breaking

މަސްވެރިން ބޮޑު މުޒާހަރާއަކަށް ތައްޔާރުވަނީ، މިފަހަރު ރައީސަށް މަސްވެރިންގެ އަޑު އިއްވަން!

މަސްވެރިން ބޮޑު މުޒާހަރާއަކަށް ތައްޔާރުވާން ފަށައިފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުޒާހަރާގައި ރާއްޖޭގެ ދެކުނާއި، މެދުރާއްޖެތެރެއާއި އަދި އުތުރުގެ މަސްވެރިންވެސް ބައިވެރިވާނެއެވެ.

މި މުޒާހަރާ އިންތިޒާމްކުމުގައި އިސްކޮށް އުޅޭ ކެޔޮޅަކު ބުނީ މަސްވެރިންގެ ހާލަތު ގޯހުން ގޯހަށް ގޮސް މަސްވެރިން ބިކަވެ ނިކަމެތިވުމުގެ ސަބަބުން މަސްވެރިން އެމީހުންގެ ހައްޤު ހޯދަން އަޑުއުފުލަން މަޖުބޫރު ވެއްޖެކަމަށެވެ. މި މުޒާހަރާ ކުރުމަށް ހަމަޖެހިފައިވަނީ ކޫއްޑުއާއި ފެލިވަރުގެ އިތުރުން ށ. ކީމިމިނީގައި ކަމަށް މަސްވެރިން އެމްވީއަށް މަޢުލޫމާތު ދިން ކެޔޮޅު ބުންޏެވެ.

"އަޅުގަނޑުމެން ފެލިވަރުގައި އަޑު އުފުލައިފީމު، އިހަވަންދޫގައި އަޑު އުފުލައިފީމު، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ އަޑު އަހާތޯ ބެލިއްޖެ. އެތައް ގޮތަކުން މެސެޖް ފޯރުކޮށްދެެވިއްޖެ. އެެއްވެސް ޖަވާބެއް ނުދެއްވި. މަސްވެރިންގެ އަޑެއް ނޭހި. ދެން ޖެހޭނީ އަޑު އިއްވަން." ކެޔޮޅަކު ބުންޏެވެ.

މި މުޒާހަރާއާއި ގުޅޭގޮތުން ދެކުނުގެ މަސްދޯންޏެއްގެ ކެޔޮޅަކު ބުނީ ރާއްޖޭގެ މަސްވެރިންގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާތަން ފެނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ސަރުކާރުގެ އެއްވެސް އަޅާލުމެއް މަސްވެރިންނަށް ނުލިބޭކަމަށެވެ.

"އަޅުގަނޑުމެންގެ ހާލަތު ރަނގަޅު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ވަރަށް ދުވަހު "ހަނު" ތިބެވިއްޖެ. މަސްވެރިންގެ ލޭ ކެކިއްޖެ ނަމަ ވަރަށް ހޫނުވާނެ. ކަނޑުމަތިން މި އުފުލާ އަޑު ސަރުކާރަށް ނީވެއްޖެ ނަމަ މަގުމަތިންވެސް އަޑުއިއްވުމަށް މަސައްކަތް ކުރާނަން." ދެކުނުގެ މަސްވެރިޔަކު ބުންޏެވެ.

މި މުޒާރަހާ ބާއްވާނެ ދުވަސް ވަރަށް ޢަވަހަށް އިއުލާނު ކުރާނެކަމަށް އިކަން އިންތިޒާމްކުރާ މަސްވެރިން ބުނެއެވެ.

"މިއީ ސިޔާސީ މުޒާހަރާއެއް ނޫން. މިއީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާއެއް ނޫން. މިއީ ދިވެހި މަސްވެރިން ބިކަވެ ނިކަމެތިވާތީ މަސްވެރިންގެ ހައްޤުގައި، މަސްވެރި އާއިލާތަކުގެ ހައްޤުގައި ދިވެހި މަސްވެރިން ޝުޢޫރު ފާޅުކުރުމަށް ބާއްވާ ސުލްހަވެރި އިހުތިޖާޖެއް." ނައިފަރުގެ ކެޔޮޅަކު ބުންޏެވެ.

މަސްވެރިން ފެލިވަރުގައި ކުރި މުޒާހަރާގައި މައިގަނޑު ހަތަރު ކަމަކަށް ޑިމާންޑު ކޮށްފައިވެއެވެ.

އެއީ، ބާނާ ފަސޭހައިން ކިރޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނީގައި މަސް ގަންނަމުން ނުދާތީ އެރަށުގައި މަސް ގަތުމުގެ އޮޕަރޭޝަން ފެށުމާއި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމާއި އަދި މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ކަންކަން ހަމަޖެއްސުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response