މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް މަސްވެރިންގެ ޝަކުވާތައް އަޑު އިއްވާނެކަމަށްބުނެ މަސްވެރިން ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަކަން ހާމަކުރިތާ ކުޑަ އިރުކޮޅެއްފަހުން ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިޔާސަތު މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަކަށް ބައްޓަންކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް، މިހާރަށްވުރެވެސް ބޮޑަށް، ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ ޞިނާޢަތެއް ކަމަށާއި، އެއީ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ. ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ނުލިބުމުން މަސްވެރިން ވަނީ އިހުތިޖާޖަށް ނިކުންނަން ފަށާފައެވެ. މިގޮތުން ބޮޑުކަންނެލީގެ މަސްވެރިންނާއި ދޮށީގެ މަސްވެރިން އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް އިހުތިޖާޖުކޮށްފައިވެއެވެ. ދާދިފަހުން ފެލިވަރުގައި ބޭއްވި މަސްވެރިންގެ މުޒާހަރާގައި މަސްވެރިން ވަނީ ރައީސް ސޯލިހާ ބައްދަލުކުރުމަށް ޑިމާންޑު ކޮށްފައެވެ. އެމުޒާހަރާއަށްފަހު އެކަން އިންތިޒާމްކުރުމުގައި އިސްކޮށްއުޅުނު ކެޔޮޅުން ބުނެފައިވަނީ ރައީސް ސޯލިހަށް މަސްވެރިންގެ އަޑު ނީވުނު ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް މަސްވެރިންގެ އަޑު އިވޭނެ ފަދަ ގޮތަކަށް އިހުތިޖާޖެއް ބާއްވާނެކަމަށެވެ.