މިފްކޯ ތަރައްޤީވުމުން މަސްވެރިކަމުގެ ހަޔާތުގަ ދުވަހަކުވެސް ނުގެނޭވޭހާ ކުރިއެރުމާއި އިތުރު އުންމީދުތަށް މަސްވެރިންނަށް ލިބިގެންދާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މިފްކޯގެ ހަޔާތުގައިވެސް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދެވިފައިވާނީ މިދިޔަ އަހަރު ކަމަށާއި، އެއީ ދުއިސައްތަ ތިން މިލިއަން ރުފިޔާ ކަމަށެވެ. ފާއިތުވި ދެއަހަރުވެސް އުތުރުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ކަން ފާހަގަ ކުރަމުން ފައުޒީ ވިދާޅުވީ، އުތުރުގެ މަސްވެރިކަން މިހާ ރަނގަޅު އިރުވެސް ފެލިވަރުގެ ވަސީލަތްތަށް މަދު ކަމަށާއި، ހުރި ވަސީލަތްތަކާއިއެކު އެތަނުގެ ސްޓާފުން އެތަން މެނޭޖްކޮށް ވަރަށް ރަނގަޅަށް ބެލަހައްޓަމުން ދިޔަކަން ފައުޒީ ފާހަގަ ކުރިއެވެ.
އިތުރަށް ވާހަކަ ދައްކަމުން ފައުޒީ ވިދާޅުވީ މިފްކޯ ވަސީލަތްތަށް ތަރައްޤީ ކުރުމަށް ގާތްގަނޑަކަށް ފަންސާސް މިލިއަންރުފިޔާގެ އިންވެސްޓްމެންޓެއް ރާއްޖޭގެ އުތުރާއި ދެކޮނަށް އަމާޒުކޮށްފައިވާނެކަމަށާއި، އަންނަ އަހަރު ތެރޭގައި މިޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެނިގެންދާނެ ކަމަށެވެ. މިގޮތުން ފެލިވަރުގެ 4000 ޓަނުގެ ސްޓޯރޭޖް ގާއިމް ކުރުމާއިއެކު، ފެލިވަރުގެ މަސްގަންނަ ފްރީޒިންގ ކެޕޭސިޓީ 200 ޓަނު ދުވާލެއްގެ މައްޗަށް ފްރީޒް ކުރެވޭ ގޮތަށާއި އަދި އާރުއެސްޑަބްލިއުގައި 80 ޓަން ބެހެއްޓޭ ގޮތަށާއި އިތުރު 100 ޓަނުގެ ކޭނަރީއެއް ގާއިމް ކުރެވިގެން ދާނެކަމަށް ފައުޒީ ވިދާޅުވިއެވެ. މީގެ އިތުރުން ކަނޑުއޮއްގިރީގެ ހާލަތު ރަނގަޅުކޮށް އެރަށުގައި ރަނގަޅު ބަނދަރެއް އެޅުމުގެ މަސައްކަތާއި، ކަނޑުއޮށްގިރި ކުރިއަށް އޮތްތާގައި ޕެކިންގ ފެސިލިޓީއެއް ގޮތުގައި ތަރަށްޤީ ކުރެވިގެންދާނެ ކަމަށް ފައުޒީ ވިދާޅުއެވެ.
ކޮވިޑްގެ ހާލާއި ގުޅިގެން ރާއްޖޭގެ އެންމެބޮޑު އެއް ސިނާޢަތް ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ ގާތްގަނޑަކަށް ހުއްޓުމަކަށް އައިކަން ފާހަގަ ކޮށްލެވޭ ކަމަށާއި، މި ދަނޑިވަޅުގައި ރާއްޖޭގެ އެންމެ ރަނގަޅު އިޤްތިސާދީ ހަރަކާތަކަށް ހިންގުނީ މަސްވެރިކަން ކަމުން އެއިން އެނގިގެން ދަނީ މިސިނާއަތަށް ވެސް ކުރިއަށްވުރެ ބޮޑަށް އަޅާލަން ޖެހޭކަމަށް ފައުޒީ ފާހަގަކުރިއެވެ.
One Response
މިފުކޯ ތަރައްގީ ވުމުން ދުނިޔޭގަ އޮތް އެންމެ މުއްސަނދި ކުންފުންޏަށް ވާނެ.