bonda-ibrahim-rasheed

ކުއްލިކަށް "ޖާދުލަކުން" ގޭދޮށު މަސްފެކްޓްރީތަކެއް ނޭޅޭނެ: ބޮންޑޭ

ސަރުކާރުން ވީ ވައުދެއް ކަމުގައިވާ ގޭދޮރު މަސްފެކްޓަރީ ޖާދުލަކުން ކުއްލިއަކަށް ނޭޅޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ ފެލިވަރުގެ މަސް ފެކްޓްރީތަކަކީ "ހައްސަ ބޭނި" ޒަމާނުގެ ވަސީލަތްތަށް ކަމަށާއި، މިއީ 100 ހައްސަ އެއް ދޯންޏަކުން ބާނާ ޒަމާންކަމަށްވާތީ، ދޯނިތަށްވެސް ޒަމާނާއި އެއްވަރަށް ބޮޑެތި ވެއްޖެ ކަމަށެވެ. މިމައްސަލައަށް ހައްލުގެންނަން މަސައްކަތްކުރީ އެމްޑީޕީއިން ކަމަށާއި، އެހެންނަމަވެސް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ޤައުމު ވަނިކޮށް ކުއްލިއަކަށް އެ މެޝިނަރީސް ރާއްޖެއަށް ޖާދުލަކުން ނުގެނެވޭނެ ކަމަށް ބޮންޑޭ ވިދާޅިވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ބޮންޑޭ ވިދާޅުވީ ރޯމަހުގެ ބާވަތްތައް ގަނޑުކޮށްފައި ބޭރަށް އެކްސްޕޯޓް ކުރުމުގެ ސަބަބުން ރާއްޖެއަށް ގެއްލުން ވަމުންދާކަމަށާއި، އެކަމުން އަރައިގަނެވޭނީ މަސް ޕްރޮސެސްކޮށްގެން މަހުގެ ގިނަ ބާވަތްތަށް ރާއްޖެއިން އުފައްދައިގެން ކަމަށެވެ. އަދި މިކަން ކުރެވޭނީ ސަރުކާރުން އެކަނި ކުރުމުގެ ބަދަލުގައި މިމަސައްކަތް ގިނަ ބަޔަކަށް ހުޅުވާލައިގެން އެކަން ކުރުމުން ކަމަށްވެސް ބޮންޑޭ ފާހަގަ ކުރެއްވިއެވެ.

މަހަށް ހަމައަގު ހޯދައިދިނީ އެމްޑީޕީ ސަރުކާރުންކަމަށާއި ވަތުތެރޭގައި ފެން ފިނިކުރާ ނިޒާމެއްގެ ވާހަކަ ދެކެވި، އެކަމަށް ބޭނުންވާ ވަސީލަތްތަށް ތައާރަފްކޮށް އަމަލީ މަސައްކަތް ތަކެއްވެސް ކުރެވުނީ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑާގެ މި ވާހަކަތަކާއި ގުޅިގެން ބައެއް މަސްވެރިން ބުނެފައިވަނީ ދެ ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވިއިރު އެވިދާޅުވި ގޭދޮށު މަސްފެކްޓްރީގެ ކުރެހުމުގެ ފޮޓޯއެއްހާ މިންވަރުވެސް ނުފެންނަ ކަމަށެވެ.

މި ދަނޑިވަޅަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސްވެރިންގެ ހައްގުހޯދުމަށް ބޮޑު މުޒާހަރާއެއް ކުރުމަށް މަސްވެރިން ތައްޔާރުވަމުންދާ ދަނޑިވަޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!