރެއިން ފްރީޒިންގ ފެސިލިޓީ ގާއިމްކުރެވިގެންދާނެ ކަމަށްވެސް ފައުޒީ ފާހަގަ ކުރެއްވިއެވެ. އަދި މ.މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރެއް ގާއިމްކުރެވި 100 ޓަނުގެ ބްރެއިން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށާއި މި ޕްރޮޖެކްޓްތަކަކީ މަސްވެރިންގެ އުންމީދުތަށް އިތުރަށް އާލާވެގެންދާނެ އުންމީދީ ޕްރޮޖެކްޓް ތަކެއް ކަމަށް ފައުޒީ ފާހަގަ ކުރެއްވިއެވެ.



