މިދިޔަ އަހަރަކީ، ވޭތުވެދިޔަ 14 އަހަރު ތެރޭގައި މިފްކޯއަށް، އެންމެ ގިނައިން މަސް ގަތް އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މިފްކޯގެ ހާލަތާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
"އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ޙާލަތު. ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ. ވެއަތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސް.ޓީ.އޯ އިން މިފްކޯގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި 571 މިލިއަން ރުފިޔާ ވަނީ ދީފައި. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި. މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު. އެއީ، 48494 ޓަނުގެ މަސް. އަދި މިފްކޯގެ މުޅި ޙަޔާތުގައިވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީވެސް މިދިޔަ 2019 ވަނަ އަހަރު. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އާދެ، ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއް މިވަނީ މަސްވެރިންނަށް ދޫކުރެވިފައި." ރައީސް ސޯލިހު ވިދާޅުވިއެވެ.
މިއަަހަރު މިހާތަނަށް މިފްކޯއިން މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް ގަނެ، 840.31 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކޭނިންގ ފެކްޓްރީއަށް އެކަނި ބެލިކަމުގައިވިޔަސް، ބަދަލުތަކެއް އަންނަކަން ގަބޫލުކުރަންޖެހޭނެ. 2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަސް. 2019 ވަނަ އަހަރު، މިދިޔަ އަހަރު 9000 ޓަނުގެ މަސް. އަދި މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ފެލިވަރަށް ގަނެފި. މިއީ މިފްކޯ ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ގެންނަ ބޮޑެތި ބަދަލުތައް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.