dhoani

މިފްކޯ އުވާލާނަމަ އެކަމަކީ މަސްވެރިން ބޭނުންވާ ގޮތެއްތޯ ބަލަންޖެހޭ: މިފްކޯގެ ސީއީއޯ ފައުޒީ

މިފްކޯ އުވާލުމުގެ ވިސްނުމަކީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދަންއޮތް އެންމެ އެދެވޭނެ ގޮތް ނޫން ކަމަށާއި އެކަން ވެގެންދާނީ ސިނާއަތަށް ކުރިމަތިވާނެ އިތުރު ގެއްލުމެއް ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯ އުވާލުމުގެ އަޑުތަކަށް ރައްދު ދެއްވަމުން ފައުޒީ ވިދާޅުވީ، މިފްކޯ އޮންނަހާ ހިނދަކު މަސް ގަންނާނެ ކުންފުންޏެއް އޮންނާނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް އޮންނާނެ ކަމަށާއި، މިފްކޯ އުވާލާނަމަ ފުރަތަމަ ވެސް އެކަމަކީ މަސްވެރިން ބޭނުންވާ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ދެކޮނުގައި ދުވާލަކު ގާތްގަނޑަކަށް 534 ޓަނުގެ މަސް މިފްކޯއަށް ގަނެވޭނެ ކަމަށާއި، އުތުރުގައި 600 ޓަނާ ހަމައަށް މިހާރުވެސް މަސް ގަނެވޭނެ ކަމަށް ފައުޒީ ވަނީ ފާހަގަކޮށްފައެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި ސްޓޯރޭޖްގެ މައްސަލަ ދިމާވާކަން ގަބޫލުކުރާ ކަމަށާއި، މިފްކޯ ތަރައްޤީކޮށް ނިމުމުން އެމައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ފައުޒީ ވިދާޅުވީ މިއަހަރު މިހާތަނަށް މަސްވެރިންގެ އަތުން 47000 ޓަނުގެ މަސް ގަނެ 845 މިލިއަން ރުފިޔާގެ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތަކީ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ހެދޭނެ ކަމަށާއި އެކަން ކުރާނީ މަސްވެރިނާއި ގުޅިގެން މިފްކޯއިން ކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.

މަހަށް އެކަށީގެންވާ އަގެއް ނުލިބުމުގެ މައްސަލައާއި، މަސްނުކިރި ގިނަ ދުވަސް ވުމުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުދެމެމުން އަންނައިރު، މިފްކޯ އުވާލައި އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ގޮވާލާ އަޑުތަށްވެސް އަންނަނީ އިތުރުވަމުންނެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤަރާރުގެ ބަހުސްގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފެލިވަރު ބަންދުކޮށް މިފްކޯ އުވާލަން ޖެހޭކަމަށް ވިދާޅުވެފައެވެ. މިކަމަށް ތާޢީދުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދާދިފަހުން ބޭއްވި ޤައުމީ އެއްބައިވަންތަ ކަމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފަތުރުވެރިކަމޭ އެއްގޮތަށް މަސްވެރިކަމުގެ ވިޔަފާރީގެ ދާއިރާއިން ސަރުކާރު ނިކުންނަން ޖެހޭކަމަށެވެ. އަދި މި ވިޔަފާރި އަމިއްލަ ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލަންޖެހޭ ކަމަށާއި، ނަމަވެސް މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!