ތ އަތޮޅު ހިރިލަންދޫއަކީ މަސްވެރި ރަށެކެވެ. ގިނަ އަދަދެއްގެ މަސް ދޯނިފަހަރުވެސް އޮންނަ ރަށެކެވެ. ރަށުގެ އާބާދީގެ ބޮޑު ބައެއް މަސްއޫލުވެ އުޅެނީ މަސްވެރިކަމުގެ ސިނާއަތުގައެވެ.
ހިރިލަންދޫގެ މަސްދޯނި ފަހަރުތަކުގެ ތެރެއިން "ރަސްއައިން" ދޯންޏަކީ ފާހަގަކޮށްލެވޭ ދޯންޏެކެވެ.

މި ދޯނީގެ ކެޔޮޅެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ އަބްދުﷲ ޖާބިރު އަކީ ތަޖުރިބާހުރި ކުޅަދާނަ ކެޔޮޅެކެވެ. އޭނާ ވަނީ މަސްވެރިންގެ ދުވަހު ސަރުކާރުން ދޭ އެންމެ ޒުވާން ކެޔޮޅުގެ އެވޯޑްވެސް ހޯދާފައެވެ. ޖާބިރު މަސްވެރިކަމުގައި އުޅޭތާ މިހާރު 25 އަހަރު ވަނީ ވެފައެވެ.
މިހާރު އޭނާގެ އުމުރުން 44 އަހަރު ފުރިފައިވާއިރު އޭނާ ވަނީ މަސްވެރިކަން އިހުގައި ކުރަމުން އައި ގޮތާއި މިހާރު މަސްވެރިކަން ކުރާ ގޮތް ތަޖުރިބާކޮށްފައެވެ.
ޖާބީރު ބުނީ އޭނާ އެންމެ ފުރަތަމަ މަހަށް ނުކިތް އިރު އަދާ ކުރަމުންދިޔައީ ދޯށީގައި ދޮށި އަޅާ މީހެއްގެ ވަޒީފާ ކަމަށެވެ. އަދި އޭގެ 10 ވަރަކަށް އަހަރުފަހުން އޭނާވަނީ ކެޔޮޅުކަން ކުރަން ފަށާފައެވެ. މިއާ އެކު މިހާރު ކެޔޮޅުކަން ކުރާތާ ވަނީ 15 އަހަރުވެފައި ކަމަށް އޭނާ ބުންޏެވެ.
ޖާބިރު ފާހަގަކުރި ގޮތުގައި މަސްވެރިކަން ކުރަމުން އައި ގޮތަށް މިހާރު ގިނަ ބަދަލުތަކެއްވަނީ އައިސްފައެވެ. މަސްވެރިކަމުގައި ބޭނުންކުރާ ވަސީލަތްތައްކާއި، އާލާތްތަކާއި އަދި މަސައްކަތް ކުރާ ވަގުތަށްވެސް ބަދަލުތަކެއް އައިސްފައިވާކަން އޭނާ ފާހަގަކުރިއެވެ. މަސްދޯނިފަހަރަށް އަންނަމުންދާ ތަރައްޤީ އޭނާ ފާހަގަކުރިއެވެ. މިހާރު ދޯނީގައި އުޅޭއިރު، ކަނޑުމަތީގައި އުޅޭ ކަމުގެ އިޙްސާސްވެސް ނުކުރެވޭ ކަމަށް ޖާބިރު ބުންޏެވެ.

ދޯނި ފަހަރުތަކަށް އައިސްފައިވާ ކުރިއެރުންތަކާއި އެކު މި ދާއިރާގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއަށްވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަން ޖާބިރު ފާހަގަކުރިއެވެ.
"ކުރިން މަހަށް ގޮސްގެން އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބޭނީ 3000 އެއްހާ ރުފިޔާ އެކަމަކު މިހާރު އެވްރެޖްކޮށް ލިބޭނެ 10000 ނޫނީ 12000 ވަރަކަށް ރުފިޔާ. މަހުގެ އަގު ރަނގަޅުއިރު މިއަށްވުރެ ގިނައިންވެސް ލިބޭ" ޖާބިރު ބުންޏެވެ.
