ތ.ވަންދޫ ކުއްޖަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މިއަދު މެންދުރު ހިނގި މިހާދިސާގައި މިޔަރު ދަތް އަޅާފައިވަނީ އެ ކުއްޖާގެ އަތުގެ އުޅަނބޮއްޓާއި ކުޑަހުޅާ ދޭތެރޭގައެވެ. މިހާދިސާގައި ކުއްޖާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެ ވަންދޫ ސިއްޚީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެއަތޮޅު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވަންދޫ ކައުންސިލުން ބުނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ 10 އަހަރުގެ ކުއްޖެކެވެ.
ވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ގިޔާސް ވިދާޅުވީ، މިހާދިސާ ހިނގީ ރަށުގެ އަތިރި މަތީ އެކުއްޖާ މަސް ބާނަން އުޅުމުގެ ތެރޭގައި ރޯލުގައި ގަތް މިޔަރެއް މަރާނުލާ ބުޅި ނައްޓަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"މެކުނު ބާނަން ގޮސް އުޅެނިކޮށް ގަތް މިޔަރެއް އެއީ. އެ މިޔަރު ނަގައިގެން އޭނާ އުޅުނީ ބުޅި ނައްޓާފަ ދޫކޮށްލަން. އެހެން އުޅެނިކޮށް މިޔަރު އެނބުރިފަަ އަތުގަ ހިފީ. އަތް ވަރަށް ބޮޑަށް ޒަހަމް ކޮށްލާފަ ހުރީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ކަނޑަށް ވެއްޓުނު މަސްވެރިޔަކަށްވެސް ވަނީ މިޔަރެއް ހަމަލާދީ ޒަހަމްކޮށްލާފައެވެ.