ޖާބިރު ބުނީ ކުރިން މި ދާއިރާގައި އުޅެނީ ގިނައިން އުމުރުން ދުވަސްވީ މީހުން ކަމަށްވިޔަސް މިހާރު މަސްވެރިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން އުޅޭ ކަމަށެވެ.
އެގޮތުން އޭނާގެ ދޯނީގައިވެސް އުޅެނީ ގިނައިން ޒުވާނުންކަން ވެސް ޖާބިރު ފާހަގަކުރިއެވެ. ޖާބިރުވަނީ މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކާފައެވެ.
އެގޮތުން ދޮށީގެ މަސްވެރިންނަށް ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅާފައިވާ ކަނދުފަތިތަކަށް ގެއްލުންވާގޮތަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާ ކަން ޖާބިރު ފާހަގަކުރިއެވެ.
ޖާބިރު ބުނީ ކަނދުފަތިތަކަށް ގެއްލުންދޭ ފަރާތްތަކާއި އަދި ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީ މަސްވެރިކަންކުރާ ދޯނި ފަހަރުތަކާއި މެދު އަޅާ ފިޔަވަޅުތައް ހަރުކަށިކުރަން ޖެހޭ ކަމަށެވެ.
"މިހާރު އަޅާ ފިޔަވަޅަކީ ޖޫރިމަނާކުރުން، ޖޫރިމަނާ މިކުރަނީ ދޯނީގެ ކެޔޮޅާއި އޮޑިވެރިޔާ، މިއިން ކޮންމެ ފަރާތެއް ފަސްހާސް ރުފިޔާއިން، މިހާ ކުޑަ ފިޔަވަޅެއް އަޅައިގެން މިކަމަށް ހައްލެއް ލިބޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ،" ޖާބިރު ބުންޏެވެ.
ޖާބިރު ބުނީ ޤަވާއިދާ ޙިލާފަށް ކަނދުފަތި ކައިރިން މަސްވެރިކަން ކުރާ ފަރާތަކުގެ ރިޕޯޓުތައް މަސްވެރިން ކުރާ ކަމަށެވެ. އެހެން ނަމަވެސް އަޅާ ފިޔަވަޅު ލުއި ވުމުން މިކަމަށް ހުއްޓުމެއް ނާންނަކަމަށެވެ. ޖާބިރުވަނީ ޤަވާއިދާ ހިލާފަށް ކަނދުފަތިތައް ކައިރިން މަސްވެރިކަން ކުރާ ފަރާތްތަކާއި މެދު އަޅަން އޭނާއަށް ފެންނަ ފިޔަވަޅާ ގޮތުންވެސް ވާހަކަދައްކާފައެވެ.
"މަސްވެރިކަމަށް އޮޑި ފަހަރަށް ދޫކޮށްފައި މިއޮންނަ ލައިސެންސް، ސަރުކާރުން ދޫކޮށްފައި އޮންނަ ލައިސެންސްއެއްމީ، މި ލައިސެންސް މަސްދުވަހަށް ނޫނީ ދެމަސް ދުވަހަށް ސަރުކާރުން ހިފަހައްޓާލަންވީ، އޭރުން މިކަން ހުއްޓޭނެ،" ޖާބިރު ބުންޏެވެ.
މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން ކަނދުފައްޗަށް ގެއްލުން ދިނުމާއި، ކަނދުފަތި ވަށައިގެން 3 މޭލު ސަރަހައްދުފައި ދިރޭ އެންޖަހައިގެން މަސްވެރިކަން ކުރުމާއި، ކަނދުފަތި ކައިރީގައި ވަދު ދެމުމާއި، ތާވަޅު އުކުންމާއި އަދި ކަނދުފަތީގައި ވާ އެއްސުމަކީ މަނާ ކަންކަމެވެ.